އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިންޑިއާގެ ސަފީރު ކައުންސިލާ ބައްދަލުކުރައްވައިފި

19 ސެޕްޓެމްބަރ 2017     6 years ago


އިންޑިއާގެ ސަފީރު ކައުންސިލާ ބައްދަލުކުރައްވައިފި

ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާ، މިއަދު ކައުންސިލާ ބައްދަލުކުރައްވައިފިއެވެ. މިބައްދަލުވުމަކީ އެމަނިކުފާނު އައްޑޫސިޓީއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކައުންސިލާއެކު ބޭއްވި ބައްދަލުވުމެކެވެ.

ކައުންސިލް އިދާރާގައި މިއަދު ކުރިއަށް ގެންދެވުނު މިބައްދަލުވުމުގައި ކައުންސިލަށް ދިމާވަފައިވާ ގޮންޖެހުންތަކާއި އައްޑޫސިޓީގެ ތަރައްޤީއަށް ކުރެވެން ހުރި ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ. މިގޮތުން އައްޑޫސިޓީގެ އުމްރާނީ ތަރައްޤީއާއި އިޤްތިސާދު ކުރިއަރުވުމަށް ދެޤައުމު ގުޅިގެން މަސައްކަތް ކުރެވެން ހުރި ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާ ވެވުނެވެ.

އިންޑިއާގެ ސަފީރު އައްޑޫއަށް ވަޑައިގަތުމުން ލިބިވަޑައިގެންނެވި ހޫނު މަރުޙަބާއަށްޓަކައި މިބައްދަލުވުމުގައި އެމަނިކުފާނު ޝުކުރުއަދާކޮށް ވާހަކަފުޅު ދެއްކެވިއެވެ. އަދި އައްޑޫސިޓީގެ ކުރިއެރުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވެއެވެ.

އިންޑިއާ ސަފީރުގެ މިޒިޔާރަތުގައި އައްޑޫގެ ބައެއް ވިޔަފާރިވެރިންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާވެސް މިއަދު ވަނީ ބައްދަލުކުރައްވަވާފައެވެ. އަދި މެންދުރުފަހުން އައްޑޫހައިސްކޫލަށާއި ހުޅުދޫ އަދި މީދޫއަށް ޒިޔާރަތް ކުރެއްވުމަށްވަނީ ރޭވިފައެވެ.