އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަނުން ކައުންސިލާ ބައްދަލުކޮށްފި

31 އޮކްޓޯބަރ 2016     7 years ago


ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަނުން ކައުންސިލާ ބައްދަލުކޮށްފި

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ އޮފިޝަލުން ކައުންސިލާއެކު ބައްދަލުވުމެއް އިއްޔެގެ  ވަގުތެއްގައި ވަނީ ބާއްވާފައެވެ.

މިބައްދަލުވުމަކީ އެންވައިރޮންމެންޓް މިނިސްޓްރީން އައްޑޫސިޓީގެ ކުނި މެނޭޖްކުރުން ވެމްކޯއާ ހަވާލުކުރުމަށް ނިންމައިފައިވާތީ އެކަމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވުމަށްޓަކައި ދިރާސާ ކުރުމަށް އެކޯޕަރޭޝަންގެ ފަރާތުން އައްޑޫއަށް ކުރި ޒިޔާރަތުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ. ވެމްކޯގެ ފަރާތުން އެ ކުންފުނީގެ ބިޒްނަސް ޑެވެލޮޕްމެންޓް މެނޭޖަރ މުޙައްމަދު އިޤްބާލް މައުލޫމާތު ދެއްވި ގޮތުގައި މި ދަތުރުގެ ބޭނުމަކީ ހުރިހާ ސްޓޭކް ހޯލްޑަރުންނާ ބައްދަލުކޮށް މިހާރު ހުރި ދަތިތައް ހޯދައި މަސައްކަތް ކުރެވޭނެ ގޮތްތައް ކަނޑައެޅުމުގައި އެއްކުރެވޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް ޕްލޭނެއް ހެދުން ކަމަށެވެ. އަދި މި ޕްލޭން މިނިސްޓްރީއާ ހިއްސާކޮށް މިނިސްޓްރީގެ ލަފަޔާ އެކު އެކުލެވޭ ޕްލޭންގެ ދަށުން ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރިއަށް ގެންދިއުމަށް ވިސްނާފައި އޮތް ކަމަށްވެސް ބުނިއްވިއެވެ.

މިދަތުރުގައި ވެމްކޯއިން ބައެއް އާންމު ރައްޔިތުންނާއި ފިހާރަތަކުގެ ވެރިންނާ ބައްދަލުކޮށް މައުލޫމާތު ހޯދިކަމަށް އެބޭފުޅުން ބުނެފައިވެއެވެ. މިގޮތުން ހޯދުނު ކަންތައްތަކުގެ ތެރޭގައި ކުނި ނެގުމުގެ ޙިދުމަތުގައި އަގަށް ވުރެ ބޮޑަށް ޙިދުމަތުގެ ފެންވަރު ރަނގަޅުވުމަށް އާންމުން ބޭނުންވެފައި ތިބިކަން ފާހަގަ ކުރިއެވެ. އަދި ކުނި އުފުއްލަން ޖެހޭ ރާސްތާ ދުރުވުމުން ގިނައިން ކުނި އުފުލޭ އެހެނެއްކަމަކު ދުއްވާ އެހެނިހެން އުޅަނދުތަކަށް ދަތިނުވާނެ ފަދަ ވެހިކަލްތައް ގެނެވޭތޯ ބަލާނެ ކަމަށާއި ޙިދުމަތް ދިނުމުގައި މެދުނުކެނޑި ކުރިއަށް ގެންދަންބޭނުންވާކަމަށްވެސް ބުންޏެވެ.

ލިންކްރޯޑަކީ ބާރު ސްޕީޑްގައި އެއްޗެހި ދުއްވާ މަގަކަށްވެފައި އަންދައިގެން ކުނި ނައްތާލުމުގެ މަސައްކަތް ކުރުމުން އާންމުންނަށް ދަތިވާނެތީ ކުނި މެނޭޖްކުރުމުގައި އެހެން ނިޒާމަކަށް ދެވޭތޯ މަސައްކަތް ކުރާނެކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ. ކުނި ކޮށި ޤާއިމް ވެފައިވަނީ ލިންކްރޯޑާއި ވަރަށްވެސް ގާތުގައި ކަމުން ކުނި އެންދުމުގެ ސަބަބުން މަގުން ދަތުރުކުރާ ދުއްވާ އެއްޗިއްސަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހެއެވެ.

އައްޑޫގައި ކުނީގެ މައްސަލަ ބޮޑުކަން އެގޭ ކަމަށާއި މިކަމަށް އަވަސް ހައްލެއް ގެނެވޭތޯ މަސައްކަތް ކުރައްވާ ކަމަށް މިބައްދަލުވުމުގައި އެންވައިރޮންމެންޓް މިނިސްޓްރީގެ ފަރާތުން އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ މުޙައްމަދު ހަމްދާން ވަހާކަ ދެއްކެވިއެވެ. މިގޮތުން ކޮމްޕެކްޓަރ ޓްރަކްތަކެއް ގެނައުމަށް ރާވާފައިވާ ކަމަށާއި ކުނި ނައްތާލުމުގައި ތިމާވެއްޓަށް ގެއްލުން ނުވާނެފަދަ ނިޒާމަކަށް ދިޔުމަށް ވިސްނާފައިވާ ކަމަށް ބުނެފައިވެއެވެ. އަދި ކުނި ނެގުމުގައި ކުނިވާ ޒާތުގެ ކުންޏާއި ކުނި ނުވާ ޒާތުގެ ކުނި ވަކި ކުރެވިގެން ގޭބިސީތަކުން ނެގޭނެ ގޮތް ވެއްޖެނަމަ ރީސައިކަލް ކުރުމުގައިވެސް ފަސޭހަ ވެފައި މަސައްކަތަށް ލުޔެއް ލިބިގެންދާނެކަން ހަމްދާން ފާހަގަކުރިއެވެ. ނަމަވެސް މިގޮތަށް މިކަން ކުރެވޭނީ އާންމުންގެ އެއްބާރުލުން ލިބިގެން ކަމަށާއި ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގަން ރާވާފައިވާ ކަމަށް ބުންޏެވެ.

ކުނި މޭނެޖްކުރުން މިހާރު ހަވާލު ވެފައި ވާ މޯލްޑިވްސް ރޯޑް ކޯޕަރޭޝަން (އެމް.އާރު.ޑީ.ސީ) އާވެސް މި ޓީމުން ވަނީ ބައްދަލުކޮށްފައެވެ. އެމް.އާރު.ޑީ.ސީ އިން ގޭބިސީތަކުން ހަފްތާއަކު ތިން ދުވަހު ކުނި ނެގުމަށް 159ރ. ނަގައެވެ.

އައްޑޫގެ ކުނި މެނޭޖްކުރުން ވޭމްކޯއިން ޖެނުއަރީ މަހު ހަވާލުވާން ނިންމާފަ ވާއިރު ދެކުނުގެ ކުނި މެނޭޖްކުރާ މަރުކަޒުތަކުގެ ބޭނުންތަކަށް ބާޖު ތަކެއް ބަނުމަށް އިންޑިޔާގެ ވިޖޭ މެރިން ޝިޕްޔާޑްސް ކިޔާ ކުންފުންޏަކާ މިދިޔަ މަހުގެ 28 ވަނަ ދުވަހު ވަނީ ހަވާލުކުރެވިފައެވެ.