އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ކައުންސިލް

ކައުންސިލް އުފެދުން

10 ޖެނުއަރީ 2011 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ނަމްބަރު 2011/1 ދެންނެވުމުގައިވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަމްބަރު 2010/15 ގެ ދަށުން، އައްޑޫ އަތޮޅަށް ސިޓީއެއްގެ ދަރަޖަ ދެއްވައި، އައްޑޫ އަތޮޅަކީ އެއްރަށް ކަމަށް ކަނޑައެޅުއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މި ދެންނެވި ޤަރާރު "ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްކަނޑައެޅުން" ގެ ދަށުން، އައްޑުއަތޮޅުގެ ހުޅުދޫ، މީދޫ، ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ ހިމެނޭގޮތަށް، މީހުން ދިރިއުޅޭ އެއް ރަށެއްގެ ގޮތުގައި ކަނޑައަޅާފައިވާ "އައްޑޫ" ހިންގުމަށްޓަކައި، "އައްޑޫ ސިޓީ ކައުންސިލް"ގެ ނަމުގައި ކައުންސިލެއް އުފެއްދެވިއެވެ. އައްޑޫސިޓީ ކައުންސިލަކީ، ރައީސުލްޖުމްހޫރިއްޔާގެ ކުރިން ދެންނެވި ޤަރާރުގެ ދަށުން، އުފެދިފައިވާ ކައުންސިލެކެވެ.

އައްޑޫ އަތޮޅަށް ސިޓީއެއްގެ ދަރަޖަދެވި އެއްރަށުގެ ގޮތުގައި ހަމަޖެހިގެން ދިއުމުން އައްޑޫ ސިޓީ ކައުންސިލުން ވަނީ، އޭގެ ކުރިން މީހުން ދިރި އުޅެމުން އައި 6 ރަށް އިދާރީ ގޮތުން 4 އަވަށް ކަމުގައި ހަމަޖައްސަވާފައެވެ. މިގޮތުން ހަމަޖެއްސެވި 4 އަވަށަކީ، ހިތަދޫ އަވަށާއި، މަރަދޫ އަވަށާއި، ފޭދޫ އަވަށާއި، ހުޅުމީދޫ އަވަށެވެ. ރައްޔިތުންނަށް ލުއިފަސޭހަ ކަމާއެކު ވީހާވެސް ގާތުން ޚިދުމަތް ފޯރުކޮށް ދިނުމުގެ މަޤްޞަދުގައި ސިޓީ ކައުންސިލުން ވަނީ މަތީގައި މިދެންނެވުނު 4 އަވަށުން ކުރެ ކޮންމެ އަވަށެއްގައި ވެސް، ކައުންސިލް އިދާރާގެ އަވަށުއޮފީސް ޤާއިމުކޮށްފައެވެ. ކައުންސިލް އިދާރާގެ މައި އޮފީސް ހުންނަނީ، ކުރިން އަތޮޅު އޮފީސް ހިންގަމުން އައި މަރުކަޒީ ރަށްކަމަށްވާ ހިތަދޫ ގައެވެ.

އައްޑޫސިޓީ ކައުންސިލް ހިންގަމުންގެންދަނީ 2011 ވަނަ އަހަރު ފާސްކޮށްފައިވާ ކައުންސިލް ހިންގާ ގަވާއިދުގައިވާ ގޮތުގެމަތީންނެވެ.

ޤާނޫނީ ޙައިޘިއްޔަތު

އައްޑޫސިޓީ ކައުންސިލަކީ، އަމިއްލަ ނަމުގައި ދަޢުވާކުރުމާއި، ދަޢުވާ ލިބިގަތުމުގެ ޤާނޫނީ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުޢާމަލާތްކުރުމުގެ ޙައިޘިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ ޤާނޫނީ މިނިވަން ޝަޚްޞެކެވެ.

މެމްބަރުން

ތަސައްވުރު

ސަސްޓެއިނަބްލް އައްޑޫސިޓީ

އުފެއްދުންތެރި ފަންވަރުހުރި ދިރިއުޅެން ހިތްގައިމު ސިޓީއެއް

އަމާޒު

ޢަޒުމް ގަދަ، ކެރޭ، ދީނާއި ޤައުމުގެ ޙައްޤުގައި ޤުރުބާންވާ، ދުޅަހެޔޮ، ހޭލުންތެރި، ފަހި، ފާގަތި، އެކުވެރި، ތަހުޛީބު ރައްޔިތެއް އަމާންކަންމަތީ ރައްކާތެރި ވެއްޓެއްގައި ދިރިއުޅޭ ދިވެހިރާއްޖޭގެ ތަރައްޤީގެ ނަމޫނާ ނާރެސް ސިޓީއަކަށް އައްޑޫ ސިޓީ ހެދުން.

ސިޓީ ކައުންސިލުގެ ބާރުތައް

 1. ޤާނޫނުއަސާސީއާއި ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ސިޓީއާއި ސިޓީގައި ހިމެނޭ އަވަށްތައް ހިންގައި، ތަރައްޤީކޮށް، މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރަށްވެހިކަމުގެ ޚިދުމަތްތައް ދިނުން.
 2. ސިޓީގައި ނުވަތަ ސިޓީގައި ހިމެނޭ އަވަށް އަވަށުގެ އަވަށު ބޯޑުން، ރައްޔިތުންގެ ބައިވެރިވުމާއެކު ތައްޔާރުކޮށް، ސިޓީ ކައުންސިލަށް ހުށަހަޅާ ތަރައްޤީގެ ޕްލޭންތަކުގެ މައްޗަށް ބިނާކޮށް، ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީން ސިޓީ ކައުންސިލްގެ މަޝްވަރާގެ މަތިން އެކަށައަޅައި މުޅި ސިޓީގެ ތަރައްޤީގެ ޕްލޭނަށް ރިޢާޔަތްކޮށްގެން ތަރައްޤީގެ މަޝްރޫޢުތައް ރޭވުމާއި ބަޖެޓު ތައްޔާރުކުރުމާއި ތަރައްޤީގެ މަޝްރޫޢުތައް ތަންފީޛުކުރުން.
 3. ތަރައްޤީގެ އެކިއެކި މަޝްރޫޢުތައް ރާވައި ހިންގުމުގައި ސަރުކާރުގެ މިނިސްޓްރީތަކަށް ރައްޔިތުންގެ ފަރާތުން ލަފަޔާއި މަޝްވަރާ ދިނުމާއި، ސަރުކާރުގެ މިނިސްޓްރީތަކުން ކައުންސިލްގައި ހިންގާ މަޝްރޫޢުތައް ހިނގާނުހިނގާ ގޮތް ބެލުމުގައި އެހީތެރިވެދީ، އެމިނިސްޓްރީތަކަށް ޖަވާބުދާރީވެ، އެމިނިސްޓްރީތަކުން ކަނޑައަޅާ ގޮތަކަށް ގަވާއިދުން ރިޕޯޓު ހުށަހެޅުން.
 4. އަވަށު އޮފީސްތަކުން ހިންގާ ޙަރަކާތްތައް ވިލަރެސްކުރުމާއި އެ އޮފީސްތައް ހިނގާނުހިނގާގޮތް ބެލުން.
 5. މި ޤާނޫނުގެ ދަށުން ސިޓީ ކައުންސިލަށް ލިބިދީފައިވާ ބާރާއި މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި އެކަށައަޅަންޖެހޭ ސިޔާސަތު އެކަށައެޅުމާއި ސިޓީ ކައުންސިލްގެ ވާޖިބު އަދާކުރުމަށްޓަކައި ހަދަންޖެހޭ ގަވާއިދުތައް ހަދައި އެ ގަވާއިދުތައް ހިންގުން.
 6. މި ޤާނޫނުގެ ދަށުން ސިޓީ ކައުންސިލަށް ލިބިދީފައިވާ ބާރާއި، މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ސިޓީ ކައުންސިލްގެ ދާއިރާގެ ރަށްވެހިންގެ ނަމުގައި ނިންމަންޖެހޭ ކަންކަން ނިންމުން.
 7. އިޤްތިޞާދީ ނުވަތަ އިޖްތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި، އުފުލޭ އަދި ނުއުފުލޭ މުދާ ހޯދުމާއި މިލްކުކުރުމާއި ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ މިފަދަ ތަކެތި އެހެން ފަރާތްތަކަށް މި ޤާނޫނުގެ ދަށުން ހެދޭ ގަވާއިދާ އެއްގޮތަށް ކުއްޔަށް ދޫކުރުމާއި ދިނުން.
 8. ތަރައްޤީގެ ޙަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ ޙުދޫދުގެ ތެރޭގައި މާލީ އިދާރާތަކުން ދަރަންޏަށް ފައިސާ ނެގުމާއި އެފަދަ ދަރަނިތަކުގެ ޙިމާޔަތެއްގެ ގޮތުގައި ކައުންސިލްގެ އެކިއެކި މާލީ ޙައްޤުތަކާއިމަޞްލަޙަތުތަކާއި މިލްކިއްޔާތުތައް ދަރަނި ދޫކުރާ ފަރާތްތަކަށް ހުށަހެޅުމާއި ތަފާތު އެކި ކަންކަމަށް ފަންޑު އުފެއްދުން.
 9. ތަރައްޤީގެ ޙަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް މި ޤާނޫނުގައި ކަނޑައަޅާފައިވާ ޙުދޫދުގެ ތެރޭގައިމުނިސިޕަލް ބޮންޑާއި ބިލާއި މުނިސިޕަލް ސެކިއުރިޓީ ފަދަ އެކިއެކި މާލީ ސެކިއުރިޓީތައް އެކަށައަޅައި، އެފަދަ ސެކިއުރިޓީތައް ސްޓޮކް އެކްސްޗޭންޖް މެދުވެރިކޮށް ވިއްކުން.
 10. ކައުންސިލްގެ މެންބަރުން ބަދަލުވާ ޙާލަތްތަކުގައާއި ކައުންސިލްގެ ނަން ބަދަލުވާ ޙާލަތްތަކުގައި ކުރީގެ ކައުންސިލުން ކޮށްފައިވާ ކަންކަމަށް ޒިންމާ އުފުލުން.
 11. ސިޓީ ކައުންސިލުން ދޭ ޚިދުމަތްތަކާއި އަވަށު އޮފީސްތައް މެދުވެރިވެގެން ދޭ ޚިދުމަތްތަކަށް މި ޤާނޫނުގެ ދަށުން ހެދޭ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ފީ ކަނޑައެޅުމާއި ފީނެގުން.
 12. ކައުންސިލްގެ ބެލުމުގެ ދަށުން ޚިދުމަތް ދެވޭ ތަންތަނާއި ކައުންސިލްގެ އުޅަނދުފަހަރާއި މަގުތަކާއި، ޕާކު ފަދަ އާންމު ތަންތަނަށް ނަންދިނުމާއި ނަން ބަދަލުކުރުން.
 13. މި ޤާނޫނުގައި ބުނެފައިވާ ރިޕޯޓުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
 14. ކައުންސިލުގެ ނަމުގައި ދަޢުވާކުރުމާއި ދަޢުވާލިބިގަތުން.
 15. ސިޓީގައި އަމާން އަދި ޞުލްޙަވެރި ވެށްޓެއް ޤާއިމުކުރުމަށްޓަކައި ފުލުހުންނާ ގުޅިގެން ކުރެވެންހުރި އެންމެހައި ކަންކަން ކުރުން.
 16. ކައުންސިލުގެ އިޚުތިޞާޞްގެ ތެރޭގައި ހިމެނޭ ކަންކަމާ ގުޅިގެން އެއްވެސް މީހަކު ޤާނޫނާ ޚިލާފު ޢަމަލެއް ކޮށްފިކަމަށް ތުހުމަތުކުރެވޭނަމަ އެކަމެއް ތަޙުޤީޤްކުރުމަށް ފުލުހުންގެ އެހީތެރިކަމަށް އެދުން.
 17. ކައުންސިލަށް ނިސްބަތްވާ ސިއްކަ ސަރުކާރުގެ ކަމާބެހޭ އިދާރާގައި ރަޖިސްޓަރީކުރުމަށްފަހު ބޭނުންކުރުން.
 18. ސިޓީ ކައުންސިލުގެ އިދާރާ ހިންގުން.
 19. ޤާނޫނަކުން ކަނޑައަޅާ މިނޫންވެސް ކަންކަން ކުރުން.