އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީގައި ގެސްޓްހައުސް އަދި ސިޓީ ހޮޓާ ތަރައްޤީ ކުރުމާ ގުޅޭ ޕްރީ-ބިޑް މީޓިންގ ބާއްވައިފި

2 ނޮވެމްބަރ 2020     3 weeks ago


އައްޑޫ ސިޓީގައި ގެސްޓްހައުސް އަދި ސިޓީ ހޮޓާ ތަރައްޤީ ކުރުމާ ގުޅޭ ޕްރީ-ބިޑް މީޓިންގ ބާއްވައިފި

އައްޑޫ ސިޓީގައި ޓޫރިޒަމް ޒޯންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ސަރަހައްދުތަކުން ގެސްޓްހައުސް އަދި ސިޓީ ހޮޓާ ތަރައްޤީކޮށް ހިންގުމަށް ބިންތައް ކުއްޔަށް ދޫކުރުމަށް ކުރެވުނު އިޢުލާނާއި ގުޅިގެން ޝައުޤުވެރިކަން ފާޅުކުރެއްވި ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ގޮތުން ޕްރީ-ބިޑް ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ.

މިއަދު މެންދުރު ކުރީގައި "ގޫގުލް މީޓް" މެދުވެރިކޮށް އޮންލައިންކޮށް ބޭއްވި މި ބައްދަލުވުމުގައި އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ބައިވެވަޑައިގަތީ މޭޔަރ އާއި ކައުންސިލަރުންގެ އިތުރުން މި އިދާރާގެ ޕްލޭނިންގ ސެކްޝަނާއި ލީގަލް ސެކްޝަނުންނެވެ.

މި ޕްރީ-ބިޑް ބައްދަލުވުމުގައި ބައިވެރިވުމަށް ޝައުޤުވެރިކަން ފާޅުކުރައްވައި މިހާތަނަށް 27 ފަރާތުން ރަޖިސްޓްރީ ކުރެއްވި ނަމަވެސް، މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ އޭގެ ތެރެއިން 19 ފަރާތަކުންނެވެ.

މިއަދުގެ ބައްދަލުވުމުގައި އައްޑޫ ސިޓީގެ ޓޫރިޒަމް ޒޯންތަކުން ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކާއި ގުޅޭ މަޢުލޫމާތާއި، މި މަޝްރޫއަށް ބިޑް ހުށަހެޅުމުގައި ޢަމަލު ކުރަންވީ ގޮތުގެ ތަފްޞީލާއި ގުޅޭ މަޢުލޫމާތު ބައްދަލުވުމުގެ ބައިވެރިންނަށް ވަނީ ދީފައެވެ.

އައްޑޫ ސިޓީގައި ޓޫރިސްޓް ގެސްޓްހައުސް އަދި ސިޓީ ހޮޓާ ހިންގުމަށް ދޫކުރުމަށް ހަމަޖެހިފައި ވަނީ ހަ އަވަށުން 96 ބިމެކެވެ. އެއީ ހިތަދޫ ހައްދޫ ޓޫރިޒަމް ޒޯންގެ މާމެން ބީޗް ސަރަޙައްދުން 30 ބިމަކާއި، ފޭދޫ ދިގިހެރަ ޓޫރިޒަމް ޒޯންގެ ސަވާ ބީޗް ސަރަޙައްދުން 24 ބިމަކާއި، މަރަދޫ ވެންބޮޅަފިށި ޓޫރިޒަމް ޒޯނުން އެއް ބިން އަދި ހުޅުދޫ މާފިށި ޓޫރިޒަމް ޒޯންގެ ކޭވަށް ބީޗުން 25 ބިމަކާއި، މީދޫ މުލިމަތި ޓޫރިޒަމް ޒޯންގެ ކޯގަން ބީޗުން 16 ބިމެކެވެ. މީގެ ތެރެއިން 79 ބިމަކީ ގެސްޓްހައުސް ތަރައްޤީ ކުރުމަށް ދޫކުރެވޭ ބިންތައް ކަމަށްވާއިރު، ސިޓީ ހޮޓާ ތަރައްޤީ ކުރުމަށް ދޫކުރުމަށް ހަމަޖެހިފައި ވަނީ 17 ބިމެކެވެ.