އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީ ކައުންސިލުން އައްޑޫގެ ޚުޠުބާ ކޮމިޓީއާ ބައްދަލުކުރައްވައިފި

25 ފެބުރުއަރީ 2021     3 years ago


އައްޑޫ ސިޓީ ކައުންސިލުން އައްޑޫގެ ޚުޠުބާ ކޮމިޓީއާ ބައްދަލުކުރައްވައިފި

އައްޑޫ ސިޓީ ކައުންސިލަށް ދީނީ ކަންކަމުގައި ލަފާދޭ ޚުޠުބާ ކޮމިޓީއާ ކައުންސިލުން މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، ފަޤީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވާލުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. މިގޮތުން ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓަރީވުމަށް އެދޭ ފޯމުގައި އިމާމު ނުވަތަ މުދިމެއްގެ ބަސް ހިމެނުމަށް ކަނޑައަޅާފައިވާ ބައި ފުރިހަމަ ކުރުމަށް އިމާމުންނާއި މުދިމުން ހިމެނޭ ތިން މެންބަރުންގެ ކޮމިޓީއެއް އެކުލަވާލެއްވުމަށް ނިންމެވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި މޭޔަރ ވަނީ، ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ހިމެނުން ޙައްޤުވާ ފަރާތްތަކަށް އެ ޙައްޤު ހޯދައިދިނުމަކީ ކައުންސިލާއި، އަވަށު އޮފީސްތަކާއި އިމާމުންގެ ޒިންމާއެއް ކަމުގައި ވިދާޅުވެފައެވެ. މިގޮތުން ފޯމު ފުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކާއި، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް އެއްކުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް މޭޔަރ އާއި ބައްދަލުވުމުގެ ބައިވެރިން ވަނީ އަލިއަޅުއްވާލައްވައިފައެވެ.

މީގެ އިތުރުން، ފޯމު ފުރަން ނޭނގުމުގެ ސަބަބުންނާއި، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ގިނަވުމުގެ ސަބަބުން ފޯމު ހުށަހެޅުމަށް ފަސްޖެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.

އަދި ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފޯމުތަކުގައި ބަޔާންކޮށްފައިވާ މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރު ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުންވެސް ބައްދަލުވުމުގެ ބައިވެރިން މަޝްވަރާކުރެއްވިއެވެ. މިގޮތުން ދަފުތަރުގައި ހިމެނުމަށް ޙައްޤުވާ ފަރާތްތައް ދަފުތަރުގައި ހިމެނުމަކީ މުހިންމު ކަމެއް ކަމުގައިވެސް ބައްދަލުވުމުގެ ބައިވެރިން ފާހަގަކުރެއްވިއެވެ.

މިއަދުގެ ބައްދަލުވުމުގައި، ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިސްނަންގަވައިގެން ކުރިއަށްގެންދެވުމަށް ނިންމަވާފައިވާ 'ރަމަޟާން ކައުންޓްޑައުން' ޕްރޮގްރާމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. މިގޮތުން ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި، އައްޑޫ ސިޓީގެ އަވަށްތަކުން ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ކުރަމުންގެންދާ ޙަރަކާތްތައް ހިމެނިދާނެ ގޮތްތަކާއި، ރަމަޟާން މަހަށް ޚާއްޞަކޮށްގެން މި ސިޓީގައި ކުރުމަށް ރާވާފައިވާ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

މިގޮތުން ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އައްޑޫގެ އަވަށްތަކުގައި ރަމަޟާން މަހާ ދިމާކޮށް ބެނާތައް ހަރުކުރުމާއި، ލުއިފޮތްތައް ބެހުމަށް ނިންމަވާފައިވާ ކަމުގައި ދީނީ ޢިލްމުވެރިންނާއި އިމާމުން ފާހަގަކުރެއްވިއެވެ. އަދި މިފަދަ ޕްރޮގްރާމެއް ކުރިއަށްގެންދިއުމަކީ ރައްޔިތުންގެ މެދުގައި ދީނީ ރޫހު އާލާވެގެންދާނެ ވަރަށް މުހިންމު ކަމެއް ކަމުގައިވެސް ބައްދަލުވުމުގެ ބައިވެރިން ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާ ގުޅިގެން އައްޑޫގައި ދީނީ ދަރުސް ދިނުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދިއުމާ ގުޅޭގޮތުން މިއަދުގެ ބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.

އަދި، ކޮވިޑް-19ގެ މި ޙާލަތުގައި އައްޑޫ ސިޓީގައި ނިޔާވާ ފަރާތްތަކުގެ ކަށުކަމާކެމީގެ ކަންތައްތަކާއި ޖަނާޒާތައް ކުރިއަށްގެންދިއުމުގައި ޢަމަލުކުރާނެ ގޮތްތަކާ ގުޅޭގޮތުން ބައްދަލުވުމުގެ ބައިވެރިން މަޝްވަރާކުރެއްވިއެވެ. މިގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީން އެކުލަވާލައްވާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އެކަންތައްތައް ކުރިއަށްގެންދިއުމާއި، ކަށުކަމާކެމީގެ ކަންތައްތައް ކުރިއަށް ގެންދަވާ ފަރާތްތަކުން ފޭސް މާސްކާއި ފޭސް ޝީލްޑް އަދި އަންގި ބޭނުންކުރެއްވުމުގެ މުހިންމުކަންވެސް ބައްދަލުވުމުގައި ބައިވެރިވެލެއްވި ޢިލްމުވެރިން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އައްޑޫގެ ބައެއް މިސްކިތްތަކުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިންތަކާ ޚިލާފަށް ބައެއް ފަރާތްތަކުން ޢަމަލު ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައި، އެކަންތައްތައް އިޞްލާޙު ކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.

މިއަދުގެ ބައްދަލުވުމުގައި، މިސްކިތްތަކަށް ނަމާދަށް ވަޑައިގަންނަވާ ފަރާތްތަކުން ފޭސް މާސްކު އަޅުއްވައިގެން އަމިއްލަ މުސައްލައެއް ހިއްޕަވައިގެން ވަޑައިގެންނެވުމަށާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިންތަކާ އެއްގޮތަށް ޢަމަލުކުރެއްވުމަށް ބައްދަލުވުމުގެ ބައިވެރިން ވަނީ އިލްތިމާސްކުރައްވައިފައެވެ.