އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކޮމްޕްލެއިންޓްސް މެނޭޖްމަންޓް ސިސްޓަމެއް ކައުންސިލުން ތަޢާރަފްކޮށްފި

17 ސެޕްޓެމްބަރ 2017     6 years ago


ކޮމްޕްލެއިންޓްސް މެނޭޖްމަންޓް ސިސްޓަމެއް ކައުންސިލުން ތަޢާރަފްކޮށްފި

ރައްޔިތުންގެ ފަރާތުން ހުށަހެޅޭ ޝަކުވާތައް ބަލައިގަނެ ރައްކާކުރުމަށްޓަކައި ކޮމްޕްލެއިންޓްސް މެނޭޖްމަންޓް ސޮފްޓްވެއަރއެއް އައްޑޫސިޓީ ކައުންސިލުން މިއަދު ތަޢާރަފްކޮށް ބޭނުން ކުރަން ފަށައިފިއެވެ. މިއީ އައްޑޫސިޓީ ކައުންސިލްގެ ހިންގުން ހަރުދަނާ ކުރުމަށާއި އެކިއެކި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންނަށް ދެއްވަމުން ގެންދަވާ ޚިދުމަތްތައް ދިނުމުގައި މިހާރަށްވުރެ ހަރުދަނާކުރުމުގެ ގޮތުން ކައުންސިލުން އެޅުއްވި ފިޔަވަޅެކެވެ.

"ކުރިން ފޮތުގައި ލިޔެ މައްސަލަތައް ބަލަހައްޓަމުންއައި އައުން ނިމުމަކަށް ގެނެސް، ޒަމާނާ އެއްގޮތަށް ކޮމްޕިއުޓަރގެ ޒަރިއްޔާއިން މައްސަލަތައް ސިސްޓަމަށް އެންޓަރކޮށް ބެލެހެއްޓުމަށްޓަކައި ތަޢާރަފް ކުރެވުނު މި ސޮފްޓްވެއަރ އަކީ ރައްޔިތުންގެ އުދާސްތައް އަޑުއަހައި އެކަމަށް އެންމެ ފުރިހަމައަކަށް ޖަވާބުދާރީ ވުމަށް ކައުންސިލުން ކުރާ މަސައްކަތަށް ލިބިގެންދާނެ ވަރަށް ބޮޑު އެހީއެކެވެ." އަވަށު އޮފީސްތަކުގެ އެންމެ އިސްވެރިންނާއި އަދި ކައުންސިލްގެ އިދާރާގެ ސެކްޝަންތަކުގެ ވެރިންނާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި މި ސޮފްޓްވެއަރ ރަސްމީކޮށް އިފްތިތާޙްކޮށްދެއްވަމުން މޭޔަރ ޢަބްދުﷲ ސާދިޤް ވިދާޅުވިއެވެ.

މިއަދު ތަޢާރަފު ކުރެވުނު ސޮފްޓްވެއަރއިން ކައުންސިލަށް ހުށަހެޅޭ މައްސަލަތައް ސިސްޓަމަށް އެޅުމަށްފަހު އެމައްސަލަ ހައްލުކުރުމަށް ޓާސްކްތައް އެސައިންކޮށް، މައްސަލަތައް ހައްލުކުރުމަށްޓަކައި ކުރެވިފައިވާ މަސައްކަތްތަކާއި މަސައްކަތް ކުރިއަށް ގޮސްފައިވާ މިންވަރާއި، މައްސަލަތައް ހައްލުކުރުމަށް ނެގި ދުވަހުގެ އިތުރުން މައްސަލާއި ގުޅޭ ތަފާތު އެހެނިހެން މުހިއްމު މަޢުލޫމާތު ފަސޭހައިން ރައްކާކަށް ބެހެއްޓޭނެއެވެ.

ކައުންސިލަށް މައްސަލަ ހުށަހެޅުމަށްޓަކައި ފޯނުގެ ޒަރިއްޔާއިން ނުވަތަ އީ.މެއިލް، ފޯމް، އަދި އަމިއްލައަށް ކައުންސިލް އިދާރާއަށް ނުވަތަ އަވަށު އޮފީހަކަށް ހާޒިރުވެ މައްސަލަ ހުށަހެޅިދާނެއެވެ. ފޯނުން މައްސަލަ ހުށަހެޅުއްވުމަށް 6885003 ނުވަތަ 7905003 އަށް ގުޅުއްވައި މައްސަލަ ހުށަހެޅިދާނެއެވެ. އަދި އީ.މެއިލްއިން މައްސަލަ ހުށަހެޅުއްވުމަށް [email protected]  އަށް މެއިލްކޮށްވެސް މައްސަލަ ހުށަހެޅިދާނެއެވެ.