އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ނުރައްކާތެރި އެކްސިޑެންޓްތައް ގިނަވުމާ ގުޅިގެން އައްޑޫސިޓީ ކައުންސިލުން ނެރޭ ނޫސްބަޔާން

20 މާރޗް 2017     4 years ago


ނުރައްކާތެރި އެކްސިޑެންޓްތައް ހުއްޓުވުމަށް ދުއްވާ ފަރާތްތަކުން ސަމާލުވުމަށާއި ސަރުކާރުން މަގުތައް ރަނގަޅަށް ބެލެހެއްޓުމަށް އައްޑޫސިޓީ ކައުންސިލުން އިލްތިމާސްކުރައްވައިފި  

 

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އައްޑޫގައި މަގުމަތީގެ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ ޒުވާނެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. ނުރައްކާތެރި އެކްސިޑެންޓްތައް ހިނގައި މިސްމީހުންގެ ފުރާނަ ގެއްލެން މެދުވެރިވާ ސަބަބުތައް ހޯދައި އެކަމަށް ރައްކާތެރި ފިޔަވަޅު އެޅުމަކީ، ކަމާއިބެހޭ އެންމެންގެ މަސްއޫލިއްޔަތެކެވެ. ޚާއްސަކޮށް އެކްސިޑެންޓްތައް ހިނގަން މެދުވެރިވާ ސަބަބު ހޯދައި ރައްކާތެރި ފިޔަވަޅު އެޅުމަށް ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކުން ވަރަށް ބޮޑަށް ސަމާލުކަންދޭން ޖެހެއެވެ.

އައްޑޫގައި އިއްޔެ ނުރައްކާތެރި އެކްސިޑެންޓް ހިނގައި ޒުވާނެއްގެ ފުރާނަ ގެއްލެން މެދުވެރިވި ސަބަބަކީ، މަގުތައް ބަލަހައްޓާ ފަރާތުގެ އިހުމާލުން މެދުވެރވި އެކްސިޑެންޓެއް ކަމަށްވުން އެކަށީގެންވެއެވެ. މި އެކްސިޑެންޓް ހިނގީ މަގުގައި ކޭބަލެއް ވަޅުލަން ވެގެން ތާރުގަނޑު ކަނޑައި، ރަނގަޅަށް ފަސްއަޅާ އެއްވަރުނުކޮށް އޮތުމުގެ ސަބަބުން ކަމަށް ވެދާނެއެވެ. މަންޒަރުދުށް މީހުން ބުނަނީ ދުއްވާފައިދިޔަ ސައިކަލް ކޭބަލް ވަޅުލަން ކޮނުނު ވަޅުގަނޑަށް އެރުމުން ކަހާލައިގެން ވެއްޓުނީ ކަމަށެވެ.

މަގުތައް ބަލަހައްޓާ ފަރާތުން މަގުގެ ސަލަމާތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް ނާޅާ އޮތުމުގެ ސަބަބުން އައްޑޫގައި ބޮޑެތި އެކްސިޑެންޓްތައް ހިނގަމުން ދިއުމަކީ އައްޑޫސިޓީ ކައުންސިލުން އަބަދުވެސް ވަރަށް ކަންބޮޑުވާ ކަމަކެވެ. ރަނގަޅު ފެންވަރަކަށް ހަދާފައިވާ ލިންކްރޯޑު ހަލާކުވެ ބޮޑެތި ބާގަނޑުތައް ހެދިފައި އޮންނައިރު އެކަންކަން ރަނގަޅު ނުކުރެވެއެވެ. ލިންކް ރޯޑުގައި ބޮޑެތި ވަޅުގަނޑުތައް ހުރުމުން އޭގެ ނުރައްކަލަށް މަގުން ދަތުރުކުރާ އެންމެން މިވަނީ ހުށަހެޅިފައެވެ. ބާރު ސްޕީޑްގައި ދުއްވާ މީހާ އަށާއި ގަވާއިދާއި އެއްގޮތަށް ދުއްވާ މީހާ ވެސް މެއެވެ.

މިފަދަ ނުރައްކާތެރި ގިނަ ހާދިސާތައް ކުރިމަތިވަނީ މަގުތައް ގަވާއިދުން މަރާމާތުކޮށް ނުބެލެހެއްޓޭތިއެވެ. ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހާއި ގުޅިގެން 2015 ވަނަ އަހަރުން ފެށިގެން އައްޑޫސިޓީގެ މަގުތައް ބެލެހެއްޓުން ވަނީ މިނިސްޓްރީ އޮފް ހައުސިންގ އާއި ހަވާލުކުރެވިފައެވެ. އެހެން ނަމަވެސް ލިންކް ރޯޑް އެކަށީގެންވާ ގޮތަކަށް މަރާމާތު ނުކުރެވޭކަން ފާހަގަކުރެވެއެވެ. އަދި ހަމައެހެންމެ މަގުމަތީގައި ކުރެވޭ މަސައްކަތްތަކަށާއި މަގުކޮނުމުގެ މަސައްކަތްތަކަށް ހުއްދަ ދިނުމަކީވެސް އެމިނިސްޓްރީން ކުރައްވާ މަސައްކަތެކެވެ. އެހެންނަމަވެސް މަގުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ގަވާއިދުން ހުއްދަދީ ސުޕަވައިޒްކޮށް ނުބެލެހެއްޓޭކަންވެސް ފާހަގަކުރެވެއެވެ.

މިފަދަ ހިތާމަވެރި އެކްސިޑެންޓްތައް މަދުކުރުމަށް ދުއްވާ ފަރާތްތަކުން ސަމާލުވާން ޖެހޭ ކަންކަމަށް ސަމާލުވުމަށާއި މަގުތައް ރަނގަޅަށް ބެލެހެއްޓުމަށް ކަމާއިބެހޭ ފަރާތްތަކަށް އިލްތިމާސްކުރަމެވެ. އަދި މަގުގައި ހަލާކުވެފައިވާ ތަންތަން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ރަނގަޅުކޮށްދެއްވުމަށް ހައުސިންގެ މިނިސްޓްރީ އަށް އިލްތިމާސްކުރަމެވެ.ބާވަތް: ނޫސްބަޔާން

ނަންބަރ: 01/2017

ޕަބްލިޝް ކުރި ތާރީޚް: 20-03-2017