އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ލ. އަތޮޅުގައި އައްޑޫ ސިޓީގެ މަސްދޯންޏަކަށް ބަޔަކު އަރައި ހިންގި ޓެރަރިޒަމްގެ ޢަމަލުގެ ތަޙުޤީޤު އަވަސްކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންފި

27 އޮކްޓޯބަރ 2020     4 weeks ago


ލ. އަތޮޅު އެތެރެވަރި ވަޑިނޮޅު ކަނޑުގައި އޮތް އައްޑޫ ސިޓީގެ މަސްވެރިންތަކެއް ޙަރަކާތްތެރިވަމުންދިޔަ މަސްދޯންޏަކަށް ތޫނު ހަތިޔާރާއެކު ބަޔަކު އަރައި ހިންގި ޓެރަރިޒަމްގެ ޢަމަލުގެ ތަޙުޤީޤު އަވަސްކޮށްދެއްވުމަށް އައްޑޫ ސިޓީ ކައުންސިލުން ކޮމިޝަނަރ އޮފް ޕޮލިސް، އަލްފާޟިލް މުޙައްމަދު ޙަމީދާއި މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ، އަލްފާޟިލާ ޒަހާ ވަޙީދުގެ އަރިހުން އެދިވަޑައިގެންފިއެވެ.

އެގޮތުން އައްޑޫ ސިޓީ ކައުންސިލުން ވަނީ މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ދޫކުރައްވާފައިވާ ޞައްޙަ ލައިސަންސެއްގެ ދަށުން ޤާނޫނު ނަންބަރު 14/2019 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު) އާއި އެއްގޮތަށް މަސްވެރިކަން ކުރަމުންދަނިކޮށް، މި ސިޓީގެ މަސްވެރިންތަކެއް ޙަރަކާތްތެރިވަމުން ދިޔަ މަސްދޯންޏެއް ކަމަށްވާ "ފަސްކުރި" މަސްދޯނި (ރަޖިސްޓްރީ ނަންބަރު P5422B-01-06-O)، ލ. އަތޮޅުގައި މަސްވެރިކަމުގައި ޙަރަކާތްތެރިވަމުން ދަނިކޮށް ތޫނު ހަތިޔާރާއެކު ބަޔަކު އެރުމަށްފަހު ހިންގާފައިވާ ޓެރަރިޒަމްގެ ޢަމަލުގެ ތަޙުޤީޤު އަވަސްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

މީގެ އިތުރުން އައްޑޫ ސިޓީ ކައުންސިލުން ވަނީ މި ދޯނީގެ ފަޅުވެރިން މަސްވެރިކަން ކުރުމުގައި ޙަރަކާތްތެރިވަމުން ދަނިކޮށް، އެ ފަރާތްތަކުގެ މަސައްކަތަށް ހުރަސް އެޅި ފަރާތްތަކާމެދު އަވަސް ފިޔަވަޅެއް އަޅުއްވައިދެއްވުމަށްވެސް އެދިވަޑައިގެންފައެވެ.

އަދި އެ ދޯނީގެ ފަޅުވެރިންނަށް އައްޑޫ ސިޓީ އަށް އާދެވެންދެން، އެ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދެއްވުމަށް ކައުންސިލުން ވަނީ ކޮމިޝަނަރ އޮފް ޕޮލިސްގެ އަރިހުގައި އެދިވަޑައިގެންފައެވެ.

މި ހާދިސާ ދިމާވި އައްޑޫ ސިޓީގެ މަސްވެރިންނާއި ޢާއިލާތައް ތިބީ ބިރުވެރިކަމެއްގެ ތެރޭގައިކަން ފާހަގަކުރަމެވެ. އަދި މި ޢަމަލު އެންމެ ހަރުކަށި އިބާރާތަކުން ކުށްވެރިކޮށް، މި ޢަމަލު ހިންގި ފަރާތްތަކާމެދު ޤާނޫނުގައިވާ ގޮތުގެ މަތިން އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށްވެސް ކަމާބެހޭ އެންމެހައި އިދާރާތަކަށް ގޮވައިލަމެވެ.