އިޢުލާން
އައްޑޫ ސިޓީގައި ފިހާރަތައް ހުޅުވުމާއި ވިޔަފާރިކުރުމުގެ ބޭނުމަށް އެއްއަވަށުން އަނެއްއަވަށަށް ދަތުރުފަތުރުކުރުމާއި ގުޅޭ:
ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލަމާރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 39 ވަނަ މާއްދާގެ (ޗ) އާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ނަންބަރު 2020/39 އެންގުމާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ނަންބަރު (IUL)101-BR/1/2020/84 އިޢުލާނުގެ މައްޗަށް ރިޢާޔަތްކޮށް، އައްޑޫގެ ސޯޝަލް ސަޕޯޓް ޑެސްކް (އެސް.އެސް.ޑީ) ތަކުން ހުއްދަދޫކުރާ ފިހާރަތައް ކަނޑައެޅޭ ވަކި ވަގުތުތަކުގައި ހުޅުވާލުމުގެ ހުއްދަދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން ފިހާރަތައް ހުޅުވައިގެން ޚިދުމަތް ދެމުން ގެންދަންވާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން 15:00 އަށެވެ. އަދި ހުކުރު ދުވަހު ހެނދުނު 08:00 އިން 11:00 އަށް، އަދި މެންދުރުފަހު 13:30 އިން 15:00 އަށެވެ. މިވަގުތުތައް ފިޔަވައި އެހެން ވަގުތުތަކުގައި އެއަވަށެއްގެ ސޯޝަލް ސަޕޯރޓު ޑެސްކުގައި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށް ޑެލިވަރީގެ ޚިދުމަތް ދެވޭނެ ކަމުގައި ދެންނެވީމެވެ.
މީގެ އިތުރުން، ވިޔަފާރިކުރުމުގެ ބޭނުމަށް އެއްއަވަށުން އަނެއްއަވަށަށް ދަތުރުފަތުރުކުރުމާއި ޢާއްމު ފަރާތްތަކުންނާއި ވިޔަފާރިތަކުން ވިޔަފާރިކުރުމުގައި އަމަލުކުރާނެގޮތުގެ ގައިޑްލައިން ތިރީގައި ބަޔާންކޮށްފައިވާނެއެވެ. އެސް.އެސް.ޑީ ތަކުން ފިހާރަތައް ހުޅުވުމަށް ހުއްދަދިނުމުގައި ބަލާނީ ގައިޑްލައިންގައިވާ ވިޔަފާރިތަކުން ޢަމަލުކުރަންޖެހޭ ކަންތައްތައް ފުރިހަމަކޮށްފައި ހުރިތޯއެވެ. އެހެންކަމުން އާއްމު ފަރާތްތަކުންނާއި ވިޔަފާރިތަކުން ތިރީގައިވާ ގައިޑްލައިންގައިވާ ގޮތުގެމަތިން ޢަމަލުކުރުމަށް ދަންނަވަމެވެ.
މި އިޢުލާނުގައިވާ ގޮތުގެމަތިން އެސް.އެސް.ޑީ ތަކުގެ ހުއްދައާއެކު ފިހާރަތައް ހުޅުވަން ފަށާނީ 15 މޭއި 2020 ވަނަ ދުވަހުން ފެށިގެންނެވެ.
ވިޔަފާރިކުރުމުގެ ބޭނުމަށް އެއްއަވަށުން އަނެއްއަވަށަށް ދަތުރުފަތުރުކުރުމާއި، ޢާއްމު ފަރާތްތަކުންނާއި ވިޔަފާރިތަކުން ވިޔަފާރިކުރުމުގައި އަމަލުކުރާނެގޮތުގެ ގައިޑްލައިން
ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ހުއްޓުވުމަށް އެއްތަނުން އަނެއްތަނަށް ދަތުރުކުރުން އައްޑޫގައިވަނީ ވަކި ހުދޫދެއްގެ ތެރެއިން ހިފަހެއްޓިފައެވެ. ވިޔަފާރިކުރުމުގެ ބޭނުމަށް ކަނޑައެޅިފައިވާ ދުވަސްތަކާއި ގަޑިތަކުގައި ތިރީގައިވާ ގޮތުގެމަތިން ދަތުރުފަތުރު ކުރުމަށް ލުއިތަކެއް ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން؛
- ހިތަދޫގެ ރައްޔިތުން މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ އަށް ދަތުރުކުރެވޭނެ ދުވަސްތަކާއި ގަޑިތައް:
ހިތަދޫއިން މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫއަށް އަންނަނިވި ދުވަސްތަކާއި ގަޑިތަކުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހުއްދައާއި އެކު ދަތުރުކުރެވޭނެއެވެ. |
|
ހޮނިހިރު، ހޯމަ އަދި ބުރާސްފަތި |
ހެނދުނު 09:00 އިން ހަވީރު 15:00 އަށް ދަތުރުކުރެވޭނެ. |
*މިދުވަސްތަކުގައި ދަތުރުކުރެވޭނީ ހިތަދޫގައި ދިރިއުޅޭ ރައްޔިތުންނަށް އެކަންޏެވެ. |
- މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ ރައްޔިތުން ގުޅިފައިވާ އަވަށްތަކަށް ދަތުރުކުރެވޭނެ ދުވަސްތަކާއި ގަޑިތައް:
މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫއިން ގުޅިފައިވާ އަވަށްތަކަށް އަންނަނިވި ދުވަސްތަކާއި ގަޑިތަކުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހުއްދައާއި އެކު ދަތުރުކުރެވޭނެއެވެ. |
|
އާދީއްތަ، އަންގާރަ އަދި ބުދަ |
ހެނދުނު 09:00 އިން ހަވީރު 15:00 އަށް ދަތުރުކުރެވޭނެ. |
*މިދުވަސްތަކުގައި ދަތުރުކުރެވޭނީ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ ގައި ދިރިއުޅޭ ރައްޔިތުންނަށް އެކަންޏެވެ. |
މަތީގައިވާ ލުއިފަސޭހަތައް ބޭނުންކުރުމުގައި ވިޔަފާރިތަކުންނާއި ވިޔަފާރިކުރުމަށްދާ ފަރާތްތަކުން އަންނަނިވި ކަންކަމަށް ޢަމަލުކުރަންވާނެއެވެ.
- ވިޔަފާރިތަކުން ޢަމަލުކުރަންޖެހޭ ކަންތައްތައް:
(ހ) ނިސްބަތުން ބޮޑެތި ފިހާރަތަކުން ޚިދުމަތް ދިނުމުގައި ގިނަ ކަސްޓަމަރުން އެއްފަހަރާ ފިހާރައިގެ ތެރެއަށް ވެއްދުމުގެ ބަދަލުގައި ގިނަވެގެން 4 ކަސްޓަމަރުން ވެއްދުމަށް އިޚްތިޔާރުކުރާށެވެ. އަދި މިގޮތުން އިޚްތިޔާރުކުރުމުގައި އެއްފަހަރާ އެކުގައި ވަދެ އުޅޭ ކަސްޓަމަރުންނަށް މަދުވެގެން 3 ފޫޓުގެ ގައިދުރުކުރުން ބެހެއްޓޭނެ ފަދަޔަކުން ކަސްޓަމަރުން ވެއްދުމަށް އިންތިޒާމްތައް ހަމަޖައްސާފައި ހުރުން؛
(ށ) ނިސްބަތުން ކުދި ފިހާރަ (ކަންމަތީ ފިހާރަ) ތަކުން ޚިދުމަތް ދިނުމުގައި ގިނަ ކަސްޓަމަރުން އެއްފަހަރާ ފިހާރައިގެ ތެރެއަށް ވެއްދުމުގެ ބަދަލުގައި ގިނަވެގެން 2 ކަސްޓަމަރުން ވެއްދުމަށް އިޚްތިޔާރުކުރާށެވެ. އަދި މިގޮތުން އިޚްތިޔާރުކުރުމުގައި އެއްފަހަރާ އެކުގައި ވަދެ އުޅޭ ކަސްޓަމަރުންނަށް މަދުވެގެން 3 ފޫޓުގެ ގައިދުރުކުރުން ބެހެއްޓޭނެ ފަދަޔަކުން ކަސްޓަމަރުން ވެއްދުމަށް އިންތިޒާމްތައް ހަމަޖައްސާފައި ހުރުން؛
(ނ) ކަސްޓަމަރުންނާއި ފިހާރައިގެ ކޭޝިޔަރުންނާއި ދެމެދު 3 ފޫޓަށް ވުރެ ދުރުގައި ތިބެ މުޢާމަލާތްކުރެވޭނެގޮތް ހަމަޖައްސާފައި ހުރުން؛
(ރ) ފިހާރައިގައި މަސައްކަތްކުރާ ފަރާތްތަކައް ހޭންޑް ސެނަޓައިޒް ނުވަތަ އަތްދޮވެވޭނެ އިންތިޒާމް ހަމަޖައްސާފައިހުރުން؛
(ބ) ފިހާރައަށްދާ ފަރާތްތަކަށް ހޭންޑް ސެނަޓައިޒް ނުވަތަ އަތްދޮވެވޭނެ އިންތިޒާމް ފިހާރައިން ހަމަޖައްސާފައި ހުރުން، ނުވަތަ ކަސްޓަމަރުން ފިހާރައަށް ދިއުމުން ފިހާރައިގެ ދޮރު ހުޅުވުމަށް ފިހާރައިން މީހަކު ހަމަޖައްސާފައި ހުރުން؛
(ޅ) ފިހާރައިގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކުވެސް ޚިދުމަތްދޭ ގަޑީގައި މާސްކު އަޅައި އަންގިލައްވައިގެން ހުރުން. އަދި އަމިއްލަ ސާފުތާހިރުކަމަށް ސަމާލުކަންދިނުން؛
(ކ) ކަސްޓަމަރުން އޯޑަރކުރުމުން އެ ކަސްޓަމަރު އަންނަ ގަޑިއަށް މުދާ ތައްޔާރަށް ބެހެއްޓުން؛
(އ) ފިހާރަތަކުން ގަންނަ ތަކެއްޗަށް ފައިސާ ދެއްކުމުގައި އޮންލައިން އިންތިޒާމްތައް ހަމަޖައްސާފައި ހުރުން؛ އަދި އެކައުންޓައް ފައިސާ ޖަމާކުރެވޭނެ އިންތިޒާމް (ބޭންކް ޓްރާންސްފަރ) ހަމަޖެހިފައިވާނަމަ، އެކައުންޓްގެ ތަފްޞީލު ފަސޭހައިން ފެންނާނެހެން ފިހާރަތަކުގައި ބެހެއްޓުން؛
(ވ) ކޮންމެ ދުވަހެއްގެވެސް ވިޔަފާރި ވަގުތު ނިމުމުން، ފިހާރައިގެ ތަޅުންގަނޑާއި ކަސްޓަމަރުން އަތްޖެހޭ ތަންތަން ހެލްތް ޕޮރެޓެކްޝަން އެޖެންސީގެ ގައިޑްލައިނާއި އެއްގޮތަށް ޑިސްއިންފެކްޓްކުރުން؛
(މ) ފިހާރައަށް އަންނަ ކަސްޓަމަރުންގެ ކިއު ހަދަންޖެހޭނަމަ ފިހާރައިގެ ބޭރުގައި ކިއު ރޮނގު ދަމައި ކިއު ހެދުމުގެ އިންތިޒާމްކުރަންވާނެއެވެ.
- ވިޔަފާރިކުރުމަށް ފިހާރަތަކަށްދާ ފަރާތްތަކުން ޢަމަލުކުރަންޖެހޭ ކަންތައްތައް:
(ހ) ގެއިން ވިޔަފާރިކުރުމަށް ފިހާރަތަކަށްދާއިރު މާސްކް އަޅައިގެން ދިއުން؛
(ށ) އޮންލައިންކޮށް ތަކެތި ގަނެވޭނަމަ، އެގޮތް އިޚްތިޔާރުކުރުން؛
(ނ) މުދާ ވިއްކާ ފިހާރައަކީ ދުރާލާ ގުޅައިގެން އޯޑަރުދެވޭ އިންތިޒާމް ހަމަޖެހިފައިވާ ފިހާރައެއްނަމަ، ދުރާލާ ގުޅައިގެން އޯޑަރު ދިނުމަށްފަހު ފިހާރައަށް ދިޔުން؛
(ރ) ގަންނަންޖެހޭ ތަކެތީގެ ލިސްޓެއް ދުރާލާ އެކުލަވާލުން؛
(ބ) ގެއިން ވިޔަފާރިކުރުމަށް ފިހާރައަށްދާއިރު އަމިއްލަ ކޮތަޅު ގެންދިއުން؛
(ޅ) ފިހާރައިގެ ބޭރުގައި ކިއު ހަދަންޖެހިއްޖެނަމަ، މަދުވެގެން 3 ފޫޓުގެ ގައިދުރުކުރުން ބެހެއްޓުން؛
(ކ) ބަލިވެ އުޅޭނަމަ ނުވަތަ ބައްޔެއްގެ ޢަލާމާތް ހުރި ފަރާތްތަކުން ފިހާރަތަކަށް ނުދިއުން؛
(އ) އެއްގޮތަކަށްވެސް ކުޑަކުދިން ފިހާރަތަކަށް ނުގެންދިޔުން؛
(ވ) ކޮންމެހެން ދާންޖެހިގެން ނޫނީ ދޮށީ އުމުރުގެ މީހުން އަދި ދިގު މުއްދަތަށް ބޭސްކުރާ މީހުން ފިހާރަތަކަށް ނުދިއުން؛
(މ) މަގުމައްޗަށް ނުކުމެ އުޅޭއިރު، ހުރިހާ ވަގުތެއްގައިވެސް މަދުވެގެން 3 ފޫޓްގެ ގައިދުރުކަން ބެހެއްޓުން؛
(ފ) ފިހާރައަށް ދާން ނުކުންނަންވާނީ ސައިބޯނި ލައިގެން އަތްދޮވެގެންނެވެ. އަދި އިޚްތިޔާރުކުރަނީ ސެނިޓައިޒްކުރަންނަމަ، އަމިއްލަ ސެނިޓައިޒަރ ޚިޔާރުކުރުން؛
(ދ) ފިހާރަތެރޭގައި ހުންނަ ތަންތަނުގައި ނުވަތަ ސަރފެސްތަކުގައި އަތްނުލުމަށް ސަމާލުކަންދިނުން؛
(ތ) ގަންނަން ބޭނުންވާ މުދަލުގައި އެކަނި އަތްލުމަށް ސަމާލުކަންދިނުން؛
(ލ) ފިހާރަތެރޭގައި މީހުންނާ މުޢާމަލާތްކުރުމަށް މަޑުނުކުރުން؛
(ގ) ފިހާރަތަކުން ގަންނަ މުދަލަށް ފައިސާ ދެއްކުމުގައި އޮންލައިންކޮށް ފައިސާ ދެއްކުމަށް އިސްކަންދިނުން.
- ފިހާރަތަކުން ތަކެތި ގަތުމަށްފަހު އަންނަނިވި ކަންކަމަށް ސަމާލުކަންދިނުން:
(ހ) ތަކެތި ގަތުމަށްފަހު ލަސްނުކޮށް ފިހާރައިން ނުކުމެގެން ގެޔަށްދިޔުން. އަދި ގެއަށްދާ މަގުމަތީގައި ތަންތަނުގައި އަތްނުލައި މަދުވެގެން 3 ފޫޓުގެ ގައިދުރުކަން ބެހެއްޓުމަށް ސަމާލުކަންދިނުން.
(ށ) ފިހާރައިން ގެނައި ކޮތަޅެއްނަމަ އެ ކޮތަޅުން ތަކެތި ނެގުމަށްފަހު، ކޮތަޅު ޑަސްބިނަށްލުމަށް ސަމާލުކަންދިނުން.
(ނ) ސައިބޯނި ލައިގެން އަތް ދޮންނަން ޚާއްޞަ ސަމާލުކަމެއްދިނުން އަދި ސާފުތާހިރުކަމަށް އިސްކަންދިނުން؛
(ރ) ފިހާރައިން ގަތް ތަކެތި ރަނގަޅަށް ސާފުކުރުމަށްފަހު ފްރިޖްގަޔާއި އެހެނިހެން ތަންތަނުގައި ބެހެއްޓުމަށް ސަމާލުކަންދޭންވާނެއެވެ.
ފިހާރަތައް ހުޅުވުމަށް ނިންމިކަމުގައި ވީނަމަވެސް ރެސްޓޯރެންޓްތަކާއި ކެފޭތަކާއި ގާޑިޔާތަކާއި އަދި ބޯކޮށާތަންތަން ހުޅުވުމުގެ ހުއްދަ ދިނުމަށް އަދި ނިންމާފައި ނުވާވާހަކަ ދެންނެވީމެވެ. ފިހާރަތައް ހުޅުވުމުގައި މިއިޢުލާނާއި އެއްގޮތަށް ޢަމަލުކުރަމުންދޭތޯ މޯލްޑިވްސް ޕޮލިސް ސަރވިސް އާއި އައްޑޫގެ އަވަށްތަކުގެ އެސް.އެސް.ޑީތަކުން ބަލަމުން ގެންދާނެވާހަކަ ދެންނެވީމެވެ. މިއިޢުލާނާއި ޚިލާފުވާ ފިހާރަތަކާއި މެދު ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގައިވާ ގޮތުގެމަތިން ފިޔަވަޅު އެޅޭނެކަން އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.
21 ރަމަޟާން 1441
14 މޭއި 2020