އައްޑޫސިޓީ ކައުންސިލްގެ އިދާރާ

'ރެހެންދި އެވޯޑް 2021' ގައި ބައިވެރިވުމުގެ ފުރުޞަތު

15 ފެބުރުއަރީ 2021     3 years ago


އިޢުލާން

'ރެހެންދި އެވޯޑް 2021' ގައި ބައިވެރިވުމުގެ ފުރުޞަތު

ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަހާއި ގުޅިގެން، ޤައުމީ ޚިދުމަތުގައި އެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށާއި މުޖުތަމަޢު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރު އަދި މުޖުތަމަޢުގައި އަންހެނުންގެ ޙައްޤުތައް ރައްކާތެރި ކުރުމަށާއި، އަންހެނުންގެ ކުރިއެރުމަށް ވަކި ފަރުދުންނާއި މުއައްސަސާތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކުން ކުރަމުންދާ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ މަޤްޞަދުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާރވިސަސް ގެ ފަރާތުން އަހަރަކު އެއްފަހަރު ދޭ މި އަހަރުގެ އެވޯޑް، 'ރެހެންދި އެވޯޑް 2021' ގައި ބައިވެރިވުމުގެ ފުރުޞަތު، އެ މިނިސްޓްރީ އިން ވަނީ ހުޅުވާލާފައެވެ.

މި އެވޯޑަށް ކުރިމަތިލެއްވުމުގެ ގޮތުން، އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުޞަތާއި އެހެން ފަރާތްތަކުން ނަން ހުށަހެޅުމުގެ (ނޮމިނޭޓް ކުރުމުގެ) ފުރުޞަތާއި މުއައްސަސާތަކާއި އޮފީސްތަކާއި ކުންފުނިތަކުގެ އިތުރަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުން ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވެއެވެ. އަދި އެއް ދާއިރާއަށްވުރެ ގިނަ ދާއިރާއިން އެވޯޑަށް ކުރިމަތިލައްވާނަމަ، ކޮންމެ ދާއިރާއަކަށް ވަކި އެޕްލިކޭޝަން ފޯމެއް ފުރިހަމަކޮށް ހުށަހަޅުއްވަން ވާނެއެވެ.

އެވޯޑަށް ނަން ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ 28 ފެބްރުވަރީ 2021 ވާ އާދީއްތަދުވަހުގެ މެންދުރުފަހު 2:00 އަށެވެ.

'ރެހެންދި އެވޯޑް 2021' ގައި ބައިވެރިވެލެއްވުމަށް އެޕްލިކޭޝަން ފޯމް ފުރިހަމަކޮށް ބޭނުންވާ އެންމެހާ ލިޔެކިޔުންތަކާއިއެކު (ގުޅުންހުރި ލިޔުންތަކާއިއެކު، ފޯމުގައި އިރުޝާދު ދެވިފައިވާ ގޮތަށް)، އެ މިނިސްޓްރީގެ އީމެއިލް، [email protected] އަށް ހުށަހެޅުއްވޭނެއެވެ. އަދި ބަންދުނޫން ކޮންމެ ދުވަހެއްގެ ހެދުނު 9:00 އިން މެންދުރުފަހު 2:00 އަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާރވިސަސް (ގ. ބިއްލޫރިޖެހިގެ، މަޖީދީމަގު) ގެ ކައުންޓަރުން ވެސް ފޯމް ބަލައިގަންނަ ގޮތަށް ވަނީ ހަމަޖެހިފައެވެ.  

          'ރެހެންދި އެވޯޑު 2021' ގެ އުޞޫލާއި ނަން ހުށަހަޅާ ފޯމްތައް، މި އިދާރާގެ ވެބްސައިޓުން ލިބޭނެއެވެ. އަދި އައްޑޫ ސިޓީގެ އަވަށު އޮފީސްތަކުން ވެސް އެޕްލިކޭޝަން ފޯމް ލިބިވަޑައިގަންނަވާނެއެވެ. މީގެ އިތުރުން، އަވަށު އޮފީސްތަކުގެ ނޯޓިސް ބޯޑުގައި 'ރެހެންދި އެވޯޑު' ގެ އުޞޫލު ފެންނަ ގޮތަށް ބެހެއްޓޭނެއެވެ.

          ވީމާ، މި އެވޯޑްގައި ބައިވެރިވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ވީހާ ގިނަ ފަރާތްތަކުން އެޕްލިކޭޝަން ފޯމް ފުރިހަމަކޮށް، ބޭނުންވާ ލިޔެކިޔުންތަކާއިއެކު، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާރވިސަސް އަށް ފޮނުއްވުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެއް ކަމުގައި ދެންނެވީމެވެ.

                   03 ރަޖަބު 1442

                   15 ފެބްރުވަރީ 2021



ބާވަތް: އިއުލާން

ނަންބަރ: (IUL)426-CA/426/2021/83

ޕަބްލިޝް ކުރި ތާރީޚް: 15-02-2021

ސުންގަޑި: 2021-02-28 14:00:00