އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ވެކްޓަރ ކޮންޓްރޯލް ކެމްޕޭން ފަށައިފި

14 ނޮވެމްބަރ 2016     7 years ago


ވެކްޓަރ ކޮންޓްރޯލް ކެމްޕޭން ފަށައިފި

މަދިރި އުފެދޭ ތަންތަން ނައްތާލައި އެތަކެތީގެ ނުރައްކަލުން މުޖްތަމައު ރައްކާތެރި ކުރުމުގެ އަޒުމުގައި ވޯލްޑް ހެލްތް އޯގަނައިޒޭޝަނާއި މިނިސްޓްރީ އޮފް ހެލްތް އަދި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ ގުޅިގެން ކެންޕޭނެއް ފައްޓައިފިއެވެ.

މި ކެންޕޭނުގެ ލޯންޗިންގް އިއްޔެ ހަވީރު ހިތަދޫގައި ފައްޓައި ސިލްސިލާ ޕްރޮގްރާމްތަކެއްގެ ގޮތުގައި އައްޑޫގެ އެކި ސަރަހައްދުތައް ސާފުކޮށް މަދިރި އުފެދޭ ތަންތަން ނައްތާލުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައިވެއެވެ. މިގޮތުން ކެމްޕޭން ފެށުމުގެ ރަސްމިއްޔާތަށްފަހު އެސަރަހައްދު ސާފުކުރުމުގެ މަސައްކަތް ވަނީ ކުރެވިފަ އެވެ.

ވެކްޓަރ ކޮންޓްރޯލް ކެމްޕޭން ފެއްޓުމުގެ ރަސްމިއްޔާތުގައި ސްޓޭޓް މިނިސްޓަރ ޑރ.އަބްދުﷲ ވަހީދާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރ ރިޓައަރޑް ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ދީދީ އާއި ކައުންސިލަރ ޔަސްރިފްގެ އިތުރުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އިސް ބޭފުޅުން ބައިވެރިވެޑައިގެންފައިވެއެވެ.

ނުރައްކާތެރި ބަލިތައްކަމަށްވާ ޑެންގީ، ޒިކާ، ޗިކުންގުންޔާ އަދި މިނޫންވެސް އެފަދަ ބަލިތައް ފެތުރުމުގައި އެންމެ އިސް ދައުރެއް ކުޅޭ މަދިރީގެ ނުރައްކަލުން ސަލާމަތް ވުމަށްޓަކައި ފަރުދީގޮތުން އިސް ނެގުން މުހިއްމެވެ. ގޭގޭގެ ގޯތި ތެރޭގައި މަދިރިފަނި އާލާވާގޮތަށް ފެން ހަރުލާ ތަކެތި ނައްތާލުމަކީ ކޮންމެ ފަރުދެއްގެ އަމިއްލަ ޒިންމާއަކަށް ހަދަން ވަނީ ޖެހިފައެވެ.  މިކަމަށް އަލި އަޅުވާލައި ވެކްޓަރ ކޮންޓްރޯލް ކެމްޕޭން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދެއްކެވި ބޭފުޅުން ވަނީ އިރުޝާދުދެއްވާފައެވެ. މިގޮތުން ޑރ. އަބްދުﷲ ގެ ވާހަކަފުޅުގައި ކޮންމެ އަހަރެއްގެވެސް ޖޫން އަދި ޖުލައި މަސްތަކުގައި ޑެންގީ ފެތުރުން އިތުރުވާކަން ފާހަގަ ވެފައިވާ ކަމަށް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ކައުންސިލަރ ޔަސްރިފްގެ ވާހަކަފުޅުގައި ކައުންސިލުން މިފަދަ އިޖްތިމާއީ ހަރަކާތްތަކަށް އަބަދުވެސް އެއްބާރުންލުން ދޭނެކަމަށާއި މުޖްތަމައުއަށް ފައިދާހުރި ކޮންމެ ކަމެއްގެ ފަހަތުގައި ކައުންސިލުން ސާބިތުވެ ތިބޭނެކަމަށް ވިދާޅުވިއެވެ.

މަދިރި މަދުކުރުމަށް ފެއްޓުނު މި ކެމްޕޭން ފެށުމުގެ ރަސްމިއްޔާތުގައި ވޯލްޑް ހެލްތް އޯގަނައިޒޭޝްގެ ފަރާތުން މަދިރި އުފެދޭނެހެން ފެންހަރުލާފައި ހުންނަ ތަންތަނުން މަދިރިފަނި ނައްތާލުމަށް ބޭނުން ކުރާ ކެމިކަލެއްކަމަށްވާ ޓެމެފޯސް ގެ އިތުރުން ފޮގް މެޝިންތަކެއް އައްޑޫސިޓީއަށްވަނީ ހަދިޔާކޮށްފައެވެ.