އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި ރަޖިސްޓަރީކޮށް ގޯތިތައް ސާފުކޮށްބެލެހެއްޓުމާ ބެހޭ

9 އޮކްޓޯބަރ 2022     1 year ago


އިޢުލާން

ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި ރަޖިސްޓަރީކޮށް ގޯތިތައް ސާފުކޮށްބެލެހެއްޓުމާ ބެހޭ

      އައްޑޫ ސިޓީގެ މީދޫ އަވަށުން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތިތަކުގެ ތެރެއިން މިހާތަނަށް ދިރިއުޅެން ނުފަށާ ހުރި ގޯތިތަކާއި، ބައެއް ފަޅުގެތައް ސާފުކޮށް ބަލަހައްޓަމުން ނޫދާތީ ޞިއްޙީ އަދި އިޖްތިމާޢީ ބޮޑެތި މައްސަލަތައް ކުރިމަތިވަމުން އަންނަކަން ފާހަގަކުރަމެވެ. އަދި ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ގިނަ ރައްޔިތުންތަކެއް ތިބި އިރު، ދިރިއުޅެން ނުފަށާ ނުބެލެހެއްޓި ގޯތިތަކެއް ރަށުތެރޭގައި ހުރުމަކީ، ބޯހިޔާވަހިކަން ބޭނުންވެފައި ތިބި ފަރާތްތަކަށްވެވޭ ބޭއިންސާފެކެވެ. އަދި އެފަރާތްތަކުގެ ޝަކުވާއެއްވެސްމެއެވެ.

      ޤާނޫނު ނަންބަރު 01/2002 (ދިވެހިރާއްޖޭގެ ބިމާއި ބެހޭ ޤާނޫނު) ގައިވާގޮތުން ދިރިއުޅުމަށް ދޫކުރެވޭ ބަންޑާރަ ގޯތި ޙަވާލުކުރެވޭ ދުވަހުންފެށިގެން 5 އަހަރު ދުވަހުގެ ތެރޭގައި ގޯތީގައި ޢިމާރާތްކޮށް ދިރިއުޅެން ފަށަންވާނެއެވެ. އެހެންނަމަވެސް މިހާތަނަށް ގޯތީގެ ރަޖިސްޓަރީ ހައްދާފައިނުވާ ގޯތިތައްވެސް ހުރިކަން ފާހަގަކުރެވެއެވެ. ގޯތީގެ ރަޖިސްޓަރީ ހައްދާފައި  ނުވާ ގޯތިތަކުގެ ވެރިފަރާތުން 31 ޑިސެންބަރ 2022 ގެ ނިޔަލަށް ގޯތި ރަޖިސްޓަރީ ހެއްދުމަށްފަހު އިންވަކިރުވުމަށް ދަންނަވަމެވެ.

      ޤަވާޢިދު ނަންބަރު 2019/R-986 މަގުފާރާއި އިންފާރު ތަޅާލުމާބެހޭ ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ދިރިއުޅުމުގެ ބޭނުންތަކަށާއި އެނޫން ބޭނުންތަކަށް ދީފައިވާ ބިންބިމުގައި ހުންނަންވާނީ ކަނޑައެޅިފައިވާ އުޞޫލްތަކާއެއްގޮތަށް އިންފާރު ރާނައިފައެވެ. ވުމާއެކު ގޯތިލިބި މިހާތަނަށް މަގުފާރާއި އިންފާރު ރާނާފައި ނުވާ ގޯތިތަކުގެ މަގުފާރާއި އިންފާރު  31 މާރިޗް 2023 ގެ ނިޔަލަށް ރާނައި ނިންމެވުމަށް ދަންނަވަމެވެ.

      ޤަވާޢިދު ނަންބަރު 2019/R-987 މަގުމަތި ކުނިކެހުމާބެހޭ ގަވާއިދު ގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ކޮންމެފަރާތަކުންވެސް އެފަރާތަކަށް ދޫކޮށްފައިވާ ގޯތީގެ ވަށައިގެންވާ މަގުތަކުގެ މެދާހަމައިން އެ ގޯއްޗަކާވީފަޅި ކުނިކަހައި ސާފުކޮށް ބަލަހައްޓަންވާނެއެވެ. ނަމަވެސް ބައެއް ފަޅު ގޯތިތަކާއި، މީހުން ދިރިއުޅެން ނުފަށާ ގޯތިތަކާއި، މީހުން ދިރިއުޅެމުންދާ ބައެއް ގޯތިތަކާއި އިންވެގެން އޮންނަ މަގުތައް ބެލެހެއްޓެމުން ނުދާކަން ފާހަނގަކުރެވެއެވެ. ވީމާ، ޤަވާއިދުގައިވާ ގޮތުގެ މަތިން މަގުމަތި ކުނިކަހައި ސާފުކޮށް ބެލެހެއްޓެވުމަށް ގޯތީގެ ވެރިފަރާތްތަކަށް އަންގަމެވެ.

      ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތިތަކުގެ ތެރެއިން މިހާތަނަށް ދިރިއުޅެން ނުފަށާ ހުރި ގޯތިތަކާއި ފަޅު ގޯތިތައް ސާރވޭކުރުމުގެ މަސައްކަތް މިހާރު މިއޮފީހުން ކުރަމުން އެބަގެންދަމެވެ. ވީމާ، މިކަމުގައި ގޯތީގެ ވެރިފަރާތްތަކުން އެއްބާރުލުން ދެއްވުން އެދެމެވެ.

10 ރަބީޢުލްއައްވަލް 1444 ހ

06 އޮކްޓޯބަރ 2022 މ



ބާވަތް: އިއުލާން

ނަންބަރ: (IUL)426/426/2022/481

ޕަބްލިޝް ކުރި ތާރީޚް: 09-10-2022

ސުންގަޑި: 2022-12-31 12:00:00