އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލާއި ސިވިލް ސަރވިސް ޓްރެއިނިންގް އިންސްޓިޓިއުޓާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

1 އެޕްރީލް 2017     7 years ago


ކައުންސިލާއި ސިވިލް ސަރވިސް ޓްރެއިނިންގް އިންސްޓިޓިއުޓާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

ައްޑޫސިޓީ ކައުންސިލާއި ސިވިލް ސަރވިސް ޓްރެއިނިންގް އިންސްޓްޓިއުޓް (ސީއެސް.ޓީ.އައި) އާ ދެމެދު ފަހުމުނާމާއެއްގައި މިދިޔަ ބުރާސްފަތި ދުވަހު ވަނީ ސޮއިކުރެވިފައެވެ. ސިވިލް ސަރވިސް ކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތަކާއެކު މިދެފަރާތުގެ ދެމެދުގައި ސޮއިކުރެވުނު ފަހުމުނާމާގައި ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ އައްޑޫސިޓީގެ މޭޔަރ އަބްދުﷲ ޞާދިޤެވެ. ސީއެސް.ޓީ.އައި ގެ ފަރާތުން ސޮއި ކުރެއްވީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމެވެ.

މިފަހުމުނާމާއަކީ އައްޑޫސިޓީ ކައުންސިލް އިދާރާގެ މުވައްޒަފުންނަށް ބޭނުންވާ ފަންނީ ތަމްރީނާއި ތަޢުލީމް އައްޑޫސިޓީގައި ތިބެގެން ލިބޭނެ ފުރުސަތު ފަހިވެގެންދާނެ އެއްބަސްވުމެކެވެ. ސިވިލް ސަރވިސް ކޮމިޝަނުގެ މުވައްޒަފުންގެ ޢިލްމީ އަދި ފަންނީ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން އެކޮމިޝަނުގެ ފަރާތުން 2014 ވަނަ އަހަރުން ފެށިގެން މިއަދާހަމަޔަށް 14 އަތޮޅެއްގެ ކައުންސިލާއެކު ފަހުމުނާމާއެއްގައި ވަނީ ސޮއި ކުރެވިފައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މޭޔަރ އަބްދުﷲ ޞާދިޤް ފާހަގަކުރެއްވި ގޮތުގައި މިފަހުމުނާމާގެ ސަބަބުން ކައުންސިލްގެ މުވައްޒަފުންނަށް ބޭނުންވާ ފަންނީ ތަމްރީނުތައް ހޯދުމުގައި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ކައުންސިލްގެ ފަރާތުން 2017 ވަނަ އަހަރަށް ތާވަލް ކުރެވިފައިވާ ތަމްރީނުތަކުގެ އަތްމަތީ ފޮތް މި ރަސްމިއްޔާތުގައި ވަނީ ސިވިލް ސަރަވިސްގެ ރައީސަށް އެރުވިފައެވެ. އަދި ކައުންސިލް އިދާރާގެ ފަރާތުން މުވައްޒަފުންގެ ކުރިއެރުމަށް ކޮށްދެއްވާ މަސައްކަތާ ގުޅޭ ޕްރެޒެންޓޭޝަނެއް ކައުންސިލަރ މުޙައްމަދު ޔަސްރިފްވަނީ ހުށަހަޅުއްވައިދެއްވާފައެވެ.

ކައުންސިލް އިދާރާގެ މުވައްޒަފުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް އިދާރާގެ ފަރާތުން ދަނީ ކުރައްވަމުންނެވެ. މިގޮތުން ސީއެސް.ޓީ.އައި ގެ ފަރާތުން މިދިޔަ މަހުގެ 26 ން ފެށިގެން 30 ގެ ނިޔަލަށް ބޭއްވި "ބިޑް އެވަލުއޭޝަން އެންޑް ޕްރޮކިޔޮމެންޓް" ތަމްރީން ޕްރޮގްރާމްގައި އައްޑޫސިޓީ ކައުންސިލްގެ މުވައްޒަފުންތަކެއް ވަނީ ބައިވެރިވެ ތަމްރީން ފުރިހަމަކޮށްފައެވެ.