އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީގައި ކޮވިޑް-19 އާ ގުޅޭގޮތުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން އައްޑޫ ސިޓީ ކައުންސިލުން އޭ.އީ.އެޗް އާ މަޝްވަރާކުރައްވައިފި

18 ޖެނުއަރީ 2021     3 years ago


އައްޑޫ ސިޓީގައި ކޮވިޑް-19 އާ ގުޅޭގޮތުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން އައްޑޫ ސިޓީ ކައުންސިލުން އޭ.އީ.އެޗް އާ މަޝްވަރާކުރައްވައިފި

އައްޑޫ ސިޓީގައި ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތާ ބެހޭގޮތުން އައްޑޫ ސިޓީ ކައުންސިލާއި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭ.އީ.އެޗް) އާއެކު މަޝްވަރާކުރައްވައިފިއެވެ.

މިއަދު ހެނދުނު އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގައި ބޭއްވި މި ބައްދަލުވުމުގައި ކޮވިޑް-19ގެ ޙާލަތު އަނެއްކާވެސް ގޯސްވަމުންދިއުމާ ގުޅިގެން، މިކަމަށްޓަކައި އައްޑޫ ސިޓީން ތައްޔާރުވެފައިވާ މިންވަރާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

އެގޮތުން މިއަދުގެ ބައްދަލުވުމުގައި ކޮވިޑް-19 އާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގައި ޓްރައޭޖް ނިޒާމެއް ޤާއިމްކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވައިފައެވެ. އަދި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ އިންސާނީ ވަސީލަތްތަކުގެ ދަތިތަން ހުރުމާއެކު، ޓްރައޭޖް ހެދުމަށް ވޮލަންޓިއަރުން ނެގުމާއި، ވޮލަންޓިއަރ ކުރައްވާ ފަރާތްތަކަށް އިނާޔަތް ދިނުމާ ގުޅޭގޮތުން މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރައްވާފައި ވެއެވެ.

މީގެ އިތުރުން ކޮވިޑް-19 އަށް ހޭލުންތެރިވެ، މި ބަލިން ރައްކާތެރިވުމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލާއި، އައްޑޫ ސިޓީ ކައުންސިލް ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުންވެސް މިއަދުގެ ބައްދަލުވުމުގައި ވަނީ ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފައެވެ.

މި ބައްދަލުވުމުގައި، އައްޑޫ ސިޓީ ހުޅުމީދޫ ޞިއްޙީ މަރުކަޒުގެ އާ އިމާރާތުގެ ނުނިމި ހުރި މަސައްކަތްތައް ނިންމަން ހަވާލު ކުރެވުނު މަޝްރޫޢަށް ގެނެވޭ ބަދަލުތަކުގެ ތެރޭގައި، އެ މަރުކަޒުން އެކްސްރޭ އާއި ސްކޭން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވައިފައެވެ.

އަދި އައްޑޫ ސިޓީ މަރަދޫފޭދޫ ދަމަނަވެށީގައި، ކުޑަކުދިންނަށް ޚާއްޞަކޮށްގެން ސްޕީޗް ތެރަޕީފަދަ ޚިދުމަތްތައް ފެށުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރައްވައިފެއެވެ.