އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ރައްޔިތުންގެ ތަރައްޤީއަށް ސަރުކާރުން ކުރައްވާ ކަންކަމުގައި އައްޑޫސިޓީ ކައުންސިލުން އަބަދުވެސް ގެންދެވީ އެއްބާރުލުން ދެއްވަމުން

16 މޭއި 2017     6 years ago


ރައްޔިތުންގެ ތަރައްޤީއަށް ސަރުކާރުން ކުރައްވާ ކަންކަމުގައި އައްޑޫސިޓީ ކައުންސިލުން އަބަދުވެސް ގެންދެވީ އެއްބާރުލުން ދެއްވަމުން

 

އައްޑޫސިޓީ ކައުންސިލުން މީގެ ކުރިންވެސް މަސައްކަތް ކުރައްވަމުން އައިސްފައިވަނީ ސަރުކާރާއި ގުޅިގެން ރައްޔިތުންގެ ތަރައްޤީއަށް ކުރެވޭ މަސައްކަތުގައި އެހީތެރިވެ އެއްބާރުލުން ދީގެންނެވެ. ނިމިގެންދިޔަ ލޯކަލް ކައުންސިލްގެ އިންތިޚާބުގައި އައްޑޫސިޓީ ކައުންސިލަށް އިންތިޚާބުވީ މުޅިންވެސް އެމްޑީޕީގެ ފަރާތުން އެ އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުން ކަމަށްވިއަސް އައްޑޫސިޓީ ކައުންސިލްގެ ވިސްނުމަކީ، ރައްޔިތުންގެ ތަރައްޤީއަށް ސަރުކާރުން ކުރައްވާ ކަންކަމުގައި އެހީތެރިވެ އެއްބާރުލުން ދެއްވުމެވެ.

ރައްޔިތުންގެ މަޖިލީހުން ލާމަރުކަޒީ ޤާނޫނަށް އިސްލާޙު ގެންނަވައި ސީޓީ ކައުންސިލްތަކުގެ ބާރުތައް އުނިކޮށްލައްވައި ކައުންސިލަރުންގެ މުސާރަ ކުޑަކޮށްލެއްވުމަކުން އައްޑޫސިޓީ ކައުންސިލުން ސަރުކާރާއި ގުޅިގެން ތަރައްޤީއަށް ކުރެވެމުންދާ އެއްވެސް ކަމަކަށް ހުރަސް އަޅައި ދަތިކޮށްފައެއް ނުވާނެއެވެ. އެއީ ކުރެވޭނެ ކަމެއްވެސް ނޫނެވެ. އައްޑޫސިޓީގެ ލޮބުވެތި ރައްޔިތުން އެކަމަށް ހެކިވެ ކައުންސިލަށް ނުހަނު ބޮޑަށް ތަރުޙީބު ދެއްވާފައިވެއެވެ. އެކަމަށްޓަކައި އައްޑޫސިޓީ ކައުންސިލް ޝުކުރުވެރިވެއެވެ.  

އައްޑޫސިޓީގެ މިސްކިތްތައް ބެލެހެއްޓުމާއި، އައްޑޫސިޓީގެ ގަބުރުސްތާނު ބެލެހެއްޓުމާއި، އައްޑޫސިޓީގައި ކަށުކަމާކެމީގެ ކަންކަން ހަމަޖެއްސުން ވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ގާނޫނީ މެންޑޭޓްގައި ހިމެނޭ މަސައްކަތްތަކަށް ބަދަލުވެފައެވެ. ނަމަވެސް މިމަސައްކަތް އެދެވޭގޮތުގައި ހިނގަމުން ނުދެއެވެ. ރަމަޟާން މަހަށް މިސްކިތްތައް އާބާތުރަ ފިލުވުމާއި މިސްކިތައްތައް ޒީނަތްތެރިކުރުމުގެ މަސައްކަތާއި، ތަރާވީޙާއި ދަމުނަމާދު ކުރުމާއި ވަޢުޟު ނަސޭޙަތް ދިނުމުގެ ޕްރޮގްރާމް ކައުންސިލްގެ ބާރުތައް އޮތްއިރު އައްޑޫސިޓީ ކައުންސިލުން ވަނީ ވަރަށް ފުރިހަމައަށް ގެންދަވާފައެވެ. ނަމަވެސް މިއަހަރު އަދި މިސްކިތްތަކުގައި ތަރާވީޙާއި ދަމުނަމާދު ކުރުމާއި ވަޢުޟު ނަސޭޙަތް ދިނުމުގެ ޕްރޮގްރާމް އޮތް ހިސާބެއް ނޭނގެއެވެ. މިއީ އައްޑޫ ސިޓީ ކައުންސިލުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެކެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ މަސައްކަތްތައް އައްޑޫސިޓީގައި ހިންގެވުމަށް ކައުންސިލުން ވަނީ ވަރަށްބޮޑަށް އެއްބާރުލުން ދެއްވާފައެވެ.

އައްޑޫސިޓީގެ ރައްޔިތުން އެންމެ ކަންބޮޑުވާ އެއްކަމަކީ، ބޭސްފަރުވާގެ ޚިދުމަތް ލިބިގަންނާނެ ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއް ޤާއިމުވެފައި ނެތުމެވެ. އައްޑޫސިޓީ ހިތަދޫ 100 އެނދުގެ ހޮސްޕިޓަލް މަޝްރޫއު އަކީ މިއަދުގެ ސަރުކާރުން އައްޑޫސިޓީގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތަކުގެ ތެރޭ ހިމެނޭ ރިޔާސީ ވައުދެކެވެ. 100އެނދުގެ ހޮސްޕިޓަލެއް އައްޑޫސިޓީގައި އިމާރާތް ކުރެއްވުމަށް އޭރުގެ ޕްރޮވިންސް އޮފީހުން ވާނީ މިނިސްޓްރީ އޮފް ހެލްތަށް ބިންވެސް ރަޖިސްޓަރީ ކޮށްދެއްވާފައެވެ. އަދި އޭގެ ފަހުން މި ހޮސްޕިޓަލް އިމާރާތްކުރުމާ ގުޅެގޮތުން އެކިފަހަރު މަތިން ބޭއްވި އެކި ބައްދަލުވުންތަކުގައި ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ސަރުކާރަށް އޮތްކަން ހާމަކޮށްދެއްވާފައެވެ. ނަމަވެސް މި ހޮސްޕިޓަލްގެ ވާހަކަ ހަމަ އެޖެންޑާގައި އޮތީއެވެ. މިކަން ވެފައިވަނީ ދިވެހިސަރުކާރުގެ ވެރިން ދައްކަމަވުން ގެންދަވާ ހޮޅި ވާހަކައަކަށެވެ.  

މި 100 އެނދުގެ ހޮސްޕިޓަލްގެ ވާހަކަ ދައްކަވާ ފަރާތްތަކުން މިވާހަކަ ދައްކަވާ އިރު މިވާހަކައިން އައްޑޫސިޓީގެ ރައްޔިތުން ގުނބޯ ހެއްދޭކަމަށް ހީފުޅު ކުރައްވާކަމީ އެބޭފުޅުންގެ ހުރި ނުކުޅުންތެރިކަމެވެ. ޕްލޭންކުރެއްވުމެއް ބަޖެޓްކުރެއްވުމެއްނެތި އަލާއުއްދީންގެ ވޮށްގަނޑު ކުއްލިއަކަށް ދިއްލި 25 ބުރީގެ ބިޔަ 240 މިލިޔަން ޑޮލަރގެ އަގުބޮޑު އިމާރާތެއް އައިޖީއެމްއެޗްގައި މިއަދުގެ ސަރުކާރުން އިމާރާތްކުރައްވަން ފެއްޓެވިކަމާއި އެކި މުނާސަބަތުތަކުގައި އައްޑޫގައި ހޮސްޕިޓަލް އެޅުމާއި ބެހޭގޮތުން ސަރުކާރުން ދައްކަވާފައިވާ ވާހަކަތަކަކީ އައްޑޫސިޓީގެ ރައްޔިތުންނަށް އެގޭ ހަނދާން ހުރި ވާހަކަތެކެވެ. 100 އެނދުގެ ހޮސްޕިޓަލް އެޅުމަށް ދިވެހި ދައުލަތަށް ލޯނު ނެގިފައިވާ ގޮތާއި ދައުލަތުގެ އެކި އަހަރުތަކުގެ ބަޖެޓްތަކުގައި މިމަޝްރޫއު ހިމަނުއްވައި ފައިސާ ހިމަނުއްވަމުން މިހޮސްޕިޓަލް އެޅުއްވުމާއި ބެހޭގޮތުން ބަހަނާ ދައްކަވަމުން ސަރުކާރުން ކަންކަން ކުރައްވަމުން މިއަންނަގޮތް އައްޑޫސިޓީގެ ރައްޔިތުންނަށް އެނގެ އެވެ. 2012 ވަނަ އަހަރުއްސުރެ އީސީސީ ދިވެހިސަރުކާރުން އިހުމާލު ކޮށްލައްވައި އަދި މިއަދުގެ ސަރުކާރުން އީސީސީ ވީރާނާވުމަށް ދޫކޮށްލައްވާފައިވާކަން އައްޑޫސިޓީގެ ކުދި ބޮޑު އެންމެހާ ރައްޔިތުން ދަނެތެވެ.

ސަރުކާރުން ކުރިއަށް ގެންދަވާ ތަރައްޤީގެ އެކިއެކި ޕްރޮގްރާމްތަކަށް މިހާތަނަށްވެސް އައްޑޫސިޓީ ކައުންސިލުން ވާނީ ވަރަށް ބޮޑަށް ތަރުޙީބު ދެއްވާފައެވެ. ހިތަދޫގައި ހަދަން ނިންމި މަސްފެކްޓަރީ އަށް ސަރުކާރުގެ ފަރާތުން އެދިލެއްވުމުން ކައުންސިލުން ވާނީ ބިން ދޫކޮށްފައެވެ. އައްޑޫސިޓީގައި ޒުވާނުންނަށް ފުޓްސަލް ދަނޑު ހެދުމުގައި ކައުންސިލުން ވަރަށް އިސްދައުރެއް އަދާކޮށްފައި ވާނެއެވެ.

އައްޑޫސިޓީ ކައުންސިލުން އިރާދަކުރެއްވިއްޔާ އަދިވެސް ދިމިތިބޭނީ ރައްޔިތުންގެ ތަރައްޤީއަށް ސަރުކާރުން ކުރައްވާ ކަންކަމުގައި އެއްބާރުލުން ދެމުންދާނެ ކައުންސިލެއްގެ ގޮތުގައެވެ. މިކަން އައްޑޫސިޓީގެ ލޮބުވެތި ރައްޔިތުންނަށް ޔަގީންކޮށް އަރުވަމެވެ.



ބާވަތް: ނޫސްބަޔާން

ނަންބަރ: 03/2017

ޕަބްލިޝް ކުރި ތާރީޚް: 16-05-2017