އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސިލްކް ރޯޑް މޭޔަރސް ފޯރަމުގައި ބައިވެރިވުމަށް މޭޔަރ ފުރައިވަޑައިގެންފި

18 އޮކްޓޯބަރ 2017     6 years ago


ސިލްކް ރޯޑް މޭޔަރސް ފޯރަމުގައި ބައިވެރިވުމަށް މޭޔަރ ފުރައިވަޑައިގެންފި

12 ވަނަ ސިލްކް ރޯޑް މޭޔަރސް ފޯރަމުގައި ބައިވެރިވެވަޑައިގަތުމަށް މޭޔަރ އަބްދުﷲ ޞާދިޤް ފުރައިވަޑައިގެންފިއެވެ.

މިފޯރަމަކީ މެމްބަރުންގެ މެދުގައި އޮންނަ ވިޔަފާރިއާއި ސަޤާފީ އަދި ފަރުދީ ގުޅުން ވަރަގަދަކޮށް ދެމެހެއްޓެނެވި ގޮތެއްގައި މުޢާމަލާތްކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ފޯރަމެކެވެ. މިމަޝްވަރާތަކުގެ ސަބަބުން މެމްބަރު ސިޓީތަކާއި ޤައުމުތަކުގެ ޓޫރިޒަމް އަދި ވިޔަފާރީގެ މުޢާމަލާތް ފުޅާކުރުމަށް އިތުރު ދޮރުތަކެއް ހުޅުވިގެންދާނެއެވެ.

2006 ވަނަ އަހަރުންފެށިގެން ކޮންމެ އަހަރަކު ބާއްވަވުމުންގެންދާ ސިލްކް ރޯޑް މޭޔަރސް ފޯރަމް މިފަހަރު އޮތީ މިމަހުގެ 20 ވަނަ ދުވަހު އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައެވެ.

މި ފޯރަމަކީ ވޯލްޑް ސިޓިޒެންސް އޯގަނައިޒޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ ފޯރަމެކެވެ. ވޯލްޑް ސިޓިޒެންސް އޯގަނައިޒޭޝަނަކީ 1987 ވަނައަހަރު އުފެދުނު ޖަމުޢިއްޔާއެކެވެ. މިޖަމުޢިއްޔާއަކީ ޤައުމުތަކުގެ މެދުގައިވާ އެކިކަހަލަ ގުޅުންތައް ވަރުގަދަކޮށް އެކުވެރިކަން އާލާކުރުމުގެ މަޤްސަދުގައި އުފެދިގެންއައި ޖަމުޢިއްޔާއެކެވެ. މިޖަމުޢިއްޔާގެ ޝިޢާރަކީ ކޮންމެ އިންސާނެއްވެސް އަދި ދުނިޔޭގެ ކޮންމެ ތަނެއްވެސް ތަފާތުކަމެށެވެ. އެހެންކަމުން ވިޔަފާރިއާއި އަދި އެނޫންވެސް މުޢާމަލާތްތަކުގައި މިފަދަ ތަފާތުތަކަށް ރިޢާޔަތްކުރުން މުހިންމުކަމުގައި މިޖަމުޢިއްޔާއިން ދެކެއެވެ. އަދި ރައްޔިތުންގެ މައްޗަށް ވެރިކަން ކުރުމުގެ ބަދަލުގައި ރައްޔިތުންނަށް ޚިދުމަތްކުރުމަށް މިޖަމުޢިއްޔާއިން ގޮވާލައެވެ.