އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ކައުންސިލް އިދާރާގެ ކޮންޓްރެކްޓް މުވައްޒަފުން އެކި އެކި ސްކީމް ތަކުގައި ބައިވެރިވުމުގެ ފުރުޞަތު ގެއްލިފައިވާ މައްސަލައަށް ހައްލެއް ހޯދުން.

22 ސެޕްޓެމްބަރ 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީ ކައުންސިލް އިދާރާގައި މަސައްކަތް ކުރާ ކައުންސިލްގެ ކޮންޓްރެކްޓް މުވައްޒަފުންނަށް އެކި އެކި ސްކީމް/ލޯން ތަކުގައި ބައިވެރިވުމުގެ ފުރުޞަތު ގެއްލިފައިވާ މައްސަލައަށް ހައްލެއް ހޯދުން.

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ، އާމިނަތު ސަލްމާ 

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، އައްޑޫސިޓީ ކައުންސިލްގެ އިދާރާގައި މަސައްކަތް ކުރާ ކޮންޓްރެކްޓް މުވައްޒަފުންނަކީ ވެސް މިކައުންސިލަށް މުހިއްމު މުވައްޒަފުންތަކެއް ކަމަށް ވެފައި، މިއިދާރާގައި މަސައްކަތް ކުރާ ދާއިމީ މުވައްޒަފުންނަށް ލިބޭ ލުއިތައް (ސްކީމް/ ލޯނު ތަކުގައި ބައިވެރިވުންފަދަ)  ކޮންޓްރެކްޓް މުވައްޒަފުންނަށް ވެސް ލިބެންޖެހޭނެ ކަމަށް ޤަބޫލު ކުރެވޭތީ، ސްކީމް ތަކުގައި ބައިވެރިވާން ބޭނުންވާ މުވައްޒަފުންނަށް އެ ފުރުޞަތު ފަހިކޮށް ދިނުމަށް ސްކީމް / ލޯނަށް ފުރުޞަތު ހުޅުވާލާ ފަރާތްތަކާއި މަޝްވަރާކޮށް މުވައްޒަފުންނަށް އެފަދަ ފުރުޞަތު ލިބޭގޮތަށް މަސައްކަތް ކުރުމަށާއި،

ކައުންސިލް އިދާރާއިން ރައްޔިތުންނަށް ކޮންމެހެން ފޯރުކޮށްދޭންޖެހޭ މުހިއްމު ޚިދުމަތް ދިނުމަށް 210 ކޮންޓްރެކްޓް މަޤާމުގައި މުވައްޒަފުން މަސައްކަތް ކުރަމުން ދާ ކަމަށާއި، އައްޑޫ ސިޓީއަކީ އާބާދީ ގިނަ ބިން ބޮޑު ސަރަޙައްދެއް ކަމުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ގިނަ ކަމަށާއި، އެ ޚިދުމަތް އެންމެ އެކަށީގެންވާ ގޮތުގައި ރައްޔިތުންނަށް ލިބިގެން ދިއުމަކީ ކައުންސިލް ދެކެން ބޭނުންވާ ދުވަހެއް ކަމަށާއި، ރައްޔިތުންނަށް ކޮންމެހެން ފޯރުކޮށްދޭން ޖެހޭ ޚިދުމަތުގެ މުހިއްމު ކަން ބޮޑުކަމުން، ކައުންސިލްގެ އާމްދަނީއަށް ލިބޭ މަދު ފައިސާ ކޮޅު ޚިދުމަތް ދޭ މުވައްޒަފުންނަށް ޚަރަދު ކޮށްގެންވެސް މިކައުންސިލުން ޚިދުމަތް ފޯރުކޮށް ދެމުންގެންދާކަން ފާހަގަކޮށް، ކައުންސިލްގެ ޢާމްދަނީ ކުޑަވެ ކައުންސިލުން ކޮންމެހެން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތް ދިނުމަށް ކޮންޓްރެކްޓް އުޞޫލުން މުވައްޒަފުން ގެންގުޅުމަކީ އެންމެ އިންޞާފުވެރި ގޮތްކަމަށް ޤަބޫލު ނުކުރެވޭ ކަމަށާއި، މިހާރުވެސް  ކޮންޓްރެކްޓް މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތައް ހަމަޖައްސަނީ ދައުލަތުގެ ގްރާންޓްގެ ގޮތުގައި ކައުންސިލަށް ލިބޭ މަދު ފައިސާ ކޮޅުން ކަމަށް ވާތީ،

 

 

އައްޑޫ ސިޓީ  ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތަކީ މުހިއްމު ޚިދުމަތްތަކެއް ކަމަށް ވިއަސް، އެކަށީގެންވާ ރަނގަޅު މުވައްޒަފުން ކޮންޓްރެކްޓް އުޞޫލުން މަސައްކަތް ކުރުމަށް ބޭނުން ނުވާތީ، ފެންވަރު ރަނގަޅު މުވައްޒަފުން ލިބުމުގައި ތަފާތު ދަތިތައް ކުރިމަތި ވެފައިވުމުން،  އައްޑޫސިޓީ ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހުރިހާ ޚިދުމަތެއް ދިނުމުގައި ދާއިމީ މުވައްޒަފުން ނެގޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވުން އެދި ރައީސުލް ޖުމްހޫރިއްޔާއަށާއި، ފިނޭންސް މިނިސްޓްރީ، ސިވިލް ސަރވިސް ކޮމިޝަން އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ހުށަހެޅުމަށާއި،

އަދި ކައުންސިލްގެ އޮނިގަނޑު ފާސްކުރުމަށް ކައުންސިލުން ކުރަމުން އަންނަ މަސައްކަތް އެކި ސަބަބު ތައް މެދުވެރިކޮށް މަޑު ޖައްސަމުން ގެންދާ ދިއުން ހުއްޓުވައި އިދާރީ އޮނިގަނޑު ފާސްކުރެވޭނެ އިންތިޒާމް އަވަސް ކޮށްދިނުން އެދި ކަމާއި ގުޅޭ އިދާރާތަކަށް ހުށަހެޅުމަށް  ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. 

 ތާއީދު ކުރެއްވި: ކައުންސިލަރ، އަޙްމަދު ނާދިރު  

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އާމިނަތު ސަލްމާ   

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 12 ވޯޓް

ވޯޓުގައި ބައިވެރިވި: 12 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2021/097

ތާރީޚް: 22 ސެޕްޓެމްބަރ 2021