އިޢުލާން
ޢާންމު ޚިދުމަތްދޭ ތަންތަނުން ޚިދުމަތްދޭނެ ގަޑިތައް ކަނޑައެޅުމާ ގުޅޭ |
މުޅި ދުނިޔެއަށް ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 އާއި ގުޅިގެން އައްޑޫސިޓީގެ ރައްޔިތުން މިބަލިން ރައްކާތެރިކޮށް، ބަލި އައްޑޫސިޓީއަށް ފެތުރުމުގެ ފުރުޞަތު ކުޑަކުރުމަށް އައްޑޫސިޓީ ކައުންސިލާއި ކަމާބެހޭ ހުރިހާ މުވައްސަސާތަކުން މިދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ކައުންސިލްގެ ނަންބަރު (IUL)426-CA/426/2020/134 (25 މާރިޗު 2020) 'އާންމު ޚިދުމަތްދޭ ތަންތަނުންޚިދުމަތްދޭނެ ގަޑިތައް ކަނޑައެޅުމާ ގުޅޭ' ޢިއުލާން ކޮށްފައިވަނީ އެޗް.ޕީ.އޭ އިން އެކުލަވާލާފައިވާ އައްޑޫސިޓީގެ ކޮވިޑް 19 ޓާސްކް ފޯސް އިން ނިންމެވި ނިންމެވުންތައް ތަންފީޒުކުރުމަށެވެ.
އިސްވެ ދެންނެވި އިޢުލާނާއި ގުޅިގެން އައްޑޫސިޓީގެ ވިޔަފާރިވެރިންނާއި އާންމު ރައްޔިތުން އެކަމަށް އިޖާބަދެއްވައި އެގޮތުގެ މަތިން ޢަމަލުކުރައްވާފައިވާތީ ކައުންސިލްގެ ނަމުގައި ޝުކުރު ދަންނަވަމެވެ. ނަމަވެސް ގްރޭޓަރ މާލެ ސަރަޙައްދު ފިޔަވައި އެހެން ސަރަޙައްދެއްގައި މިފަދަ ފިޔަވަޅެއް އަޅާނެފަދަ ޙާލަތެއް އޮތްކަމަށް އެޗް.ޕީ.އޭއިން ނުދެކޭތީ އައްޑޫސިޓީ ކައުންސިލްގެ (IUL)426-CA/426/2020/134 (25 މާރިޗު 2020) ނަންބަރު އިޢުލާން ބާޠިލުކުރީމެވެ.
ދިވެހިރާއްޖޭގައި އިޢުލާންކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އާންމު ޙާލަތަށް ރުޖޫޢަ ވަންދެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޞިއްޙީ ޚިދުމަތްދޭ ކްލިނިކްތަކާއި ބޭސްފިހާރަތައް ފިޔަވައި ޢާންމު ޚިދުމަތްދޭ ތަންތަނުން (ފިހާރަތަކާއި އަދި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން) ޚިދުމަތް ދިނުމުގައި ހެނދުނު 06:00 އިން 18:00 އާއި ދެމެދު ޚިދުމަތް ދިނުމަށް އިސްކަން ދިނުމަކީ ކައުންސިލްގެ އިލްތިމާސެކެވެ. އަދި ރައްޔިތުން ދުވާލުގެވަގުތުގައި ވިޔަފާރިކޮށް ނިންމުމަކީވެސް ކައުންސިލްގެ އިލްތިމާސެކެވެ.
ކައުންސިލުން އަބަދުވެސް މަސައްކަތްކުރަމުންގެންދާނީ ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރެވޭ މަސައްކަތްތައް ތަންފީޒުކުރުމަށް ކަމުގައި ދަންނަވަމެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މިގޮތުގެ މަތިން ކޮވިޑް 19 އާއި ގުޅިގެން ރައްޔިތުން ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ދެމިތިބޭނެ ވާހަކަ ދަންނަވަމެވެ.
03 ޝަޢުބާން 1441
27 މާރިޗް 2020