އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ނޫސް ބަޔާން - އައްޑޫސިޓީގެ ކައުންސިލަރުންނަށް އަމާޒުކޮށް ފަތުރަމުންދާ ޙަބަރުތަކާ ގުޅޭ

18 އެޕްރީލް 2024     1 week ago


ނޫސް ބަޔާން

 

އައްޑޫ ސިޓީގެ ކައުންސިލަރުންނަށް އަމާޒުކޮށް ފަތުރަމުންދާ ޙަބަރުތަކާ ގުޅޭ
 

އައްޑޫ ސިޓީގެ ކައުންސިލަރުންނަށް އަމާޒުކޮށް އައްޑޫ ލައިވްގެ ފަރާތުން ފަތުރަމުންދާ ޙަބަރުތަކާ ޙަވާލާދީ ދަންނަވަމެވެ.

އައްޑޫ ސިޓީގެ ކައުންސިލަރުންނާއި މިއިދާރާގެ އިދާރީ މުވައްޒަފުންނާއި މިއިދާރާއިން ޙިއްޞާކުރި މަޢުލޫމާތުކަމަށް ބުނެ، ވަކި ވަކި ކައުންސިލަރުން ބަދުނާމުކުރުމުގެ ނިޔަތުގައި ޙަޤީގަތް އޮޅޭފަދައިން، އެފަރާތްތަކާ ގުޅޭގޮތުން ސާބިތުނުހިފޭ ޙަބަރުތައް އައްޑޫ ލައިވްގެ ފަރާތުން ޝާއިޢުކުރި ކުރުމަކީ މިއިދާރާއިން ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމެކެވެ. އަދި މިއީ ކުރިއަށްއޮތް އިންތިޙާބުގައި އެފަރާތްތަކުން ކުރިމަތިލައްވާތީ އެފަރާތްތަކަށް އަމާޒުކޮށް، އެންޓި-ކެމްޕެއިން ކުރުމުގެ ނިޔަތުގައި ކޮށްފައިވާ ޒިންމާދާރުކުޑަ ޢަމަލެއްކަން ފާހަގަކުރަމެވެ. މިއިދާރާއިން ނިންމާ އެއްވެސް ނިންމުމަކީ ވަކި ކައުންސިލަރަކު އަމިއްލައަށް ނިންމާ ނިންމުމެއް ނޫންކަމާއި، ކައުންސިލްގެ ކޮންމެ ނިންމުމަކީ ވެސް ހުޅުވާލެވިގެން ބާއްވާ ބައްދަލުވުންތަކުގައި، މުޅި ކައުންސިލްގެ އެންމެހައި މެމްބަރުންގެ މެދުގައި، މެމްބަރުންގެ ވޯޓުން ފާސްކޮށްގެން ނިންމާ ނިންމުންތަކެއް ކަންވެސް މި ފުރުޞަތުގައި ފާހަގަކުރަމެވެ. ވީމާ، މިފަދައިން ވަކި ފަރާތްތަކަށް ކަންތައްތަކެއް ތުހުމަތުކޮށް ޚަބަރުތައް ފެތުރުމަކީ ޑިމޮކްރަސީގެ ރިވެތި އުޞޫލުތަކާ ޚިލާފަށް ކުޅަ އަމަލެއްކަން ފާހަގަކުރަމެވެ.

މިފަދަ ނާތަޙުޒީބު ގޮތަކަށް ކައުންސިލްގެ މެމްބަރުންގެ އަބުރު ކަތިލައި، ނޫސްވެރިކަމުގެ ނަހަމަ ބޭނުންހިފުމުގެ ގޮތުން ސާބިތުނުހިފޭ ޚަބަރުތައް ލިޔުއްވި ފަރާތްތަކާމެދު ކަނޑައަޅާފައިވާ އުޞޫލުގެ ތެރެއިން ފިޔަވަޅު އެޅުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް މިއިދާރާއިން ކުރާނެ ވާހަކަ ދަންނަވަމެވެ.

އަދި ދަންނަވަމެވެ. ކަމުގެ ޙަޤީގަތް އޮޅޭގޮތަށް ތުޙުމަތުތައް ކޮށް، މިފަދައިން ޚަބަރުތަކުގައި ސާބިތުނުހިފޭ ވާހަކަތައް ނުފެތުރުމަށް މިއިދާރާއިން އިލްތިމާޞްކުރަމެވެ. އަދި ނޫސްވެރިކަމުގެ ޒިންމާއަކީ ބިޔަ ބޮޑު ޒިންމާއެއްކަމުގައިވާހިނދު، ކޮންމެ ނޫސްވެރިއެއްވެސް އެފަރާތުގެ ކޮނޑުގައި އެޅިފައިވާ ޒިންމާ ފުރިހަމައަށް އަދާކުރެއްވުމަށާއި، ސިޔާސީ މަންފާތަކަށް ނަޒާހަތްތެރިކަން ގެއްލުވާނުލެއްވުމަށް މިއިދާރާއިން އިލްތިމާޞްކުރަމެވެ. އަދި މިފަދަ ކަންކަމީ އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތެރޭގައި ފަސާދަ އުފެދި، ދޭދޭ ފަރުދުންގެ މެދުގައި އޮންނަ ގުޅުން ހީނަރުވުމަށް ހުޅުވޭ ދޮރަކަށް މެނުވީ ނުވާނެ ކަންވެސް ފާހަގަކުރަމެވެ.

09 ޝައްވާލް  1445

18  އެޕްރީލް  2024



ބާވަތް: ނޫސްބަޔާން

ނަންބަރ: (PR)426-AB/426/2024/3

ޕަބްލިޝް ކުރި ތާރީޚް: 18-04-2024