އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މޯލްޑިވިއަން ރެޑް ކްރެސެންޓުން އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވައިފި

16 ނޮވެމްބަރ 2020     1 week ago


މޯލްޑިވިއަން ރެޑް ކްރެސެންޓުން އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވައިފި

މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމް.އާރް.ސީ) އިން އައްޑޫ ސިޓީ ކައުންސިލާ މިއަދު ބައްދަލުކުރައްވައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި މިއަދު ހެނދުނު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން މޯލްޑިވިއަން ރެޑް ކްރެސެންޓްގެ ރައީސް، އަލްފާޟިލް ޢަލީ ނާޝިދު ވަނީ އައްޑޫ ސިޓީގައި އެ ޖަމިއްޔާއިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި ސިޓީ ކައުންސިލުން ދެއްވާ އެއްބާރުލެއްވުމަށް ޝުކުރު ދަންނަވައިފައެވެ. މީގެ އިތުރުން އައްޑޫ ސިޓީ ކައުންސިލުން މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި މޯލްޑިވިއަން ރެޑް ކްރެސެންޓަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައްވެސް އަލްފާޟިލް ޢަލީ ނާޝިދު ވަނީ އޮޅުންފިލުއްވައިފައެވެ.

މިއަދު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި މޭޔަރ، ޢަބްދުﷲ ޞާދިޤް ވަނީ ސިޓީ ކައުންސިލުން މިހާރު ކުރަމުންދާ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ޙިއްސާކުރައްވައިފައެވެ.

މީގެ އިތުރުން މިއަދުގެ ބައްދަލުކުރެއްވުމުގައި ވަނީ ގެވެށި އަނިޔާގެ މައްސަލަތައް އިތުރުވުމާއި ގުޅިގެން، ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކަށް އެކަށީގެންވާ ގޮތެއްގައި ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ވަނީ އައްޑޫ ސިޓީގައި ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ ޒުވާނުންނަށް ޚާއްޞަކޮށްގެން ޖުވެނައިލް ހޯމެއް ހެދުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރައްވައިފައެވެ.

މިއަދުގެ މި ބައްދަލުކުރެއްވުމުގައި މޯލްޑިވިއަން ރެޑް ކްރެސެންޓުން ވަނީ އައްޑޫ ސިޓީ ކައުންސިލުން އެ ޖަމިއްޔާއިން ކުރައްވާ މަސައްކަތަށް ދެއްވާ އެއްބާރުލެއްވުން ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވުމުގެ ގޮތުން ޚާއްޞަ ހަނދާނީ ލިޔުމެއްވެސް ދެއްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި މޯލްޑިވިއަން ރެޑް ކްރެސެންޓްގެ ސެކްރެޓަރީ ޖެނެރަލް، އަލްފާޟިލާ ފާތިމަތު ހިމްޔާ އާއި މޯލްޑިވިއަން ރެޑް ކްރެސެންޓްގެ އައްޑޫ ގޮފީގެ މެނޭޖަރ، އަލްފާޟިލާ ޝަފްނާ އަޙްމަދުގެ އިތުރުން ކައުންސިލަރުންވެސް ބައިވެރިވެލެއްވިއެވެ.