އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީގައި ފަތުރުވެރިކަމާ ގުޅުންހުރި ކޯސްތައް ހިންގުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

6 އެޕްރީލް 2021     2 years ago


އައްޑޫ ސިޓީގައި ފަތުރުވެރިކަމާ ގުޅުންހުރި ކޯސްތައް ހިންގުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

މިނިސްޓްރީ އޮފް ޓޫރިޒަމާއި، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނާއި، މޯލްޑިވްސް ޕޮލިޓެކްނިކްގެ އިތުރުން އައްޑޫ ސިޓީ ކައުންސިލާއި އައްޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން އައްޑޫ ސިޓީގައި ފަތުރުވެރިކަމާ ގުޅޭ ތަމްރީނުތައް ހިންގުމާ ގުޅޭގޮތުން މަޝްވަރާގެ ބައްދަލުވުމެއް ބާއްވައިފިއެވެ.

މިއަދު މެންދުރުފަހު އޮންލައިންކޮށް ކުރިއަށްގެންދިޔަ މި ބައްދަލުކުރެއްވުމުގައި، ލައިފްގާޑާއި، ޓުއަރ ގައިޑް އަދި އަތްތެރި މަސައްކަތާއި، ހޯމް-ބޭސްޑް ލޯންޑްރީފަދަ ފަތުރުވެރިކަމާ ގުޅުންހުރި ކޯސްތައް އައްޑޫ ސިޓީގައި ހިންގުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވައިފައެވެ. މިގޮތުން މި ދާއިރާތަކުން ދަރިވަރުންނަށް ޤަޢުމީ ފެންވަރުގެ ސަނަދެއް ލިބޭ ފެންވަރުގެ ކޯސްތައް ހިންގުމުގެ މުހިންމުކަން ބައްދަލުވުމުގެ ބައިވެރިން ފާހަގަކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، އިބްރާހީމް ޙަސަން ވަނީ ޒުވާނުންނަށް ވިޔަފާރި ފަށައިގަތުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން "ޕިޗް-އަޕް: ޔޫތު އޮންތްރޮޕްރޮނާސް ޗެލެންޖް"ގެ ނަމުގައި އަންނަ މަހު މުބާރާތެއް ފެށުމަށް ހަމަޖެހިފައިވާކަން ފާހަގަކުރައްވައިފައެވެ. މިގޮތުން މި މުބާރާތުން އެއްވަނައަށް ދާ ފާ ފަރާތަކަށް 10،000 އެމެރިކާ ޑޮލަރާއި، 40،000 އެމެރިކާ ޑޮލަރާ ދެމެދުގެ މާލީ އެހީތެރިކަމެއް ވިޔަފާރި ފެށުމަށް ލިބޭނެއެވެ.

މި މަސައްކަތަކީ، އައްޑޫގެ އަންހެން ކަނބަލުންނަށް ގޭގައި ތިއްބަވައިގެން މަސައްކަތް ކުރެވޭނެ އިންތިޒާމު މަގުފަހިކުރުމަށާއި، އައްޑޫގެ ޒުވާނުންނާއި ފިރިހެނުންނަށްވެސް ޚާއްޞަކޮށްގެން ފަތުރުވެރިކަމުގެ ދާއިރާއިން ތަމްރީނުވެ، ވަޒީފާ ހޯދުމުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ މަޤްޞަދުގައި، އައްޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ މަސައްކަތެކެވެ.

މި މަސައްކަތަށް މިނިސްޓްރީ އޮފް ޓޫރިޒަމުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާއިރު، ފަންނީ އެހީތެރިކަމާއި ތަމްރީނުތައް ފޯރުކޮށްދެއްވާނީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުންނާއި މޯލްޑިވްސް ޕޮލިޓެކްނިކުންނެވެ. އަދި މި ކޯސްތަކަށް ދަރިވަރުން ހޯދުމުގެ މަސައްކަތް ކުރައްވާނީ އައްޑޫ ސިޓީ ކައުންސިލާއި، އައްޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީންނެވެ.