އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ހިތަދޫ ކެމްޕަހުގެ ޚިދުމަތްތައް ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

1 ފެބުރުއަރީ 2021     3 years ago


ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ހިތަދޫ ކެމްޕަހުގެ ޚިދުމަތްތައް ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ)ގެ ފަރާތުން މިއަދު އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި، އެމް.އެން.ޔޫ ހިތަދޫ ކެމްޕަސް 02 ގައި ދެ ފަންގިފިލާގެ އިމާރާތެއް ޤާއިމުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މިގޮތުން އެ އިމާރާތުގައި އެ ޔުނިވަރސިޓީގެ ބުކްޝޮޕެއް ޤާއިމުކުރުމާއި، އިމާރާތުގެ ބައިތައް އޮފީސް ހިންގުމަށާއި، ޢާންމުންނަށް ވިޔަފާރީގެ ބޭނުމަށް ދޫކުރުމާ ގުޅޭގޮތުން ބައްދަލުވުމުގެ ބައިވެރިން ވަނީ މަޝްވަރާކުރައްވައިފައެވެ.

މީގެ އިތުރުން، ސިޓީ ބުސްތާންގައި އެންމެ ފަހުގެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ދަނޑުވެރިކަން ފެށުމުގެ ގޮތުން، ސިޓީ ކައުންސިލާއި އައްޑޫ ޕީޕަލްސް ކޯޕަރޭޓިވް (އޭ.ޕީ.ސީ) ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވައިފައެވެ.

އަދި އަންނަ އަހަރުގެ ތެރޭގައި ދަނާލުގެ އާ ޢިމާރާތެއް ޤާއިމުކުރުމާއި، ކެމްޕަސް 02ގެ އެކޮމޮޑޭޝަން އަޕްގްރޭޑް ކުރުމުގެ އިތުރުން، އެ ކެމްޕަހުގައި ފަތުރުވެރިކަމާ ގުޅޭ ކޯސްތައް ފެށުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން މި އަހަރުގެ ދެވަނަ ޓާމުގައި އެ ކެމްޕަހުގައި ފަތުރުވެރިކަމުގެ ދާއިރާގެ ކޯސްތައް ފެށުމަށް ރާވާފައިވާ ކަމުގައި އެމް.އެން.ޔޫގެ ފަރާތުން ހާމަކުރެއްވިއެވެ.

މިއަދުގެ ބައްދަލުވުމުގައި، އެމް.އެން.ޔޫގެ ހިތަދޫ ކެމްޕަހުގައި ފުޓްސަލް އާއި، ނެޓްބޯޅަ އަދި ހޭންޑްބޯޅައިގެ އިތުރުން ބާސްކެޓްބޯޅަ ފަދަ ކުޅިވަރުތައް ކުޅެވޭނެ ގޮތަށް މަލްޓިޕަރޕަސް ހޯލެއް ޤާއިމުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. މިގޮތުން އެ ހޯލު އެންމެ ރަނގަޅު ގޮތުގައި އިމާރާތްކޮށް ބޭނުންކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ބައްދަލުވުމުގެ ބައިވެރިން މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން، މި ބައްދަލުކުރެއްވުމުގައި، ސިޓީ ބާޒާރުގައި މިހާރު ހުރި ފިހާރަތައް ބޮޑުކުރުމާއި، އިތުރު ފިހާރައާއި ކޮފީ ޝޮޕެއްގެ އިތުރުން ފާޚާނާ ބަރިއެއްވެސް ޤާއިމުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

މިއަދުގެ ބައްދަލުވުމުގައި އެމް.އެން.ޔޫގެ ފަރާތުން ހާމަކުރެއްވި ގޮތުގައި އެ ޔުނިވަރސިޓިގެ އެންވަޔަރަންމަންޓް ޑިޕާޓްމަންޓްގެ ދަށުން މޫސުމީ ބަދަލުތަކާ ގުޅޭ ކޯސްތައް ފެށުމުގެ މަސައްކަތް ކުރަމުންދާ ކަމުގައެވެ. މީގެ އިތުރުން، ބޭރުގެ ޔުނިވަރސިޓީތަކާ ގުޅިގެން، އެމް.އެން.ޔޫގެ ހިތަދޫ ކެމްޕަހުގައި މޫސުމީ ބަދަލުތަކާ ގުޅޭ ރިސާރޗް އިންސްޓިޓިއުޓެއް ޤާއިމުކުރުމަށް ނިންމަވާފައިވާ ކަމަށާއި، މި ފެބުރުވަރީ މަހުގެ މެދުތެރޭގައި މި މަސައްކަތް ފެށިގެންދާނެ ކަމުގައި އެ ޔުނިވަރސިޓީގެ ފަރާތުން ހާމަކުރައްވާފައިވެއެވެ.

މިއަދުގެ ބައްދަލުކުރެއްވުން ނިންމަވާލައްވަމުން އެމް.އެން.ޔޫގެ ވައިސް ޗާންސެލަރ، ޑރ. މުޙައްމަދު ޝަރީފް ވިދާޅުވީ، އެ ޔުނިވަރސިޓީގެ ކައުންސިލްގެ 300 ވަނަ ބައްދަލުވުން އައްޑޫ ސިޓީގައި ބޭއްވުމަށް ނިންމަވާފައިވާ ކަމުގައެވެ.

މިއަދުގެ ބައްދަލުވުމުގައި އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން މޭޔަރ އާއި ޑެޕިޔުޓީ މޭޔަރގެ އިތުރުން ބައެއް ކައުންސިލަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެމް.އެން.ޔޫގެ ފަރާތުން އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ، ޑރ. މުޙައްމަދު ޝަރީފާއި، ޑެޕިޔުޓީ ވައިސް ޗާންސެލަރ، އަލްފާޟިލް ހުސައިން ހަލީމް އަދި ހިތަދޫ ކެމްޕަހުގެ މެނޭޖަރ، އަލްފާޟިލް އިދުހާމް ފަހުމީވެސް މި ބައްދަލުކުރެއްވުމުގައި ބައިވެރިވެލެއްވިއެވެ.