އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ގޯތީގެ ރަޖިސްޓަރީއާއި ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ކޮށްދިނުމަށް އެދި ހުށަހަޅާ ފަރާތްތަކާއި ކައުންސިލާ ދެމެދު އެކުލަވާލަން ޖެހޭ އެއްބަސްވުމާ ގުޅޭ

3 ފެބުރުއަރީ 2025     2 weeks ago


އިޢުލާން
 

ގޯތީގެ ރަޖިސްޓަރީ އާއި ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ކޮށްދިނުމަށް އެދި ހުށަހަޅާ ފަރާތްތަކާއި ކައުންސިލާ ދެމެދު އެކުލަވާލަން ޖެހޭ އެއްބަސްވުން ޢާންމުކުރުމާ ގުޅޭ

        އައްޑޫސިޓީއިން ދިރިއުޅުމުގެ ބޭނުމަށް ދޫކޮށްފައިވާ ގޯތިތަކަށް ގޯތީގެ ރަޖިސްޓަރީ އާއި ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހެއްދެވުމަށް އެދި ހުށަހަޅުއްވާ ފަރާތްތަކުން ރަޖިސްޓްރޭޝަނަށް އެދިލައްވާއިރު އެފަރާތްތަކާއި އައްޑޫ ސިޓީ ކައުންސިލާއި ދެމެދު އެއްބަސްވުމެއް އެކުލަވާލުމަށް އައްޑޫ ސިޓީ ކައުންސިލްގެ ނަންބަރު426-B(4)/2025/10  (29 ޖެނުއަރީ 2025) ނިންމުމުން ނިންމާފައިވާތީ، 29 ޖަނަވަރީ 2025 ވަނަ ދުވަހުން ފެށިގެން ގޯތި ރަޖިސްޓްރޭޝަނަށް އެދި ހުށަހަޅުއްވާ ފަރާތްތަކާއެކު މި އެއްބަސްވުމުގައި ސޮއިކުރުމުގެ މަރުޙަލާ ކުރިއަށްދާނެކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

        މިދެންނެވި އެއްބަސްވުން އެކުލަވާލުމުގެ މަޤުޞަދަކީ، ހުރިހާ ފަރާތްތަކާ މެދު ހަމަހަމަ އުޞޫލެއްގެ ދަށުން ޢަމަލުކުރުމާއިއެކު، ބިމާބެހޭ ޤާނޫނާއި އެޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކާ އެއްގޮތަށް ގޯތި ލިބިފައިވާ ފަރާތްތަކުން ޢަމަލުކުރައްވަމުން ގެންދަވާކަމާއި، އެފަރާތްތަކަށް ދިރިއުޅުމުގެ ބޭނުމަށް ދޫކޮށްފައިވާ ގޯތިތައް ސައުފުކުރައްވައި، ބެލެހެއްޓެވުމާއި، އިން ފާރު ރޭއްވެވުން ފަދަ ކަންކަން ކުރައްވާނެ ކަމުގެ ޔަގީންކަންލިބުމާއެކު މިފަދަ ކަންކަން ތަންފީޛުކުރުމަށް މަގުފަހިކުރުމެވެ.

        އައްޑޫގެ ހުރިހާ އަވަށަކުންވެސް ދިރިއުޅުމަށް ދޫކޮށްފައިވާ ގިނަ ގޯތިތަކެއް ފަޅުވާން ދޫކޮށްލައްވާފައިވުމަކީ އައްޑޫ ކައުންސިލުން އެކަމާމެދު ނުހަނު ކަންބޮޑުވާ ކަމެއްކަމުގައިވާހިނދު، ޤާނޫނާ ގަވާއިދުގެ ތެރެއިން އެފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް މިހާރު ކައުންސިލުން ނިންމާފައިވާ ނިންމުން ތަންފީޛުކުރުމުގައިވެސް މިއީ އިތުރު ހަރުފަތެއްކަން ފާހަގަކުރަމެވެ.

        މިފުރުޞަތުގައި، ބިމުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި މިފަދައިން ބޭނުން ނުހިއްޕަވައި ދޫކޮށްލައްވާފައިވާ ބިންތަކުގެ ބޭނުން ފުރިހަމައަށް ހިއްޕެވުމަށާއި އެބިންތައް ސައުފުކުރައްވައި ބެލެހެއްޓެވުމާއެކު، އެބިންތަކުގައި ދިރިއުޅުން އާރާސްތުކުރެއްވުމަށް ލިބިލައްވާފައިވާ ފުރުޞަތު ނަންގަވައިނުލެއްވުމަށް ކައުންސިލުން އިލްތިމާސްކުރާ ޙާލު، މިފަދައިން ބޭނުން ނުހިއްޕަވައި ދޫކޮށްލައްވާފައިވާ ގޯތިތައް ހުރުމަކީ ބޯހިޔާވަހިކަން ބޭނުންވެފައި ތިބި އެހެން ރައްޔިތުންނަށް ވެވޭ ބޭއިންސާފެއްކަމުގައި ހަނދުމަކޮށްދީ، މިފަދަ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ކައުންސިލުން ނިންމާފައިވާ ނިންމުންތައް ތަންފީޛުކުރަމުންދާނެކަމުގެ ޔަޤީންކަން އެންމެހައި އައްޑޫގެ ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ.

        މި އިޢުލާނާއި އެކު ކައުންސިލުން ފާސްކޮށްފައިވާ އެއްބަސްވުމުގެ ޑްރާފްޓް އެއްކަރުދާސްކުރެވިފައިވާނެ ވާހަކަ ދެންނެވީމެވެ.

 

04 ޝަޢުބާން 1446

03 ފެބުރުވަރީ 2025



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AB/426/2025/94

ޕަބްލިޝް ކުރި ތާރީޚް: 03-02-2025

ސުންގަޑި: 2025-02-05 14:00:00