އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޒަކާތް ލިބިގަތުމަށް ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވުމަށް އިސްލާމިކް މިނިސްޓްރީން ނެރުއްވި ސަރކިއުލަރ އާ ގުޅޭގޮތުން ގޮތުން ނެރޭ ނޫސްބަޔާން

11 މޭއި 2017     6 years ago


ފިތުރު ޒަކާތާއި މުދަލުގެ ޒަކާތް ލިބިގަތުމަށް ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވުމަށް އިސްލާމިކް މިނިސްޓްރީން ނެރުއްވި ސަރކިއުލަރ އާ ގުޅޭގޮތުން ރައްޔިތުންނަށް ކަމުގެ ހަޤީޤަތް ހާމަކުރުމުގެ ގޮތުން ނެރޭ ނޫސްބަޔާން

 

ފިތުރު ޒަކާތާއި މުދަލުގެ ޒަކާތް ލިބިގަތުމަށް ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވުމަށް އެދޭ ފޯރމް ފުރުމަށް އެދި އައްޑޫސިޓީ ކައުންސިލްގެ އިދާރާ އާއި މި އިދާރާގެ އަވަށު އޮފީސްތަކަށް ރައްޔިތުންގެ ފަރާތުން އެދިލައްވަމުންދާތީ ދަންނަވަމެވެ.

ސަރުކާރުގެ އޮފީސްތަކުން ކުރައްވާ މަސައްކަތް ބަޔާންކުރައްވައި ރައީސުލްޖުމުހޫރިއްޔާގެ އޮފީހުން އާންމުކުރައްވައި އެ އޮފީހުގެ ވެބްސައިޓްގައި ޝާއިއު ކުރައްވާފައިވާ، ސަރުކާރުގެ އޮފީސްތަކުގެ މަސައްކަތްތައް މިބައިގައި މިނސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ މަސައްކަތުގެ 12 ވަނަ މަސައްކަތް ބަޔާން ކުރައްވާފައިވަނީ ތިރީގައިމިވާ ފަދައިންނެވެ.

މިނސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ މަސައްކަތް

12. ފަރުޟު ޒަކާތާ ބެހޭގޮތުން މީހުން ހޭލުންތެރިކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުމާއި، ކޮންމެ ހަމަހަކުން އެއްފަހަރު ނިޞާބު އިޢްލާނުކުރުމާއި، މުދަލުގެ ޒަކާތާއި ފިޠްރުޒަކާތުގެ ފައިސާ ބަލައިގަތުމާއި، ޒަކާތުގެ ފައިސާ ދޭންޖެހޭ ފަރާތްތައް ކަނޑައަޅައި، އެފަރާތްތަކަށް އެފައިސާ ދިނުމާއި އެކަންކަމާބެހޭ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.

އެހެންކަމުން ދިވެހިރާއްޖޭގައި  ފިތުރު ޒަކާތާއި މުދަލުގެ ޒަކާތާއި ގުޅޭ ގޮތުން ދައުލަތުގެ ފަރާތުން ކުރައްވަންޖެހޭ އެންމެހައި އިންތިޒާމްތައް ކުރައްވަނީ މިނސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިންނެވެ.

ރާއްޖޭގެ އަތޮޅުތަކުގައި ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީ ވާން އެދޭ ފަރާތްތަކުން ފޯރމް ހުށަހަޅުއްވަންވީގޮތް މިނިސްޓްރީ އޮފް އިސްލާމިކް އެފައާޒްގެ ނަމްބަރ 142-C2/CIR/2017/15 (03 މެއި 2017) ސަރކިއުލަރ ގައި ބަޔާން ކުރައްވާފައިވެއެވެ. އެސަރކިއުލަރވާގޮތުން ރަށުކައުންސިލްތަކާއި އަތޮޅުކައުންސިލްތަކުގެ އިދާރާތަކުގައި ފޯރމް ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަން އެނގެއެވެ. ނަމަވެސް ރާއްޖޭގެ ސިޓީތަކުގައި ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީ ވާން އެދޭ ފަރާތްތަކުން ފޯރމް ފުރުމުގެ ކަންކަން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ކުރިއަށް ގެންދަވާއިރު އެކަމުގައި އެމިނިސްޓްރީން އައްޑޫސިޓީ ކައުންސިލް ބައިވެރި ކުރައްވާފައި ނުވާ ވާހަކަ އައްޑޫސިޓީގެ ލޮބުވެތި ރައްޔިތުންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ.  

މިހެން މިކަން އޮތުމުން އައްޑޫސިޓީގެ ރައްޔިތުންގެ ތެރެއިން ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކަށް ފޯރމް ފުރުމުގައި ދަތި ތަކެއް ދިމާވެފައިވާތީ އައްޑޫސިޓީ ކައުންސިލުން ނުހަނު ކަން ބޮޑުވެއެވެ.

ފާއިތުވި އަހަރުގެ ރަމަޟާން މަހުގައިވެސް މިމައްސަލަ ކުރިމަތިވުމާއި އެކު ފިތުރު ޒަކާތް ލިބިގަތުމުގައި އައްޑޫސިޓީގެ ރައްޔިތުންނަށް ދެރަގޮތްތަކާއި ކުރިމަތިލާންޖެހުނެވެ. ފަރުޟު ޒަކާތް ނެރުމާއި ޒަކާތުން ބައި ލިބިގަތުމާއި އައްޑޫސިޓީގެ މިސްކިތްތައް ބެލެހެއްޓުމާއި ޤަބުރުސްތާނު ބެލެހެއްޓުމާއި ކަށުކަމާކެމީގެ ކަންކަމުގައި އައްޑޫސިޓީގެ ރައްޔިތުންނަށް ވަރަށްބޮޑެތި ދަތިތަކާ ކުރިމަތިލާން މެދުވެރިވަމުންދާތީ މިކަންކަމަށް ރައްޔިތުންނަށް ފަސޭހަ ހޯދައި ދިނުމުގެ ގޮތުން އައްޑޫސިޓީގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ މަސައްކަތް ހިންގުމުގައި އައްޑޫސިޓީކައުންސިލުން މިނިސްޓްރީ އަށް ބޭނުންވާ އެހީތެރިކަމަކީ ކޮބައިކަން ދެނެގަތުމަށް މިއަހަރުގެ މިހައިތަނަށް އައްޑޫސިޓީކައުންސިލުން އިސްނަންގަވައި 2 ފަހަރު މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްއާއި ބައްދަލުކުރުމަށް މާލެއަށް ދަތުރުކުރެވިފައި ވެއެވެ. ނަމަވެސް މިއިންއެއްވެސް ބައްދަލުވުމެއްގައި މިނސްޓަރ ކައުންސިލާއި ބައްދަލު ކުރައްވާފައި ނުވެއެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ މަސައްކަތް އައްޑޫސިޓީގައި ހިންގުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން އައްޑޫސިޓީ ކައުންސިލްގެ އިދާރާގައި އެމިނިސްޓްރީގެ އޮފީހެއް ހިންގުމަށް ވަރަށް ދީލަތިގޮތެއްގައި ޖާގަތަނަވަސްކޮށްދެވިފައިވެއެވެ.  މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ މަސައްކަތް އައްޑޫސިޓީގައި ހިންގުމުގައި މިނސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަށް އައްޑޫސިޓީ ކައުންސިލްގެ އެހީތެރިކަން ބޭނުންވާ ދާއިރާތަކުން އައްޑޫސިޓީ ކައުންސިލަށް ކޮށްދެވެން ހުރި ކަންކަން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 71 ވަނަ މާއްދާގައި ބަޔާންވެގެންވާ ގޮތުގެ މަތިން ކޮށްދެވެން އޮތް އެންމެ ރަނގަޅަށް އައްޑޫސިޓީގެ ރައްޔިތުންގެ ހައްޤުގައި ކޮށްދެމުން ދާނެއެވެ. މިފުރުސަތުގައި ފަރުޟު ޒަކާތް ނެރުމާއި ޒަކާތުން ބައި ލިބިގަތުމާއި އައްޑޫސިޓީގެ މިސްކިތްތައް ބެލެހެއްޓުމާއި ޤަބުރުސްތާނު ބެލެހެއްޓުމާއި ކަށުކަމާކެމީގެ ކަންކަމުގައި އައްޑޫސިޓީގެ ރައްޔިތުންނަށް ވަރަށްބޮޑެތި ދަތިތަކާ ކުރިމަތިލާން މެދުވެރިވަމުންދާތީ އެކަންކަމުގައި ރައްޔިތުންނަށް ކުރިމަތިވަމުންދާ ދަތިތަކަށް އަވަސް އަދި ފަސޭހަ ހައްލެއް ހޯއްދަވައި ދެއްވުމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އަށް އިލްތިމާސްކޮށް ދަންނަވަމެވެ.



ބާވަތް: ނޫސްބަޔާން

ނަންބަރ: 02/2017

ޕަބްލިޝް ކުރި ތާރީޚް: 11-05-2017