އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީގެ އަވަށް ތަކުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ނުވާތީ އާއި އަމަން އަމާންކަން ގެއްލިފައިވާ މައްސަލަ

18 ސެޕްޓެމްބަރ 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީގެ އަވަށް ތަކުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ނުވާތީ އާއި އަމަން އަމާންކަން ގެއްލިފައިވާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ ޙުސައިން ޒަރީރު  

ނިންމުން

މައްސަލަ ނިމުނުގޮތް:

 " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، އައްޑޫސިޓީ ހިތަދޫގައި އުމުރުން 16 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާއި، ސިލްސިލާކޮށް ޒުވާން ގުރޫޕްތަކުގެ މެދުގައި ހިނގާ މާރާމާރީއާއި، ތޫނު ހަތިޔާރު ބޭނުންކޮށްގެން 17 ސެޕްޓެމްބަރ 2021 ދުވަހުގެ ދެވަގުތެއްގައި 3 މީހަކަށް ހަމަލާދީ ބޮޑެތި ޒަހަމްތައް ކޮށްފައިވުމާއި އެކު، އައްޑޫސިޓީގެ ރައްޔިތުންނާއި މުޅި މުޖުތަމަޢު ބިރުވެރިކަމުގެ ތެރެއަށް ހުށަހެޅިފައިވާ މައްސަލަ އަށް އައްޑޫ ސިޓީކައުންސިލުން ހައްލު ހޯދުމަށް ދައުލަތުގެ މުއައްސަސާތަކުގައި އެދިފައި ވީނަމަވެސް، އެކަށީގެންވާ ހަރުދަނާ ފިޔަވަޅުތަކެއް އެޅިފައި ނުވެ މިފަދަ މައްސަލަތައް ތަކުރާރުވަމުން އަންނަ ހިނދު،

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ދިވެހި ދައުލަތާއި އަދި ސަރުކާރާއި، ސަލާމަތީ ބާރުތަކުން އަދާކުރަންޖެހޭ ޤާނޫނީ މަސްއޫލިއްޔަތެއްކަން އެގެން އޮތް ހިނދު، އައްޑޫސިޓީގައި މާރާމާރީ ހިންގުމާއި ވައްކަމާއި އަދި ރައްޔިތުންގެ މުދަލަށް ގެއްލުންދިނުން އާއްމުވުމާއި ގުޅިގެން، އަދި މުއައްސަސާތަކާއެކު މަޝްވަރާކޮށް ޙައްލު ހޯދުމަށް އައްޑޫ ސިޓީކައުންސިލުން ކުރެވުނު މަސައްކަތަށް އެދެވޭ ނަތީޖާއެއް ހާޞިލްވީކަމަށް ނުފެންނަތީ އާއި،

އާއްމުވެގެންވާ ބަލިމަޑުކަމެއްގެ ތެރޭގައި ރައްޔިތުން ދަތި އުނދަގޫ ތަހައްމަލްކުރަމުން، ސިއްޙީ ފަރުވާގެ ޙާލަތަށް ކުރިއެރުމެއް ނުލިބި، އަމަން އަމާންކަން ގެއްލިފައިވާ މައްސަލަ އާއި، އިޤްތިޞާތީ އަދި އިޖުތިމާޢީ ގޮތުން ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރުމަކީ އައްޑޫ ސިޓީކައުންސިލުން އިސްނަގައި ރައްޔިތުންގެ ހައްޤުގައި ކުރަންޖެހޭ މަސައްކަތެއް ކަމުގައި ފެންނާތީ، ތިރީގައި ބަޔާން ކުރެވިފައިވާ ނުކުތާ ތަކާއި އެއްގޮތަށް މައްސަލަ ކުރިއަށްގެދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. 

 

 

މިގޮތުން :  

  • އިސްވެ ބަޔާން ކުރެވިފައިވާ ކަންކަމަށް ރިއާޔަތްކޮށް އައްޑޫސިޓީގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް މަސައްކަތް ކޮށްދެއްވުންއެދި ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ ސަމާލުކަމަށްގެންގޮސް ، އައްޑޫ ސިޓީކައުންސިލްގެ ކަންބޮޑުވުންތައް ހިއްސާކޮށް މައްސަލައަށް ހައްލު ހޯދުމަށް މަސައްކަތް ކުރުން
  • ރައްޔިތުންގެ މަޖިލިހުގެ ސަމާލުކަމަށް މައްސަލާގައި ފާހަގަ ކުރެވިފައި ހުރިކަންކަން ހުށަހަޅައި، މަޖިލިސް މެދުވެރިކޮށް ކަމާއިބެހޭ ފަރާތްތައް ޒިންމާދާރު ކުރުވައި، ރައްޔިތުންނަށް ރައްކާތެރިކަން ހޯދައިދިނުމަށް މަސައްކަތް ކުރުން.
  • އައްޑޫ ސިޓީގެ އަމަން އަމާކަން ބެލެހެއްޓުމާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އައްޑޫ ސިޓީގައި ގާއިމު ކުރެވިފައިވާ ފުލުހުންގެ މުއައްސަސާ އަށް ބޭނުންވާ އެންމެހާ ވަޞީލަތްތައް ( އިންސާނީ ވަޞީލަތްތަކާއި މަސައްކަތަށް ބޭނުންވާނެ އިކްވިޕްމަންޓްސް އާއި ވެހިކަލްތަކާއެކު) ފޯރުކޮށް ދެއްވުން އެދި މިނިސްޓަރ އޮފް ހޯމް އެފެއާޒާއި، ރައީސުލް ޖުމްހޫރިއްޔާއަށް ދެންނެވުމަށް އައްޑޫ ސިޓީކައުންސިލުން ރަސްމީކޮށް ހުށަހެޅުން .
  • އިޖުތިމާޢީ ގޮތުން ޒުވާނުންނާއި ރައްޔިތުން ހޭލުންތެރި ކުރުވުމަށް އައްޑޫ ސިޓީކައުންސިލާއި މަދަނީ ޖަމިއްޔާ ޖަމާއަތްތައް ޝާމިލުވާގޮތަށް ޕްރޮގްތާމްތައް ހިންގުމާއި، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުން އަނބުރާ މުޖުތަމަޢަށް ގެނައުމަށް މަސައްކަތް ކުރުން.
  • ހިތަދޫ ފްލެޓް ސަރަޙައްދަކީ ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅޭ ސަރަޙައްދަކަށް ވީހިނދު، އެސަރަޙައްދުގައި މާރާމާރީ ހިންގުން އާއްމުވެފައިވާތީ، ޕްލެޓް ސަރަޙައްދުގައި ސެކިއުރިޓީ ބެލެހެއްޓުމުގެ ގޮތުން، ކައުންސިލުން ޚަރަދުކޮށްގެން ސީ.ސީ.ޓީވީ ކެމެރާ ހަރުކުރުމާއި، ދިވެހި ފުލުހުންގެ ޕޯސްޓެއް ޤާއިމް ކޮށް ދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އަށް ހުށަހެޅުން.

 ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހީމް ޝިނާޒް    

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ޙުސައިން ޒަރީރު 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 12 ވޯޓް

ވޯޓުގައި ބައިވެރިވި: 12 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2021/093

ތާރީޚް: 18 ސެޕްޓެމްބަރ 2021