އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ރާއްޖެ އިސްލާމްވި ދުވަސް ކުލަގަދަކޮށް ފާހަގަކުރަނީ

19 ޑިސެމްބަރ 2016     7 years ago


ރާއްޖެ އިސްލާމްވި ދުވަސް ކުލަގަދަކޮށް ފާހަގަކުރަނީ

18 ޑިސެމްބަރ:

ދިވެހިރާއްޖެ އިސްލާމްވި ދުވަސް މިއަހަރު ކުލަގަދަކޮށް ފާހަގަ ކުރުމަށްޓަކައި މިނިސްޓްރީ އޮފް ހޯމްއެފެއާޒް އާއި އިސްލާމިކް މިނިސްޓްރީން ކައުންސިލާ މިއަދު ބައްދަލުކޮށްފި.

މިއަހަރުގެ ރާއްޖެ އިސްލާމްވި ދުވަސް ފާހާގަ ކުރުމަށްޓަކައި މާލެއާއި އައްޑޫސިޓީއާއި ފުވައްމުލަކު ސިޓީގެ އިތުރުން ކުޅުދުއްފުށީގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިޖަލްސާ ހަތަރު ރަށުގައިވެސް ކުރިއަށްދާނީ އެއް ޖަލްސާއެއްގެ ގޮތުގައި ކަމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު ސަލީމް ވިދާޅުވިއެވެ. މިގޮތުން ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން މިޖަލްސާ ލައިވްކޮށް ބޮޑު އެއް ޖަލްސާގެ ގޮތުގައި ގެންދާއިރު ޖަލްސާ ފައްޓާނީ މާލެއިންނެވެ.

ރާއްޖެ އިސްލާމްވިތާ 890 ވަނަ އަހަރުވާ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިމަހުގެ 30 ވަނަ ދުވަހުގެ މަޣްރިބް ނަމާދަށްފަހު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ޙާއްސަ ދުޢާއެއް ކުރުމަށްވަނީ ހަމަޖެހިފައެވެ. އެއަށްފަހު ކޮންމެ ރަށެއްގެވެސް އެންމެ އިސް އިދާރާއަކުން ދިދަ ނެގުމުގެ ޙާއްސަ ރަސްމިއްޔާތެއް އޮންނާނެއެވެ. އަދި މިމަހުގެ 31 ވަނަ ދުވަހުގެ ހެނދުނު 9:00 އަކުން މެންދުރު 11:30 އަށް މިސްކިތްތައް ފޮޅާ ސާފުކުރުމުގެ ހަރަކާތެއްވެސް ވަނީ ރޭވިފައެވެ.

މިބައްދަލުވުމުގައި މޭޔަރ އަބްދުﷲ ޞާދިޤްވަނީ މިސްކިތްތައް ނުބެލެހެއްޓިވާކަން ފާހަގަކޮށް އެކަންކަން ރަނގަޅުކޮށްދިނުމަށް އިލްތިމާސް ކުރައްވާފައެވެ. ބައެއް މިސްކިތްތަކުގެ ފާހަނާއާއި ވުޟޫ ކުރާތަންތަނުގެ ހާލަތު ވަރަށް ގޯސްވެފައިވާކަން މޭޔަރ ފާހަގަ ކުރެއްވިއެވެ.

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރުމަށް ކުރިއަށް ގެންދެވޭ ހަރަކާތްތައް ފެއްޓުމުގެ ކައުންޓްޑައުންއެއް މިމަހުގެ 23 ވަނަ ދުވަހު މާލޭގައި ފެއްޓުމަށްވެސް ވަނީ ރާވާފައެވެ.