އެސޯސިއޭޝަން އޮފް ސްކައި ސްޕޯޓްސް މޯލްޑިވްސްގެ ފަރާތުން ސްކައި ޑައިވިންގް އައްޑޫއަށް ތަޢާރަފް ކުރުމުގެ މަސައްކަތް ކުރަމުން އެބަގެންދެއެވެ.
އެޑްވެންޗަރ ޓޫރިޒަމަށް ޙާއްސަކޮށްގެން އެކްސްޓްރީމް ސްޕޯޓްސްއެއް ކަމަށްވާ ސްކައި ޑައވިންގް އައްޑޫއަށް ތަޢާރަފް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ބުނެފައިވަނީ އެސޯސިއޭޝަން އޮފް ސްކައި ސްޕޯޓްސް މޯލްޑިވްސްގެ ފަރާތުން މިއަދު ކައުންސިލާއެކު ބޭއްވި ބައްދަލުވުމެއްގައި އެއެސޯސިއޭޝަންގެ ޓީމުންނެވެ.
ސްކައި ޑައިވިންގް އައްޑޫއަށް ތަޢާރަފް ކުރުމުގެ ގޮތުން ސްކައި ސްޕޯސްޓްގެ ޓީމުން ވަނީ އޭޝިއަން އެކަޑެމީ އޮފް އެއިރޮނޮޓިކްސްގެ ފްލައިޓެއް ބޭނުންކޮށްގެން 4 ޓެސްޓް ޑައިވް ކޮށްފައެވެ. މިޓެސްޓް ޑައިވްތަކުގައި އައްޑޫގެ ތިން ސަރަހައްދެއް ލޭންޑިންގް އޭރިއާގެ ގޮތުގައި ބޭނުންކޮށްފައިވެއެވެ. އެއީ ޝަންގްރިއްލާ ރިސޯޓް، އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް އަދި ފޭދޫގެ ހިއްކި ސަރަހައްދެވެ.