އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިނގިރޭސި ސަފީރު އައްޑޫއަށް ޒިޔާރަތްކުރައްވައިފި

22 މޭއި 2017     6 years ago


އިނގިރޭސި ސަފީރު އައްޑޫއަށް ޒިޔާރަތްކުރައްވައިފި

އިނގިރޭސި ވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ޖޭމްސް ޑައުރިސް އައްޑޫސިޓީ އަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.

އިނގިރޭސި ސަފީރު، އައްޑޫއަށް މި ކުރެއްވި ޒިޔާރަތުގައި އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށް ވަޑައިގަތުމުން މަރުޙަބާ ދެންނެވީ މޭޔަރ ޢަބްދުﷲ ސާދިޤެވެ.  އަދި ސަފީރު، މޭޔަރާ ބައްދަލުކުރައްވައި މިދިޔަ ބުދަ ދުވަހުގެ ރޭ އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު އާއިލާތަކުގެ ހާލު އޮޅުން ފިލުއްވިއެވެ. އަދި ގޭގެއަށް ލިބުނު ގެއްލުންތަކުގެ މައުލޫމާތު މޭޔަރ ވަނީ ސަފީރާ ހިއްސާ ކުރައްވާފައެވެ.  

އެމަނިކުފާނުގެ މިދަރުފުޅުގައި އައްޑޫސިޓީ ކައުންސިލާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުވުމުގައި ކައުންސިލަށް އަލަށް އިންތިޚާބު ވެ ވަޑައިގެންނެވި ކައުންސިލަރުންވެސް ބައިވެރިވެލެއްވިއެވެ.  މިބައްދަލުވުމުގައި ކައުންސިލުން ވަނީ ނަގޫރޯޅީގައި ލިބުނު ގެއްލުންތަކާއި، އެކަން ހައްލުކުރުމުގެ ގޮތުން ކުރެވިފައިވާ މަސައްކަތްތަކާއި އަދި މިހާރު ކުރެވެމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހިމެނޭ ޕްރެޒެންޓޭޝަނެއް ހުށަހަޅާފައެވެ. އަދި މައްސަލަތައް ހައްލުކުރުމުގައި ދިމާވެފައިވާ ދަތިތަކުގެ މަޢުލޫމާތުވެސް ވަނީ ހިއްސާކުރައްވާފައެވެ. މިބައްދަލުވުމުގައި އިނގިރޭސި ސަފީރު ވަނީ ނަގޫރޯޅީގައި ގެއްލުން ލިބުނު ފަރާތްތަކަށް ހަމްދަރުދީ ފޮނުއްވާފައެވެ.

އެމަނިކުފާނުގެ މިދަތުރުފުޅުގައި ހިތަދޫ މެދު ދާއިރާގެ މަޖިލިސް މެމްބަރު ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް އިބްރާހީމް މުޙައްމަދު ދީދީއާ ވެސް ބައްދަލުކުރެއްވިއެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރައްވާ ކޮމެޓީގެ މެމްބަރުންނާވެސް ބައްދަލުކުރެއްވިއެވެ. ވަކިވަކިން އޮތް މި ބައްދަލުވުންތައް އޮތީ ކައުންސިލްގެ އިދާރާގައެވެ. އިނގިރޭސި ސަފީރުގެ މިދަތުރުފުޅުގައި އެމް.ޑީ.ޕީ ގެ ބޭފުޅުންނާވެސް ބައްދަލުކުރެއްވިއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ފަރާތްތަކުގެ ތެރޭގައި ޕީ.ޕީ.އެމް ހިމެނިފައިވީނަމަވެސް ޕީ.ޕީ.އެމްގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންފައި ނުވެއެވެ.

މިއަދުގެ ބައްދަލުވުމުގައި ކައުންސިލްގެ ފަރާތުން ވަނީ އިނގިރޭސި ސަފީރަށް ހަނދާނީ ހަދިޔާއެއް ވެދުމަށް އަރުވާފައެވެ. އަދި އެމަނިކުފާނުގެ ފަރާތްޕުޅުންވެސް ކައުންސިލަށް ވަނީ ހަދިޔާއެއް އަރުވާފައެވެ. ކައުންސިލްގެ އިދާރާއަށް ވަޑައިގެން މެހުމާނުން ސޮއިކުރައްވާ ފޮތުގައި އެމަނިކުފާނު ސޮއިކުރެއްވިއެވެ. މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މެންދުރުފަހު އެމަނިކުފާނު ވަނީ ފުރާވަޑައިގެންފައެވެ. މިއީ އެމަނިކުފާނު އައްޑޫސިޓީ އަށް ކުރެއްވި ދެވަނަ ޒިޔާރަތެވެ.