އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިސްތިއުނާފް ކުރުމުގެ ޙައްޤު ނުލިބި އެ ޙައްޤަށް އުނިކަން ލިބޭތީ ދައުލަތުގެ ބަންޑާރަ ނައިބުގެ ކިބައިން ހައްލު ހޯދުމަށް އެދި

18 ޖެނުއަރީ 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީން ހަމަ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ އިސްތިއުނާފް ކުރުމުގެ ޙައްޤު އައްޑޫ ރައްޔިތުންނަށް ނުލިބި އެ ޙައްޤަށް އުނިކަން ލިބޭތީ އެކަމުގެ ކަންބޮޑުވުންތައް ޙައްލުކުރުމަށް ދައުލަތުގެ ބަންޑާރަ ނައިބުގެ ކިބައިން އެދުމަށް ފާސްކުރުމަށް.

މައްސަލަ ހުށަހެޅި ފަރާތް:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް   

ނިންމުން

މައްސަލަ ނިމުނުގޮތް:

އައްޑޫސިޓީގެ ރައްޔިތުންނަށް އިސްތިއުނާފް ކުރުމުގެ ޙައްޤު ނުލިބުމުން، އެކަމުގެ ކަންބޮޑުވުންތަކާއި، ދިމާވާ ދަތިތަކާއި އެކަމުގައި އުފުލަންޖެހޭ ބުރައާއި ވޭނާއި، ހިތްދަތިކަމުގެ ޝަކުވާތައް މެދުކެނޑުމެއްނެތި ރައްޔިތުން މިކައުންސިލަށް ހުށަހަހަޅަމުންދާތީ އާއި،  ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 02ވަނަ ބާބުގައި އަސާސީ ޙައްޤުތަކާއި މިނިވަންކަން ވަރަށް ފުރިހަމައަށް ބަޔާންކޮށްފައިވީ ހިނދު،

މި ޤާނޫނު އަސާސީގެ 18 ވަނަ މާއްދާގައި " މި ޤާނޫނު އަސާސީއާއި އެއްގޮތަށް ޢަމަލުކުރުމާއި، މި ބާބުގައި ބަޔާން ވެގެންވާ ޙައްޤުތަކާއި މިނިވަންކަން ޙިމާޔަތްކޮށް ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެއްކަމަށް ބަޔާން ކުރެވިފައި ވުމާއި، އަދި ހަމަ އެއާއެކު މި ޤާނޫނުގެ 56 ވަނަ މާއްދާގައި " ޖިނާއީ މައްސަލަތަކުގައި އިއްވާ ޙުކުމްތަކާއި ނެރޭ ކޯޓު އަމުރުތައް އިސްތިއުނާފަށް ހުށަހެޅުމުގެ ޙައްޤު މައްސަލަ އާއި ގުޅުން ހުރި ކޮންމެ މީހަކަށް ލިބިގެންވާ ކަމަށް" ބަޔާންކޮށްފައި ވީހިނދު އައްޑޫގެ ރައްޔިތުން މިޙައްޤުން މަޙްރޫމްވެގެންދާކަން މިކައުންސިލަށް ކަށަވަރުކުރެވޭތީ، އަދި ވަކިން ޚާއްޞަކޮށް ދެކުނުގެ ރައްޔިތުނަށް އިސްތިޢުނާފު ކުރުމުގެ ޙައްޤަށް އުނިކަން ލިބެމުންދާތީ،

ދިވެހި ރައްޖޭގެ ޤާނޫނު އަސާސީގެ 133 ވަނަ މާއްދާގެ (ބ) އިން ބަންޑާރަ ނައިބަށް ލިބިދޭ ބާރުގެ ދަށުން އިސްތިއުނާފު ކުރުމުގެ ޙައްޤު އޭގެ އެންމެ ފުރިހަމަ ގޮތުގައި އައްޑޫސިޓީ ހިމެނޭ ގޮތުން ދެކުނު ރައްޔިތުންނަށް ލިބިދިނުމަށް މިކައުންސިލުން ކުރެވެން ހުރި މަސައްކަތްތައް ކުރުމަށާއި، މިގޮތުން ދައުލަތުގެ ބަންޑާރަ ނައިބުގެ އޮފީހަށް މިމައްސަލަ ހުށަހެޅުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. 

ތާއީދު ކުރެއްވި:  ކައުންސިލަރ ޢަލީ ފަހުމީ އަޙްމަދު

ހުށަހެޅުން ހުށަހެޅި:  ޑިޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް  

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/03

ތާރީޚް: 18 ޖެނުއަރީ 2018