އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޓްރާންސްޕޯރޓް ޚިދުމަތް އައްޑޫ ސިޓީކައުންސިލަށް ބަދަލު ކުރުން

10 ޖެނުއަރީ 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:

އައްޑޫ ސިޓީގައި މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަނުން ދެމުން ގެންދާ ޚިދުމަތް އައްޑޫ ސިޓީކައުންސިލަށް ބަދަލު ކުރުމުގައި ކައުންސިލުން ގޮތެއް ނިންމުން.

މައްސަލަ ހުށަހެޅި ފަރާތް:  މޭޔަރ ޢަބްދުﷲ ޞާދިޤް     

ނިންމުން

މައްސަލަ ނިމުނުގޮތް

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ސިޓީ ކައުންސިލާއި މަތި ކުރެވިފައިވާ ޒިންމާތައް ރައްޔިތުންނަށް އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމުގެ ގޮތުން، މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަނުން ދެމުން ގެންދާ ޚިދުމަތްތައް އައްޑޫ ސިޓީ ކައުންސިލާ ޙަވާލުކުރުމަށް، ރައީސުލް ޖުމްހޫރިއްޔާ ނިންމެވުމާއި ގުޅިގެން، މޯލްޑިވްސް ޓްރާންސްޕޯރޓް އޮތޯރިޓީން އާއްމުންނަށް ފޯރުކޮށްދޭ ޚިދުމަތް ތަކުގެ ތެރެއިން، އައްޑޫސިޓީގެ މަގުތަކާއި، އެއްގަމު އުޅަނދާއި، ކަނޑުގެ އުޅަނދާ ގުޅޭ މައްސަލަތައް ޙައްލުކުރުމުގެ ގޮތުން، ތިރީގައިބަޔާން ކުރެވިފައިވާ ޚިދުމަތްތައް އައްޑޫސިޓީގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި އައްޑޫސިޓީ ސިޓީ ކައުންސިލާ ދެމެދު އެމް އޯ.ޔޫ އެއްގައި ސޮއި ކުރުމަށާއި،

މިއެމް.އޯ.ޔޫގެ ދަށުން އައްޑޫސިޓީ ގައި ފޯރުކޮށްދޭނެ ޚިދުމަތްތަކަކީ:-

  1. އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދިނުމުގެ ޚިދުމަތް ( ހަމައެކަނި އައްޑޫސިޓީގެ ރައްޔިތުންނަށް ) 
  2. އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުން.( ހަމައެކަނި އައްޑޫސިޓީގެ ރައްޔިތުންނަށް ) 
  3. މަގުމަތީ ސައިން ބޯޑު ހަރުކުރުމާއި، ޕާކިންގ ޒޯން ކަނޑައެޅުން
  4. މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ މަޝްވަރާއާއި އެކު މަގުމަތީގައި ޕާރކްކުރާ އުޅަނދު ފަހަރުން އެއްގަމު އުޅަނދު ޕާރކް ކުރުމުގެ ޤަވާޢިދައި އެއްގޮތަށް ފީނެގުން.
  5. ޓްރެފިކަށް ފަސޭހަވާގޮތަށް މަގުތައް މަރާމާތުކޮށް ބެލެހެއްޓުން.
  6. މަގު މަތީގައި މަސައްކަތް ކުރުމަށް އަދި މަގު މަތި ބަންދުކޮށްގެން މަސައްކަތް ކުރުމަށް ހުއްދަ ދިނުން.
  7. ޓްރެފިކާއި ގުޅޭގޮތުން މަގުމަތީގައި ކުރަހަންޖެހޭ ކުރެހުންތައް ކުރެހުން.
  8. މޯލްޑިވްސް ޓްރާންނސްޕޯޓް އޮތޯރިޓީގެ މަޝްވަރާއާއެކު އައްޑޫގެ މަގުތަކުގެ ވަންވޭ ތަކަށް ބަދަލު ގެނައުން.
  9. މޯލްޑިވްސް ޓްރާންނސްޕޯޓް އޮތޯރިޓީގެ މަޝްވަރާއާއެކު އެއްގަމު އުޅަނދު ދުއްވުން މަނާ މަގުތަކާއި ސަރަހައްދު ކަނޑައެޅުމާއި ފައިމަގުގައި ހިނގާފައި އުޅޭވޭނެ މަގުތަކާއި ސަރަޙައްދުތަކާއި ވަގުތު ކަނޑައެޅުން.
  10. ވަކި މުނާސަބަތަކާއި ގުޅިގެން ކަނޑައަޅާ ވަކި ވަގުތެއްގައި އައްޑޫގައި އެއްގަމު އުޅނަދު ދުއްވުން މަނާ ކުރުން.
  11. އާއްމު ދަތުރު ފަތުރުގެ ގޮތުގައި ބަހުގެ ޚިދުމަތް ދިނުމުގެ ޤަވާޢިދު ( ޤަވާޢިދު ނަންބަރު 2016/R-1) ގައިވާ ގޮތުގެ މަތިން އައްޑޫގައި ޓެކްސީގެ ޚިދުމަތް ދިނުން.
  12. ކަނޑުގެ ލޯކަލް އުޅަނދު ފަހަރުގެ ރަޖިސްޓްރޭޝަންއާއި ގުޅޭ މަސައްކަތްތައް .
  13. ކަނޑުގެ ލޯކަލް އުޅަނދު ފަހަރުގެ ސާރވޭ އެންޑް ސެޓްފިކޭޝަން.
  14. ކަނޑުގެ ލޯކަލް އުޅަނދު ފަހަރުގެ ލައިސަންސް ދޫކުރުމާއި ގުޅޭ މަސައްކަތްތައް ކަމަށާއި،

އައްޑޫސިޓީ ކައުންސިލުން މި ޚިދުމަތް ދެމުން ގެންދާނީ، އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ކަނޑުދަތުރު ފަތުރު ކުރުމުގެ ޤާނޫނުގައި ކަނޑައެޅިފައިވާ މިންގަނޑުތަކާއި، އެޤާނޫނުގެ ދަށުން މިކަންކަމަށް ހެދިފައިވާ ޤަވާޢިދުތަކާއި، މޯލްޑިވްސް ޓްރާންސްޕޯރޓް އޮތޯރިޓީން ކަނޑައެޅިފައިވާ އުޞޫލުތަކުގެ މަތިންކަމަށާއި، އަދި އައްޑޫސިޓީ ކައުންސިލަކީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީއުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އުފެދިފައިވާ ކައުންސިލެއް ކަމުން، މިކައުންސިލްގެ ހިންގުމުގެ ނިޒާމް ބައްޓަން ކުރެވިގެން ދާނީ މި ޤާނޫނުގެ މަފްހޫމާއި އެއްގޮތަށްކަން ފާހަގަކޮށް، އައްޑޫ ސިޓީގައި މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަނުން ދެމުން ގެންދާ ޚިދުމަތް އައްޑޫ ސިޓީކައުންސިލަށް ބަދަލު ކުރުމާއި ގުޅިގެން މި ޚިދުމަތަށް ފީނުވަތަ ކުލި ނެގުމާއި އާމްދަނީ ހޯދުމުގައި ކައުންސިލުން ޢަމަލު ކުރަމުން ގެންދަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީއުޞޫލުން ހިންގުމުގެ ޤާނޫނުގެ 78 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކަމަށާއި،  

އިސްވެ ބަޔާން ކުރެވިފައިވާ ގޮތުގެ މަތިން އައްޑޫ ސިޓީގައި މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލްއޭވިއޭޝަނުން ދެމުން ގެންދާ ޚިދުމަތްތައް އައްޑޫ ސިޓީކައުންސިލަށް ބަދަލު ކުރުމުގައި ކުރަންޖެހޭ މަސައްކަތް އެމިނިސްޓްރީއާއި މަޝްވަރާކޮށްގެން ކުރިއަށް ގެންގޮސް، އައްޑޫސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން އައްޑޫގައި މިޚިދުމަތްދެވޭނެ އިދާރީ އަދި ޓެކްނިކަލް އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣުލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ. 

ތާއީދު ކުރެއްވީ: ކައުންސިލަރ، ޢަލީ ފަހުމީ އަޙްމަދު    

ހުށަހެޅުން ހުށަހެޅި: މޭޔަރ، ޢަބްދުﷲ ޞާދިޤް   

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 05




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/002

ތާރީޚް: 10 ޖެނުއަރީ 2019