އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކޮވިޑް-19 އާ ގުޅިގެން އައްޑޫ ސިޓީގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމާ ގުޅޭ

25 ޖޫން 2021     2 years ago


އިޢުލާން

ކޮވިޑް-19 އާ ގުޅިގެން އައްޑޫ ސިޓީގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމާ ގުޅޭ:

ކޮވިޑް 19 އާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ނަންބަރު 23-L/426/2021/13 (23 ޖޫން 2021) ސިޓީއާއި ނަންބަރު 23-L/426/2021/14 (25 ޖޫން 2021)  ސިޓީން އައްޑޫގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއި ދިނުމަށް ނިންމަވާފައި ވެއެވެ. އެގޮތުން ލުއިދިނުމަށް ނިންމަވާފައިވާ ކަންކަމުގެ ތެރޭގައި ހިމެނެނީ އައްޑޫ ސިޓީގެ ހިތަދޫ ފިޔަވައި، އެހެނިހެން ރަށްރަށުގައި (މަރަދޫ، މަރަދޫފޭދޫ، ފޭދޫ) އެ އެޖެންސީގެ ނަންބަރު 2021/57 އެންގުމާއި އެ އެޖެންސީގެ ނަންބަރު 2021/56 އެންގުމުގެ 1 (އެކެއް) ވަނަ ނަންބަރުގެ ދަށުން މަގުމައްޗާއި އާންމު ތަންތަނަށް ނުކުމެ އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރުމަށް އަންގާފައިވާ އެންގުން 2021 ޖޫން 24 ވަނަ ދުވަހުން ފެށިގެން ނިމުމަކަށް ގެނައުމަށް ނިންމަވާފައި ވެއެވެ. މިގޮތަށް ނިންމެވި ނަމަވަސް ބައެއް ލުއިތަކާއެކު އެ އެޖެންސީން އަޅާފައިވާ އަންނަނިވި ފިޔަވަޅުތައް މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ ގައި ދެމި އޮންނާނެއެވެ. އެގޮތުން؛

  1. ޖަމާޢަތުގައި ނަމާދުކުރުން ނުހިމެނޭގޮތަށް މިސްކިތްތަކުގައި ނަމާދުކުރުމަށް ހުއްދަދިނުން. މިގޮތުން ޖަމާޢަތްތަކުގައި ނަމާދު ނުކުރެވުނު ކަމުގައި ވީނަމަވެސް، މިސްކިތްތަކުގައި ނަމާދު ކުރުމާއި، ފާޚާނާކުރުމާއި، ވުޟޫ ކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ވާނެއެވެ.
  2. ޒަރޫރީ ބޭނުންތަކުގައި މެނުވީ ގެއިން ބޭރަށް ނުނިކުތުން.
  3. ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުން.
  4. އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުން.
  5. އެއްފަހަރާ 3 (ތިނެއް) މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެއުޅުން ހުއްޓައިލުން.
  6. އެޗް.ޕީ.އޭގެ ގައިޑްލައިނާ އެއްގޮތަށް ޢަމަލުކުރުމަށް ލާޒިމްކޮށް، އެއަވަށެއްގެ ސޯޝަލް ސަޕޯޓް ޑެސްކުން ހުއްދަ ދޫކޮށްފައިވާ ސެލޫންތަކާއި، ޖިމްތަކާއި، ބޯކޮށާ ތަންތަނުން ހެނދުނު 08:00 އިން ހަވީރު 04:00 އަށް ޚިދުމަތްދިނުން.
  7. ހުރިހާ ކުޅިވަރު ހަރަކާތްތައް ހިންގުން ހުއްޓައިލުން.
  8. ފިހާރަތައް ހުޅުވައިގެން ހެނދުނު 06:00 އިން ރޭގަނޑު 06:00 ޚިދުމަތްދިނުމާއި، އަދި ރޭނގަނޑު 10:00 އަށް ފިހާރަތަކުން ޑެލިވަރީގެ ޚިދުމަތްދިނުން. އަދި،ފިހާރަތަކުން ޚިދުމަތް ދޭއިރު، ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޚިދުމަތް ދިނުން.
  9. ޔުނިވަރސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުން.
  10. ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓުތަކާއި، ކާބޯތަކެތީގެ ޚިދުމަތްދޭ އެހެނިހެން ތަންތަނުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލުން. ނަމަވެސް މިފަދަ  ތަންތަނުނުން ހެނދުނު 08:00 އިން ރޭގަނޑު 10:00 އާ ހަމައަށް  ޑެލިވަރީގެ ޚިދުމަތްދެވޭނެއެވެ.
  11. އެ އަވަށެއްގެ އެސް.އެސް.ޑީ އިން ހުއްދަ ދޫކޮށްފައިވާ ކޮންސްޓްރަކްޝަން މަސައްކަތްކުރާ ފަރާތްތަކާއި އާއްމު މަސައްކަތްކުރާ ފަރާތްތަކަށް ހެނދުނު 07:00 އިން ހަވީރު 06:00 އަށް މަސައްކަތްކުރުމަށް ހުއްދަދިނުން.

އައްޑޫ ސިޓީ ހިތަދޫގައި  އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ބައެއް ފިޔަވަޅުތަކަށް ލުއި ދިނުމަށް ވެސް އެޗް.ޕީ.އޭ އިން ނިންމަވާފައި ވެއެވެ. އެގޮތުން؛

  1.  ހައުސް ހޯލްޑް ޕާމިޓަކާ ނުލައި ކާފިއު ނޫން ވަގުތުތަކުގައި ޒަރޫރީ ބޭނުންތަކަށް ބޭރަށް ނިކުތުމަށް ހުއްދަދިނުން.
  2. ހަވީރު 04:00 އިން ފަތިހު 04:00 ގެ ނިޔަލަށް ކާފިއު ވަގުތު ދެމެހެއްޓުން.
  3. ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓުތަކާއި، ފިހާރަތަކާއި، ކާބޯތަކެތީގެ ޚިދުމަތްދޭ އެހެނިހެން ތަންތަނުނުން ރޭގަނޑު 10:00 އާ ހަމައަށް  ޑެލިވަރީގެ ޚިދުމަތްދިނުން. ކާފިއު ވަގުތުތަކުގައި ޑެލިވަރީ ކުރަންވާނީ  ހުއްދަ ހޯދައިގެންނެވެ.
  4. ހަވީރު 04:00 ގެ ނިޔަލަށް ފިހާރަތައް ހުޅުވައިގެން ޚިދުމަތްދިނުމަށް ހުއްދަ ދިނުން.
  5. މިސްކިތްތަކުގައި ނަމާދުކުރުން  ހުއްޓާލުން.
  6.  ހިތަދޫ އެސް.އެސް.ޑީ އިން ހުއްދަ ދޫކޮށްފައިވާ ކޮންސްޓްރަކްޝަން މަސައްކަތްކުރާ ފަރާތްތަކާއި އާއްމު މަސައްކަތްކުރާ ފަރާތްތަކަށް ހެނދުނު 07:00 އިން ހަވީރު 06:00 އަށް މަސައްކަތްކުރުމަށް ހުއްދަދިނުން.

މި އެންގުންތަކަކީ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަންގާ އެންގުންތަކެއް ކަމުގައިވާތީ މި އެންގުންތަކާއި އެއްގޮތަށް ހުރިހާ ފަރާތްތަކުން ޢަމަލުކުރުމަށް ދަންނަވަމެވެ.

15 ޛުލްޤަޢިދާ 1442

25  ޖޫން   2021



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AB/426/2021/206

ޕަބްލިޝް ކުރި ތާރީޚް: 25-06-2021

ސުންގަޑި: 2021-06-30 00:00:00