އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ބޮޓްލިންގް ޕްލާންޓުން ފެން ފޯރުކޮށްދޭން ފަށައިފި

27 މާރޗް 2017     7 years ago


އައްޑޫ ބޮޓްލިންގް ޕްލާންޓުން ފެން ފޯރުކޮށްދޭން ފަށައިފި

މީގެ 4 ވަރަކަށް އަހަރު ކުރިން އައްޑޫގައި ފެން ބަންދުކުރާ ޕްލާންޓެއް ޤާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރެވި އެމަސައްކަތް ފެށުނު ފަހުން މިއަދު އެ ޕްލާންޓުން ފެނުގެ ޚިދުމަތް އާންމުންނާ ހަމަޔަށް ފޯރުކޮށްދޭން ފަށައިފިއެވެ.

ވަން ޑިގްރީ ސައުތު އައްޑޫ ފެކްޓަރީން ހިންގާ ބޮޓްލިން ޕްލާންޓްގެ މަސައްކަތް ފެށުމާއި ގުޅިގެން އެ ކުންފުނީގެ ފަރާތުން ޕްރޮޑަކްޝަންސް މެނޭޖަރ އަރުނޭޝް ޗާންދް އަދި އޮޕޮރޭޝަންސް އޮފިސަރ ޢަލީ ފާއިޤް މިއަދު ވަނީ ކައުންސިލާ ބައްދަލުކޮށް މިކަމާ ގުޅޭ މައުލޫމާތު އަރުވާފައެވެ.

ފެން ބަންދުކުރާ ޕްލާންޓެއް އައްޑޫގައި ޤާއިމް ކުރެވޭނެ ދުވަހަކަށް އިންތިޒާރު ކުރާތާން ގިނަ ދުވަސްތަކެއްވެފައިވަނިކޮށް އެކަން ހަޤީގަތަކަށް ވުމުން އެކަމާ ވަރަށް އުފާ ކުރައްވާ ކަމުގައި މިއަދުގެ ބައްދަލުވުމުގައި މޭޔާރ އަބްދުﷲ ޞާދިޤް ވަނީ ވިދާޅުވެފައެވެ. އަދި މީގެ ސަބަބުން އައްޑޫއަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމުގެ އުއްމީދު ކުރައްވާ ކަމުގައިވެސް މޭޔަރ ވިދާޅުވިއެވެ.

މަރުކަޒީ އިންޖީނުގޭގެ އުތުރުން އާރޭފް ސަރަހައްދުގައި ޤާއިމް ކުރެވުނު ބޮޓްލިން ޕްލާންޓުން ފެން ފޯރުކޮށްދޭން މިހާރު ފަށާފައިވީ ނަމަވެސް އަދި ރަސްމީކޮށް ފެކްޓްރީ ހުޅުވޭނެ ދުވަހެއް ކަނޑައަޅާފައި ނުވެއެވެ. އަދި މިވަގުތު ފެކްޓްރީން ދޫކުރުމަށް ހަމަޖެހިފައިވަނީ ހަމައެކަނި 18.9 ލީޓަރުގެ ވޯޓަރ ބެރެލް ފުޅި ކަމަށް އެ ކުންފުނީގެ ފަރާތުން މަޢުލޫމާތު ދެއެވެ. ވޯޓަރ ބެރެލް ފުޅިއެއް ވިއްކުމަށް ހަމަޖެހިފައިވަނީ 58 ރުފިޔާ 3 ލާރިއަށެވެ. އަދި ފުރަތަމަ ފަހަރަށް ގަންނަ ކޮންމެ ފުޅިއަކަށް 500 ރުފިޔާގެ ޑިޕޮސިޓެއް ދައްކަން ޖެހެއެވެ. ވޯޓަރ ބެރެލްސް ފުޅީގެ އިތުރުން ވޯޓަރ ޑިސްޕެންސާރ ވެސް ކުންފުނިން ގަންނަން ލިބޭނެއެވެ. ވޯޓަރ ޑިސްޕެންސަރއެއްގެ އަގަކީ 2650 ރުފިޔާއެވެ.

ފެން ގަންނަ ފަރާތްތަކަށް ގެއާ ހަމައަށް ފެން ފޯރުކޮށްދިނުމުގެ ޚިދުމަށް ދެވޭނޭ ކަމަށް ޢަލީ ފާއިޤް މައުލޫމާތު ދެއްވިއެވެ. އަދި މިވަގުތު ގަންނަ ފެނަށް ލާރި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ކުންފުނީގެ އޮފީހުން ކަމުގައިވިއަސް ކުރިއަށް އޮތް ތަނުގައި ކޭޝް އޮން ޑެލިވަރީގެ ޚިދުމަތް ފެށުމަށް ކުންފުނީގެ ފަރާތުން ވަނީ ތައްޔާރުވެފައެވެ.