އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މިއަހަރުގެ ފިޠުރުޒަކާތާ ބެހޭ ގޮތުން އައްޑޫސިޓީ ކައުންސިލުން ނެރޭ ނޫސް ބަޔާން

28 މޭއި 2017     6 years ago


މިއަހަރުގެ ފިޠުރުޒަކާތާ ބެހޭ ގޮތުން އައްޑޫސިޓީ ކައުންސިލުން ނެރޭ ނޫސް ބަޔާން

މިނސްޓްރީ އޮފް އިސްލާމިކް އެފެއާރޒް ގެ ނަމްބަރ (IUL)142-C2/1/2017/62  25 މޭއި 2017 އިއުލާނުގައި ފިތުރު ޒަކާތް އައްޑޫސިޓީގައި ބަލައިގަތުމުގެ އިންތިޒާމް އައްޑޫސިޓީ ކައުންސިލުން ހަމަޖައްސާނެ ކަމަށް ބަޔާން ކުރައްވާފައިވެއެވެ. ދައުލަތުގެ އޮފީސްތަކުގެ މަސައްކަތް ކަނޑައެޅިފައިވަނީ ޤާނޫނީ އަސާސްތަކެއްގެ މައްޗަށެވެ. ދިވެހިރާއްޖޭގައި ފިޠްރުޒަކާތުގެ ފައިސާ ބަލައިގަތުމާއި، ޒަކާތުގެ ފައިސާ ދޭންޖެހޭ ފަރާތްތައް ކަނޑައަޅައި، އެފަރާތްތަކަށް އެފައިސާ ދިނުމާއި އެކަންކަމާބެހޭ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުމަކީ މިނސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ މަސައްކަތުގެ 12 ވަނަ ނަމްބަރުގައި ހިމެނޭ ކަމެކެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 71 ވަނަ މާއްދާގައި (ހ) ގައި ޤައުމީ އިދާރާތަކުންދޭ ޚިދުމަތްތައް ކޮންމެ އިދާރީ ދާއިރާއަކުން ލިބޭނެ އިންތިޒާމް ޤައުމީ އިދާރާތަކުން ހަމަޖައްސަންވާނެކަމަށާއި އަދި ކައުންސިލްތަކުން ޤައުމީ އިދާރާތަކަށް އެއްބާރުލުމާއި އެހީތެރިކަން ދޭންވާނެ ކަމަށް ބަޔާން ކުރައްވާފައިވެއެވެ. މި މާއްދާގެ (ށ) ގައި ޤައުމީ އިދާރާތަކުން ދޭ ޚިދުމަތްތައް ސިޓީ ކައުންސިލްތަކުގެ އިޚުތިސާސް ހިނގާ އިދާރީ ދާއިރާތަކުގައި ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގައި އަމަލު ކުރުމަށް ކަނޑައަޅާފައި ވަނީ މިދަންނަވާ ގޮތަށެވެ.

             

  1. ޤައުމީ އިދާރާގެ އޮފީހެއް އިދާރީ ދާއިރާގައި ގާއިމު ކުރުން

މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން ދެއްވާ ޚިދުމަތްތައް އައްޑޫސިޓީ ގައި ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި މިނސްޓްރީގެ އޮފީހެއް ހިންގުމަށް ވަރަށް ތަނަވަސް އަދި ދީލަތި ގޮތެއްގައި އޮފީސް ޖާގަ އައްޑޫސިޓީ ކައުންސިލުން ހަމަޖައްސައި ދެވި މިއޮފީހުގައި މިނސްޓްރީގެ މުވައްޒަފުން މަސައްކަތް ކުރައްވަމުން ގެންދަވެއެވެ.

އެހެން ކަމުން ޤާނޫނުގައި ބަޔާންވެގެންވާ ހަމަތަކަށް ބަލާއިރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން ދެއްވާ ޚިދުމަތްތައް އައްޑޫސިޓީ ގައި މިދެންނެވި އޮފީހުން އިންތިޒާމް ކުރައްވަމުން ގެންދަވާނެ ކަމަށް އައްޑޫސިޓީ ކައުންސިލް ދެކެމެވެ.

މިހެން މިކަން އޮތަސް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން ދެއްވާ ޚިދުމަތްތައް އައްޑޫސިޓީ ގައި ދެއްވުމުގެ އިންތިޒާމް ހަމަ ޖެއްސެވުމަކީ ދަތި، އުނދަގޫ އަދި އެހާމެ ބޮޑު ކަމެއް ކަމަށް އައްޑޫސިޓީ ކައުންސިލަށް ގަބޫލުކުރެވޭތީ އައްޑޫސިޓީ ކައުންސިލުން އިސްނަގައި ތަފާތު ފަހަރުތަކުގައި ލިޔުމުން އަދި މާލެ އަށް ދަތުރުކޮށް މިނސްޓްރީގެ އިސްވެރިންނާ ބައްދަލުކޮށް އައްޑޫސިޓީގައި މިނސްޓްރީން ދެއްވަން ޖެހޭ ޚިދުމަތްތައް މިނސްޓްރީ އާއި އައްޑޫސިޓީ ކައުންސިލާއި ދެމެދު ފަހުމުނާމާއެއް އެކުލަވާލައި އައްޑޫސިޓީ ކައުންސިލުން ކޮށްދިނުމަށް ހުށަހަޅާފައިވީ ނަމަވެސް މިނިސްޓްރީން މިހުށަހެޅުމަށް ޖަވާބެއް ދެއްވާފައި ނުވެއެވެ.

ފާއިތުވި ރޯދަމަސް ފެށުނުއިރު  މިނސްޓްރީ އޮފް އިސްލާމިކް އެފެއާރޒް އިން ކުރެއްވި އިއުލާނަކާ ގުޅިގެން މިނިސްޓްރީއަށް އެހީތެރިވެ ދިނުމުގެ ގޮތުން ފިޠުރުޒަކާތް ބަލައިގަތުމާ މިނސްޓްރީން އެންގެވި ގޮތަށް ޒަކާތް ބަހައި ދިނުމުގެ މަސައްކަތް ކައުންސިލުން ކުރިއަށް ގެންދެވޭތޯ ހިތްވަރު ކުރެވުނެވެ. މިދިޔަ އަހަރުގެ ފިޠުރުޒަކާތް ބެހުމަށް މިނސްޓްރީން އެކުލަވާލެއްވި ލިސްޓަށް މިނސްޓްރީން ކަނޑަ އެޅުއްވި ގޮތަށް ކައުންސިލްގެ އިދާރާއިން  ޒަކާތް ބަހަން ފެށުމުން ޒަކާތުން ބައިލިބުމަށް އެދިގެން އައި ފަރާތްތަކުން ކުރިމަތި ކުރި ސުވާލުތަކަށް ޖަވާބުދެވޭނެ ގޮތެއް ނެތުމުން މަސްލަހަތު ގެއްލި ޒަކާތް ބެހުން ކުރިއަށް ނުގެންދެވުނެވެ. އަދި މިކަމާއި ގުޅިގެން މިނސްޓްރީގެ ވެރިންނާ މުއާމަލާތުކުރެވި މިނިސްޓްރީން ހަމަޖައްސަވައިގެން ފުލުހުންގެ އެހީތެރކަމާއެކު ޒަކާތް ބަހަން ކުރިމަސައްކަތް ވެސް ވަނީ ނާކާމިޔާބުވެފައެވެ. މިދިޔަ އަހަރުގެ ފިޠުރު ޒަކާތަށް އައްޑޫސިޓީ ހިތަދޫ ރައްޔިތުން ނެރުނު ފައިސާގެ ތެރެއިން 48977.00 ރުފިޔާ ނުބެހި އަދިވެސް ކައުންސިލް އިދާރާގައި އެބަހުއްޓެވެ. މިފައިސާ އާއި މެދު އަމަލު ކުރާނެ ގޮތެއް މިހާތަނަށްވެސް މިނިސްޓްރީން ކައުންސިލަށް އަންގަވާފައި ނުވެއެވެ. މިދެންނެވި ހާދިސާގައި ކައުންސިލްގެ އިދާރާގެ އިމާރާތަށް ގެއްލުން ލިބުމުގެ އިތުރަށް މުވައްޒަފުންނަށްވެސް އެކިވަރުގެ ބިރުވެރިކަމާ ކުރިމަތިލާންޖެހުންނެވެ.

މިކަންކަން މިހެން އޮތުމާއި އެކު މިނސްޓްރީ އޮފް އިސްލާމިކް އެފައާރޒްގެ މަސައްކަތުގެ ތެރޭ ހިމެނޭ ފިޠްރުޒަކާތުގެ ފައިސާ ބަލައިގަތުމާއި، ޒަކާތުގެ ފައިސާ ދޭންޖެހޭ ފަރާތްތައް ކަނޑައަޅައި، އެފަރާތްތަކަށް އެފައިސާ ދިނުމާއި އެކަންކަމާބެހޭ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުމުގެ ދާއިރާއިން އައްޑޫސިޓީގައި ދެއްވަންޖެހޭ ޚިދުމަތްތައް ދެއްވާނީ އައްޑޫސިޓީ ކައުންސިލުން ކަމަށް މިނސްޓްރީން އިއުލާން ކުރެއްވި ނަމަވެސް ފާއިތުވެ ދިޔަ ރޯދަމަހު ފިޠުރުޒަކާތް ބަލައިގަނެ ޒަކާތް ބެހުމަށް މިކައުންސިލުން ކުރިމަސައްކަތް ކުރިއަށް ގެންދެވިފައި ނުވާތީ  އާއި މިއަދާއި ހަމައަށްވެސް ކައުންސިލާއި މިނސްޓްރީ އާއި ދެމެދު ގުޅިގެން މަސައްކަތް ކުރުމުގައި އަމަލު ކުރާނެ ގޮތުގެ އިންތިޒާމްތައް މިނސްޓްރީން ހަމަޖައްސަވާފައި ނެތުމާއި އެކު މިނސްޓްރީ އޮފް އިސްލާމިކް އެފެއާރޒް ގެ ނަމްބަރ (IUL)142-C2/1/2017/62  25 މޭއި 2017 އިއުލާނުގައި ފިތުރު ޒަކާތް އައްޑޫސިޓީގައި ބަލައިގަތުމުގެ އިންތިޒާމް އައްޑޫސިޓީ ކައުންސިލުން ހަމަޖައްސާނެ ކަމަށް ބަޔާން ކުރައްވާފައިވީ ނަމަވެސް އެކަމަކީ މިދެންނެވި ސަބަބުތަކަށްޓަކައި ކުރިއަށްގެންދެވިދާނެ ކަމެއްކަމުގައި އައްޑޫސިޓީ ކައުންސިލް ނުދެކެމެވެ.

މިހެން މިކަން އޮތުމުން އައްޑޫސިޓީގެ ރައްޔިތުންނަށް ފިޠުރުޒަކާތް ނެރުމާއި ޒަކާތުން ބައި ލިބިގަތުމުގައި ދަތިތަކާ ކުރިމަތިވާނެތީ އައްޑޫސިޓީ ކައުންސިލުން ނުހަނު ކަން ބޮޑުވެއެވެ.

އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ މަސައްކަތް އައްޑޫސިޓީގައި ހިންގުމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަށް އައްޑޫސިޓީ ކައުންސިލްގެ އެހީތެރިކަން ބޭނުންވާ ދާއިރާތަކުން އައްޑޫސިޓީ ކައުންސިލަށް ޤާނޫނީ ހަމަތަކުން ކޮށްދެވެން ހުރި ކަންކަން ކޮށްދެވެން އޮތް އެންމެރަގަޅަށް އައްޑޫސިޓީގެ ރައްޔިތުންގެ ހައްޤުގައި ކޮށްދެމުން ދާނެއެވެ. މިފުރުސަތުގައި ފަރުޟު ޒަކާތް ނެރުމާއި ޒަކާތުން ބައި ލިބިގަތުމާއި އައްޑޫސިޓީގެ މިސްކިތްތައް ބެލެހެއްޓުމާއި ޤަބުރުސްތާނު ބެލެހެއްޓުމާއި ކަށުކަމާކެމީގެ ކަންކަމުގައި އައްޑޫސިޓީގެ ރައްޔިތުންނަށް ވަރަށްބޮޑެތި ދަތިތަކާ ކުރިމަތިލާން މެދުވެރިވަމުންދާތީ އެކަންކަމުގައި ރައްޔިތުންނަށް ކުރިމަތިވަމުންދާ ދަތިތަކަށް އަވަސް އަދި ފަސޭހަ ހައްލެއް ހޯއްދަވައި ދެއްވުމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްއަށް އިލްތިމާސްކޮށް ދަންނަވަމެވެ.



ބާވަތް: ނޫސްބަޔާން

ނަންބަރ: 04/2017

ޕަބްލިޝް ކުރި ތާރީޚް: 28-05-2017