އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކޮވިޑް-19 އާ ގުޅިގެން އައްޑޫ ސިޓީ މޮނިޓަރިންގ އަށް ލާފައިވާތީ ކައުންސިލުން އަންގާ އެންގުން

20 މޭއި 2021     2 years ago


އިޢުލާން

ކޮވިޑް-19 އާ ގުޅިގެން އައްޑޫ ސިޓީ މޮނިޓަރިންގ އަށް ލާފައިވާތީ ކައުންސިލުން އަންގާ އެންގުން

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން  ޞިއްހީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ނަންބަރު 23-IQ/2021/118 (01 މެއި 2021) އެންގުމުން އައްޑޫ ސިޓީ މޮނިޓަރިންގ އަށް ލާފައިވާތީ އާއި އެ އެޖެންސީގެ ނަންބަރު 2021/53 (19 މެ 2021) އެންގެވުމުން އައްޑޫގައި ފިޔަވަޅުތަކެއް އަޅާފައިވާތީ އާއި އައްޑޫގައި މިވަގުތު ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަމަށް ފާހަގަކުރެވިފައިވާތީ، އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަކިގޮތެއް އަންގަވަންދެން ނުވަތަ ކައުންސިލުން ވަކިގޮތެއް އަންގަންދެން މި ހިނދުން ފެށިގެން އަންނަނިވި ފިޔަވަޅުތައް އައްޑޫ ސިޓީގައި އެޅުމަށް ނިންމަވާފައި ވެއެވެ. އެގޮތުން؛

  1. އައްޑޫ ސިޓީގައި ގާޑިޔާތަކުން ދެމުންގެންދާ އެންމެހާ ޚިދުމަތްތައް ދިނުން ހުއްޓާލުން. މީގެ ތެރޭގައި ގާޑިޔާތަކުން ދެމުންގެންދާ ޓެކްއަވޭ އަދި ޑެލިވަރީގެ ޚިދުމަތްތައް ދިނުން ހުއްޓާލުން ވެސް ހިމެނެއެވެ.
  2. ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރެންޓްތާއި ކާބޯތަކެތީގެ ޚިދުމަތްދޭ އެހެނިހެން ތަންތަނުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓާލުން. މީގެ ތެރޭގައި ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 20:00 އަށް އައްޑޫ އެމެޖެންސީ އޮޕަރޭޓިންގ ސެންޓަރ އިން ހުއްދަ ދޫކޮށްފައިވާ ފިހާރަތަކާއި، ރެސްޓޯރެންޓްތަކަށް ޑެލިވަރީގެ ޚިދުމަތްތައް ދިނުން ނުހިމެނެެއެވެ.
  3. މާލެއާއި ރާއްޖޭގެ އެހެން ރަށްތަކުން އައްޑޫއަށް ކަނޑުމަގުން އަންނަ ފަރާތްތަކުން، އައްޑޫ އަށް އައުމުގެ ކުރިން ސޯޝަލް ސަޕޯޓް ޑެސްކުތަކަށް އަންގައި، ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ޢަމަލުކުރުން، އަދި އެއްވެސް ދަތުރުވެރިއަކު ނުވަތަ ފަޅުވެރިއަކު އުޅަނދުން ފައިބާނަމަ ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ އުސޫލުތަކާ އެއްގޮތަށް ކަރަންޓީންވުން.
  4. ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ނަންބަރު 2021/53 (19 މެ 2021) އެންގެވުމާއި އެއްގޮތަށް އަޅާފައިވާ އެންމެހާ ފިޔަވަޅުތަކަށް ޢަމަލުކުރުން.
  5. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ނަންބަރު 142-C1/CIR/2021/33 (19 މޭ 2021) ސަރކިއުލަރ އާއި އެއްގޮތަށް 19 މެއި 2021 ވީގތ ބުދަ ދުވަހުގެރޭ ފަތިސް ނަމާދުން ފެށިގެން 26 މެއި 2021 ވާ ބުދަ ދުވަހުގެ އިޝާ ނަމާދުގެ ނިޔަލަށް މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން ހުއްޓާލުން.

މަތީގައިވާ ކަންކަމުގެ އިތުރަށް، ފިހާރަތަކަށް މީހުން ދިއުން މަދުކުރުމުގެ ގޮތުން ޑެލިވަރީގެ ޚިދުމަތް ފިހާރަތަކުން ދިނުމަށް އިލްތިމާސްކުރަމެވެ. އަދި އޮންލައިންކޮށް ފައިސާގެ މުއާމަލާތްކުރުމަށް ވެސް އިލްތިމާސްކުރަމެވެ.

މި އެންގުންތަކަކީ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަންގާ އެންގުންތަކެއް ކަމުގައިވާތީ މި އެންގުންތަކާއި އެއްގޮތަށް ހުރިހާ ފަރާތްތަކުން ޢަމަލުކުރުމަށް ދަންނަވަމެވެ.

08  ޝައްވާލް 1442

20   މެއި   2021



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AB/426/2021/176

ޕަބްލިޝް ކުރި ތާރީޚް: 20-05-2021

ސުންގަޑި: 2021-05-20 14:00:00