އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ނޫސް ބަޔާން - ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނައުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލާއި ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން ނެރޭ ނޫސް ބަޔާން

6 އޯގަސްޓް 2025     1 month ago


ނޫސް ބަޔާން 
 

ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނައުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލާއި ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން ނެރޭ ނޫސް ބަޔާން

 

"ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތަކަށް ބުރޫއަރާގޮތަށް އަދި ކައުންސިލްގެ ލޯކަލް އޮތޯރިޓީ ކުންފުނީގެ ހިންގުމަށް ދަތިވާގޮތަށް ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނައުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލް އަނބުރާ ގެންދިއުމަށް، ގޮވާލަން"


ރައްޔިތުންގެ މަޖިލީހަށް 27 ޖުލައި 2025 ގައި ސަރުކާރުގެ ފަރާތުން ހުށަހަޅައި، މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ދިރާސާ ކުރަމުންދާ ބިލް ނަމްބަރު 2025/20/ބ-18 ބިލަކީ ލާމަރުކަޒީ ގާނޫނުން ކައުންސިލްތަށް މެދުވެރިކޮށް ރައްޔިތުންނަށް، ފޯރުކޮށްދޭ ޚިދުމަތްތަކާއި ކައުންސިލްގެ ލޯކަލް އޮތޯރިޓީ ކުންފުނީގެ ވިޔަފާރި ހުއްޓުމުގެ ފުރުސަތު އޮތް ބިލެކެވެ. މިބިލާ ގުޅިގެން އަންނަނިވި ކަންކަން ކައުންސިލުން ފާހަގަކުރަމެވެ.

ލާމަރުކަޒީ ޤާނޫނުން ކައުންސިލްތައް އިންތިޚާބު ކުރަނީ 5 އަހަރުގެ ދައުރަކަށް ކަމަށްވާއިރު ކައުންސިލްގެ ދައުރުގެ ފަހު އަހަރު ކައުންސިލަށް މުވައްޒަފުން ނެގުމާއި، ގުދުރަތީ ވަސީލަތްތައް، ބޭނުންކޮށްގެން ރައްޔިތުންގެ މަންފާއަށް މަސައްކަތް ކުރުމާއި، ކައުންސިލުން ތަރައްގީގެ މަޝްރޫޢުތައް ހިންގުވުން ހުއްޓުވަން މި ބިލްގައި ހިމަނާފައިވަނީ މި ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ ކަންކަން، ދީމިގްރާތީ އަދި ޖަވާބުދާރީވަނިވި އުސޫލުން ރައްޔިތުން އަމިއްލައަށް ނިންމުމަށާއި، އިޖްތިމާއީ ގޮތުންނާއި، އިގްތިސާދީ ގޮތުންނާއި، ސަގާފީ ގޮތުން މި ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ރައްޔިތުން ބާރުވެރިކޮށް، ރައްޔިތުންނާ އެންމެ ގާތުން ފުޅާ ދާއިރާއެއްގައި ހިދުމަތް ލިބޭނެ މަގު ފަހިކޮށްދީ، ސިޓީގައި އަމާން ވެއްޓެއް ގާއިމްކުރުމަށް ހުރަސްއެޅޭގޮތަށެވެ. އެހެންކަމުން މި އިޞްލާހަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ބޭނުން ކެނޑޭގޮތަށް އެ ޤާނޫނުގެ 2 ވަނަ މާއްދާއާއި ކަނޑައެޅިގެން ޚިލާފް އިޞްލާޙެއްކަމުގައި ފާހަގަކުރަމެވެ.

10 މިލިއަން ރުފިޔާއަށް ވުރެ ބޮޑުކޮށް މެނުވީ، ލޯކަލް އޮތޯރިޓީ ކުންފުނިތަކުން، މަސައްކަތް ކުރުމަށް ހުރަސް އެޅުމުން، ކައުންސިލްގެ ކުންފުނިން ސިޓީގެ ރައްޔިތުންގެ ރައުސުލްމާލު އިތުރުކުރުމާއި، ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ ހުރިހާ މަސައްކަތެއް ހުއްޓިގެންދާނެއެވެ. ކައުންސިލްގެ މާލީ ހާލަތު އޮތްގޮތުން ލޯކަލް އޮތޯރިޓީ ކުންފުނިން ކުރާ މަސައްކަތްތައް 10

މިލިއަނަށްވުރެ ބޮޑުވުމަކީ، ނާދިރު ކަމެކެވެ. އެހެންކަމުން މި އިޞްލާހަކީ ކައުސިލުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ހުއްޓުވައި ކައުންސިލަށް އާމްދަނީ ހޯދުމަށް ހުރި ދޮރުތައް ބަންދުކުރުމަށް ގެނެވޭ އިޞްލާޙެއް ކަމުގައި މި ކައުންސިލުން ދެކެމެވެ.

މި އިޞްލާޙް ގެނައުމުގައި ސަރުކާރުގެ ހެޔޮ ނިޔަތެއްވާނަމަ ޤާނޫނަށް ބަދަލުގެނެސް ރިޔާސީ ދައުރުގެ ފަހު އަހަރު ސަރުކާރުން ޕްރޮޖެކްޓްތައް ހިންގުމާއި، ސަރުކާރުގެ ސިޔާސީ މަގާމުތަކަށާއި މިނިސްޓްރީ ތަކަށް މުވައްޒަފުން ނެގުން ހުއްޓުވަންޖެހެއެވެ. ނަމަވެސް އެފަދަ އިސްލާހެއް ގެނައުމެއްނެތި ކައުންސިލަތަކުގެ ހިންގުން ހުއްޓުވުމަށް ގާނޫނަށް ހުށަހަޅާފައިވާ މި އިސްލާހަކީ ހެޔޮނިޔަތުގައި ގެންނަ އިސްލާޙެއް ނޫންކަމުގައި ދެކެމެވެ.

އަދި މިފަދަ އިޞްލާޙްތައް ގެނައުމުގައި ސަބަބެއްކަމުގައި ކައުންސިލްތަކުން ގަވާއިދާ ޚިލާފަށް ކަންކަން ކުރުން ހުއްޓުވުން ކަމަށް ސަރުކާރުން ބުނާއިރު އެފަދަ ކަމެއް ކުރާ ބަޔަކާ މެދު ފިޔަވަޅު އެޅުމުގެ ބަދަލުގައި ގަވާއިދާ އެއްގޮތަށް މަސައްކަތްކުރަމުންދާ އައްޑޫ ސިޓީ ކައުންސިލްފަދަ ކައުންސިލްތަކުގެ ބާރުތައް ކަނޑުވާލުމަށް މަސައްކަތް ކުރުމަކީ މިކަމުގައި ސަރުކާރުގެ ހެޔޮނިޔަތެއް ނެތްކަން ދޭހަވާކަމެވެ.

އަދި ހަމަ އެހެންމެ މި އިޞްލާޙަކީ ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް ބުރޫއަރާ ގޮތަށް ރައްޔިތުންގެ ކަންކަން ރައްޔިތުން އަމިއްލައަށް ނިންމުމަށް ލިބޭ ބާރު ކެނޑޭގޮތަށް އަދި ޤާނޫނު އަސާސީގެ 8 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތާއި ޚިލާފަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް މަރުކަޒީ އުޞޫލުން ހިންގުމަށް މަގުފަހިކޮށް ރައްޔިތުންގެ ބާރު ކަނޑުވާލާ ޚުދުމުޚުތާރު ވެރިކަމުގެ ނިޒާމެއް ގާއިމްކުރުމަށް ކުރެވެމުންދާ މަސައްކަތަށް އިތުރުކުރެވިގެންދާ ބޮޅެއް ކަމުގައި ފާހަގަކުރަމެވެ.އެހެންކަމުން، މިބިލް އަނބުރާ ގެންދިއުމަށް ސަރުކާރަށް ގޮވާލަމެވެ. އަދި ޤާނޫނު އަސާސީގެ 8 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމަށް ފުރުޞަތު ދެއްވުމަށްވެސް ގޮވާލަމެވެ.

12 ސަފަރު 1447

06 އޮގަސްޓް 2025

 

ލިންކް: Noos Bayaan



ބާވަތް: ނޫސްބަޔާން

ނަންބަރ: (IUL)426-B/426/2025/474

ޕަބްލިޝް ކުރި ތާރީޚް: 06-08-2025