އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫގެ އިންތިޚާބީ ދާއިރާތައް އަލުން ތަރުތީބު ކުރުމާއި ގުޅޭގޮތުން ކައުންސިލްގެ ވިސްނުން ހާމަކޮށް ނެރޭ ނޫސްބަޔާން

4 ނޮވެމްބަރ 2018     5 years ago


އައްޑޫގެ އިންތިޚާބީ ދާއިރާތައް އަލުން ތަރުތީބު ކުރުމާއި ގުޅޭގޮތުން ކައުންސިލްގެ ވިސްނުން ހާމަކޮށް ނެރޭ ނޫސްބަޔާން

 

ރާއްޖޭގައި ބާއްވާ އާއްމު އިންތިޚާބުތަކާއި ގުޅިގެން އިންތިޚާބީ ދާއިރާތަކުގެ ނަންތަކާއި، އިންތައް ކަނޑައަޅައި، ވަކިކޮށް، އެކަންކަމަށް ބަދަލުގެނެސް، މުރާޖައާ ކުރަމުން ގެންދިއުމާއި، މިކަންކަމަށް ގެނެވޭ ބަދަލުތައް އާއްމުކުރުމަކީ އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންދަވާ ކަމެކެވެ.

އައްޑޫގެ އިންތިޚާބީ ދާއިރާތައް މިހާރު ބެހިފައިވާގޮތުން ރައްޔިތުން ތަމްސީލްކުރެވޭ މިންވަރަށްވުރެ ރަނގަޅަށް އައްޑޫ އަށް ވުރެ ނިސްބަތުން އާބާދީތައް މަދު ރަށްތަކާއި އަތޮޅުތަކުގެ ރައްޔިތުން، ރައްޔިތުންގެ މަޖިލީހާއި، ލޯކަލް ކައުންސިލްތަކުގައި ތަމްސީލްކުރެވެމުންދާކަން ކައުންސިލަށް ފާހަގަވެއެވެ. މިސަބަބަށްޓަކައި އައްޑޫގެ އިންތިޚާބީ ދާއިރާތައް އަލުން ތަރުތީބުކުރުމާއި މެދު ވިސްނާވަޑައިގެން ދެއްވުން އެދި ކައުންސިލްގެ ފަރާތުން ދައުލަތުގެ ކަމާއިބެހޭ ފަރާތުގައި އިލްތިމާސް ކުރެވިފައި ވެއެވެ.

މިއިލްތިމާސް އާއި ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ފަރާތުން އައްޑޫގެ ރައްޔިތުންގެ މަޝްވަރާ ހޯއްދަވައި ޚިޔާލުހުރިގޮތް ދަނީ ބައްލަވަމުންނެވެ. ސިޓީ ކައުންސިލުން މި އިލްތިމާސް ކުރާ ސަބަބަކީ، މިވަގުތު އައްޑޫގެ އިންތިޚާބީ ދާއިރާތައް ހުރި ގޮތުން މަރަދޫފޭދޫގެ ރައްޔިތުން ތަމްސީލް ކުރެވެނީ އައްޑޫ މީދޫ ދާއިރާއިން ކަމަށް ވުމުން މަރަދޫފޭދޫގެ ރައްޔިތުން އެންމެ އެދެވޭ ގޮތުގައި ތަމްސީލް ނުކުރެވޭތީއެވެ.  އަދި މީދޫގެ ބަޔަކާއި އެއްކޮށް މަރަދޫފޭދޫ ރައްޔިތުން ތަމްސީލް ވުމަށްވުރެ، މަރަދޫފޭދުއާ އިންވެގެން އެއްފަސްކޮށް އޮތް ފޭދޫގެ ބަޔަކާއެކު މަރަދޫފޭދޫގެ އިންތީޚާބީ ދާއިރާ އުފެދުމަކީ، މަރަދޫފޭދޫގެ ރައްޔިތުން މިހާރަށްވުރެ ރަނގަޅަށް ތަމްސީލް ވެވިދާނެގޮތްކަމަށް ފާހަގަވާތީއާއި، ފޭދޫގެ އިންތިޚާބީ ދާއިރާގެ

އާބާދީ ގާނޫނު ކަނޑައަޅާ އަދަދަށްވުރެ މަތިކަމަށްވުމުން ފޭދޫގެ ބަޔަކާއެކު މަރަދޫފޭދޫގެ އިންތިޚާބީ ދާއިރާ އުފެއްދުމަކީ ކުރެވިދާނެ ކަމެއްކަމަށްވާތީއެވެ.

ހަމައެފަދައިން ސޯޅަހާހަށްވުރެ އާބާދީ ބޮޑު ހިތަދޫގެ އިންތިޚާބީ ދާއިރާތައް ބެހިފައިވާ ގޮތުން މަޖިލީހާއި ކައުންސިލްގައި ރައްޔިތުން މިހާރު ތަމްސީލްކުރެވެމުންދާ ގޮތަކީ، ވިސްނަންޖެހިފައިވާ ކަމެކެވެ. ހިތަދޫގެ އާބާދީ އިތުރުވަމުންދާ ނިސްބަތާއި އާއްމު މަސްލަހަތަށް ރިޢާޔަތްކުރާއިރު ހިތަދޫގެ ހަތަރުވަނަ އިންތިޚާބީ ދާއިރާ އުފައްދަންޖެހޭ ކަމަށް ކައުންސިލަށް ފާހަގަވެއެވެ.  

އެހެންކަމުން އިސްވެދެންނެވިހެން މިމައްސަލަ ސިޓީކައުންސިލުން ވަނީ ދައުލަތުގެ ކަމާއިބެހޭ ފަރާތުގައި އިލްތިމާސްކޮށްފައެވެ. މިބަދަލުތައް މިގޮތަށް ގެނެވުނަސް އައްޑޫގެ އެއްވެސް އަވަށެއްގެ އިދާރީގޮތުން ކަނޑައެޅިފައިވާ އިހުތިސާސްއަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. އަދި އެއްވެސް ރައްޔިތެއްގެ ރަށްވެހިކަންވެސް ބަދަލު ނުވާނެއެވެ.

ވީމާ މިކަމުގައި ރައްޔިތުންގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވުމަކީ ކައުންސިލުން ނުހަނު އެދޭކަމެކެވެ.



ބާވަތް: ނޫސްބަޔާން

ނަންބަރ: 04/2018

ޕަބްލިޝް ކުރި ތާރީޚް: 04-11-2018