އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ނޫސްބަޔާން - ދިވެހިރާއްޖެއާއި މޮރިޝަސްގެ ބައުންޑަރީ ޑީލިމިޓްކުރުމުގެ މައްސަލައިގެ ނިންމުމާ ގުޅޭ

29 އެޕްރީލް 2023     10 months ago


ނޫސްބަޔާން

ދިވެހިރާއްޖެއާއި މޮރިޝަސްގެ ބައުންޑަރީ ޑީލިމިޓްކުރުމުގެ މައްސަލައިގެ ނިންމުމާ ގުޅޭ

މިއަދު އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ބައިނަލްއަޤްވާމީ ޤާނޫނުގެ އިމުގެ ތެރެއިން ދިވެހިރާއްޖޭގެ އެންމެ ދެކުނުގެ ކަނޑުގެ ސަރަޙައްދު ކަނޑައަޅައި، އެ ސަރަޙައްދުގެ މައްޗަށް ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާނެ ގޮތް ވެގެންދިއުމަކީ އައްޑޫ ސިޓީ ކައުންސިލުން އުފަލާއެކު އެކަން ފާހަނގަކޮށް މަރުޙަބާ ކިޔާ ކަމެކެވެ.

ރާއްޖޭގެ އެންމެ ދެކުނުގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ކަނޑައެޅިގެންދިއުމަކީ ދުރަށް ދަތުރުކޮށް، މާކަނޑުގައި މަސްވެރިކަންކުރާ އައްޑޫ ސިޓީގެ މަސްވެރިނަށް ލިބިގެންދާ ހިތްވަރެއްކަން މިފުރުޞަތުގައި ފާހަގަ ކުރަމެވެ. މީގެ ކުރިން މި ސަރަޙައްދަކީ ރާއްޖޭގެ ސިޔާދަތީ ބާރު ނުހިނގާ ސަރަޙައްދަކަށްވެފައި، އެހެން ޤައުމުތަކުގެ މަސްވެރި އުޅަނދުތަކުން، ރާއްޖޭގެ މަސްވެރިން ގެންގުޅޭފަދަ ދެމެހެއްޓެނިވި ސިޔާސަތުތަކުގެ ބޭރުން މަސްވެރިކަންކޮށް، މަންފާ ނަގަމުން ދިޔަ ސަރަޙައްދެކެވެ. އެހެންކަމުން،  އިޓްލޮސްއިން ނިންމެވި ނިންމުމާއެކު ބައިނަލްއަޤުވާމީ ޤާނުނުތަކާއި ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ ދަށުން، މިފަދަ މަސްވެރިންނަށް ފިޔަވަޅު އެޅުމުގެ ބާރު ދިވެހި ސަރުކާރަށް ލިބި، ދިވެހި މަސްވެރިންގެ އިޤްތިޞާދީ ޙައްޤުތަށް ކަށަވަރުވެއްޖެކަން ނުހަނު އުފަލާއެކު ފާހަގަކުރަމެވެ.

ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވެފައި ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ބިނާކުރަނިވި ގޮތަކަށް، ޒިންމާދާރުކަމާއެކު ބައިނަލްއަޤްވާމީ ގާނޫނުގެ ބާރު ދެމެހެއްޓުމުގެ މައްޗަށެވެ. އަދި މިއަދު އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ކަނޑައަޅައި ނިންމި ނިންމުމަކީ، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ބައިނަލްއަޤްވާމީ ނިޒާމަށް، ރާއްޖޭގެ އިސް ޑިޕްލޮމެޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން އިޙުތިރާމު ކުރައްވާކަން ފެނިގެންދާކަމުގެ ހެއްކެކެވެ. އެހެންކަމުން، މި ނިންމުމުގެ ސަބަބުން ދިވެހިރާއްޖޭގެ ދެކުނުން ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގެ އައުޓަރ ލިމިޓް ކަނޑައެޅި، މި ސަރަޙައްދުގެ މައްޗަށް ރާއްޖޭގެ ސިޔާދަތީ ބާރު ކަށަވަރުވެ، ދިވެހި މަސްވެރިންނަށް އިތުރު ހިމާޔަތެއް ލިބުމަކީ އައްޑޫ ސިޓީ ކައުންސިލުން ނުހަނު އުފަލާއެކު މަރުޙަބާކިޔާކަމެކެވެ.

މިމުނާސަބާގައި، ދިވެހި ދައުލަތުގެ ސިޔާދަތު ކަށަވަރުކޮށް، ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްބައިވަންތަކަން ދެމެހެއްޓެވުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކުރައްވަމުން ގެންދަވާ މިންނެތް މަސައްކަތްތަކަށް އައްޑޫ ސިޓީ ކައުންސިލުގެ މެމްބަރުންނާއި އައްޑޫގެ އެންމެހައި ރައްޔިތުންގެ ނަމުގައި އެމަނިކުފާނަށް ޚާއްސަ ޝުކުރެއް އަރިސްކުރަމެވެ.

29 އެޕްރީލް 2023



ބާވަތް: ނޫސްބަޔާން

ނަންބަރ: (PR)426AB/426/2023/2

ޕަބްލިޝް ކުރި ތާރީޚް: 29-04-2023