އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަރަދޫ ބޮނޑޮގެ މަރާމާތަށްފަހު ރަސްމީކޮށް ހުޅުވައިފި

12 ނޮވެމްބަރ 2016     7 years ago


މަރަދޫ ބޮނޑޮގެ މަރާމާތަށްފަހު ރަސްމީކޮށް ހުޅުވައިފި

އައްޑޫސިޓީ މަރަދޫގައިވާ ތާރީޚީ ބިނާ ' ބޮނޑޮގެ' މަރާމާތުކުރުމަށްފަހު އަލުން ރަސްމީކޮށް އާންމުންނަށް ހުޅުވާލައިފިއެވެ. އައްޑޫގެ ތާރީޚީ ތަރިކައެއްކަމުގައިވާ ބޮނޑޮގެ އަޅާނުލެވި ވަރަށް ބޮޑަށް ވީރާނާވެފައިވަނިކޮށް ސިޓީކައުންސިލުން ޚަރަދު ކޮށްގެން އެތަން މިހާރުވަނީ ބޭނުންހިފޭ ތަނަކަށް ބަދަލުކޮށްފައެވެ.

ޖުމްހޫރީ ދުވަހާއި ގުޅުވައިގެން ބޮނޑޮގެ ހުޅުވުނު ރަސްމިއްޔާތުގައި ބޮނޑޮގެ މަރާމާތުކުރުމުގެ ހިޔާލު ހަޤީގަތަކަށް ހެދުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅާކަމުގައިވާ ޑެޕިއުޓީ މޭޔަރ އަބްދުﷲ ތައްޔިބް ބޮނޑޮގެ މަރާމާތުކުރުގެ މުހިއްމު ކަމާމެދު ވާހަކަފުޅު ދެއްކެވިއެވެ. ސިޓީ ކައުންސިލުން އެއްކަމަކަށް އެންމެ ބޮޑު ހޭދަޔަށް ކޮށްގެން ހިންގި މި ޕްރޮޖެކްޓްގެ މަސައްކަތަށް ބޮޑު ޚަރަދެއް ދިޔަ ކަމުގައިވިއަސް މިމަސައްކަތާއި ހަވާލުވި ފަރާތުން މަސައްކަތް ކޮށްދީފައިވަނީ ވަރަށްވެސް ކުޑަ އުޖޫރައެއް ނަގައިގެންކަން ޑެޕިއުޓީ މޭޔަރ ފާހަގަކުރެއްވިއެވެ.

ޑެޕިއުޓީ މޭޔަރގެ ވާހަކަފުޅުގައި މިމަސައްކަތް ކާމިޔާބު ކުރުމުގައި ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި ހިއްވަރަށް ޝުކުރު އަދާ ކުރެއްވިއެވެ. އަދި މިމަސައްކަތަކީ ކޮންމެހެން މަރަދޫއަށް ނިސްބަތްވާތީ ކޮށްދެއްވި ކަމެއްނޫންކަމަށާއި މިއީ ތާރީޚަށްޓަކައި ކޮށްދެއްވި މަސެއްކަތެއް ކަމުގައި ވިދާޅުވިއެވެ.

މަރަދޫ ބޮނޑޮގެ ހުޅުއްވައިދިނުމަށްފަހު ބޭއްވުނު ރަސްމިއްޔާތުގައި މޭޔަރ އަބްދުﷲ ޞާދިޤްވެސް ވާހަކަފުޅު ދެއްކެވިއެވެ. މޭޔަރގެ ވާހަކަ ފުޅުގައި ކައުންސިލުން ތާރީޚީތަންތަން ދެމެހެއްޓުމަށްޓަކައި ދެއްވާ އަހައްމިއްޔަތުގެ މައްޗަށް އަލިއަޅުއްވާ ވާހަކަފުޅުދެއްކެވިއެވެ. އަދި މިފަދަ ބިނާތައް ފަތުރުވެރިކަމާ ގުޅުވައިގެން ހިންގަން ކައުންސިލްގެ ވިސްނުމުގައި ހުރިއިރު މިކަމަށްޓަކައި އެއަރޕޯޓް ރަނގަޅު ފެންވަރެއްގައި ހެދިފައި އޮތުމަކީ މުހިއްމުކަމެއްކަމުގައި ވިދާޅުވިއެވެ.

ބޮނޑޮގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ބޮނޑޮގެ މަރާމާތުކުރުމުގެ މަސައްކަތް ކޮށްދެއްވި ފަރާތަތަކަށް ހަނދާނީ ލިޔުމެއްވަނީ އަރުވާފައެވެ. އަދި މީގެ އިތުރުން މިރަސްމިއްޔާތުގައި އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑަށާއި ކާސާ ހޯލްޑިންގް ޕްރައިވެޓް ލިމިޓެޑަށް ހަނދާނީ ފިލާއެއްވަނީ ކައުންސިލްގެ ފަރާތުން އަރުވާފައެވެ. މި ހަނދާނީ ފިލާއަކީ އައްޑޫ ގަމުގެ ބައިނަލް އަޤުވާމީ ވައިގެ ބަނދަރު ބޮޑުކޮށް އިތުރު ވަސީލަތްތަކާއެކު ތަރައްޤީކުރުމަށް ހިންގުނު ޕްރޮޖެކްޓަކީ މުޅި އައްޑޫގެ އިޤްތިސާދަށް ލިބިގެންދާނެ ކުރިއެރުމެއްކަމުން އެކަން ފާހަގަކޮށް ޝުކުރު އަދާ ކުރުމުގެ ގޮތުން އެރުވުނު ހަނދާނީ ފިލާއެކެވެ. އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މި ހަނދާނީ ފިލާއާ ހަވާލުވެވަޑައިގަތީ ޑެޕިއުޓީ މެނޭޖަރ އޮޕަރޭޝަންސް އަހްމަދު ޝަފީޤް އެވެ.