އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކަައުންސިލުން ހަދާފައިވާ ޕާރކްތަކާއި ޖިމްތަކާއި، ފިނިކުރި މައިޒާންތަކުގައި ނަންފިލާ ހަރުކުރުމާ ގުޅޭ

18 އެޕްރީލް 2017     


ޢަމަލުކުރަންވީ ފަރާތްތައް: ކައުންސިލް އިދާރާގެ އަވަށު އޮފީސްތައް،         

ކޮޕީ: ފައިނޭންސް ސެކްޝަން، ކައުންސިލަރުން، ޑިވިޝަންތައް، ސެކްޝަންތައް، އައްޑޫސިޓީ ކައުންސިލް އިދާރާގެ ހުރިހާ އަވަށު އޮފީސްތައް، ކައުންސިލް އިދާރާގެ ދާއިމީ ކޮމިޓީތައް. 

ކައުންސިލުން ހަދާފައިވާ ޕާރކްތަކާއި ޖިމްތަކާއި، ފިނިކުރި މައިޒާންތަކުގައި ނަންފިލާ ހަރުކުރުމުގައި ކައުންސިލުން ގޮތެއް ނިންމުމަށް މޭޔަރ ޢަބްދުﷲ ޞާދިޤް ހުށަހެޅި މައްސަލަ ކައުންސިލް މަޖިލިސްގައި ނިންމިގޮތް:

 

 

ސުރުޚީގައި ބަޔާން ކުރެވިފައިވާ މައްސަލަ ކައުންސިލްއަށް ބަލައިގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލް މަޖިލިސްގައި މަޝްވަރާ ކުރުމަށް ފަހު،

 

  • " ހުށަހެޅިފައިވާ މައްސަލާގައި ފާހަގަ ކުރެވިފައިވާ ތަންތަނަކީ، ކައުންސިލުން ބޮޑު ޚަރަދުކޮށް ރައްޔިތުންގެ ލާބަޔާއި މަންފާއަށް ހަދާފައިވާ ތަންތަނަށް ވެފައި، މިތަންތަނުގައި ނަންފިލާ ޖެހުމަށް ފާއިތުވި އަހަރު ކައުންސިލުން ނިންމާފައިވިޔަސް، މިހާތަނަށް އެކަމަށް ޢަމަލުނުކުރެވި ގިނަ ދުވަސްތަކެއް ފާއިތުވެ ދިއުމާއިއެކު އެތަންތަނުގެ ނަން އެނގޭގޮތަށް ފެންނަން ނެތުމުން، ގިނަފަރާތްތަކަށް އެތަންތަން އޮޅޭގޮތްވެ ދަތިތަކާއި ކުރިމަތިލާން ޖެހޭތީ، މިފަދަތަންތަން ވަކިކޮށް އެނގޭނެގޮތް ހެދުމަކީ މުހިއްމު ކަމެއްކަމުގައިވާތީއާއި، މިހާރު ކުރިމަތިވަމުން އަންނަ ދަތިތަކާއި ކުރިމަތިނުވާނެ ގޮތަށް މަސައްކަތް ކުރުވުވުމަށް އަލުން ކައުންސިލުން މިމަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމަން ފެންނަކަމަށާއި،

 

  • އައްޑޫސިޓީގެ ކޮންމެ އަވަށެއްގައި ހުރި އެއަވަށެއް ނިސްބަތްވާ މިފަދަ ތަންތަނުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި، އެ އަވަށެއްގެ އަވަށުއޮފީހުން، މާލިއްޔަތު ޤަވާޢިދާއި އެއްގޮތްވާގޮތަށް، ކައުންސިލް އިދާރާގެ ޕްރޮކިއުމަންޓް ޔުނިޓްގެ އެހީތެރިކަމާއެކު ޢާއްމުކޮށް އިޢުލާނު ކޮށްގެން ލިބޭ ކޯޓޭޝަނަށް ބަލައި، މަސައްކަތް ފަރާތަކާއި ޙަވާލުކުރުމުގެ މަސައްކަތް ހިންގުމަށް ކުރަންޖެހޭ އިދާރީ އަދި ޓެކްނިކަލް އެންމެހާ މަސައްކަތް ކުރިއަށް ގެންދިއުމަށް ފެންނަކަމަށާއި،

 

  • ކައުންސިލްގެ އާމްދަނީ ބަޖެޓްގައި އެދާއިރާއެއްގެ ރައްޔިތުންގެ ގޮތުގައި ކުރަންޖެހޭ ކަންކަން ކުރުމަށް ކަނޑައެޅިފައިހުރި ބަޖެޓް ކޯޑުގެ ތެރެއިން ޤަވާއިދާއި އެއްގޮތްވާގޮތުގެ މަތިން މިކަމަށް ހިނގާ ޚަރަދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް" މޭޔަރ ހުށަހެޅުއްވި ހުށަހެޅުމަށް ކައުންސިލަރ ޙުސައިން ޙިލްމީ ތާއީދުކޮށް،

 

  • މިހުށަހެޅުމަށް އިތުރު ހުށަހެޅުމެއްގެ ގޮތުގައި" އިސްވެ ބަޔާން ކުރެވިފައިވާ ގޮތުގެ މަތިން ސިޓީބާޒާރު ސަރަހައްދުގައި ވެސް ނަންފިލާ ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް "  ކައުންސިލަރ ޙުސައިން ޙިލްމީ ހުށަހެޅި ހުށަހެޅުމަށް ކައުންސިލަރ މުޙައްމަދު ޔަސްރިފް ތާއީދު ކުރެއްވިއެވެ.

 

މިގޮތުން ބަޔާންކުރެވި ކައުންސިލްއަށް ހުށަހެޅި ތާއީދު ލިބިފައިވާ ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ މަޖިލިސްގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެއްވިއެވެ.

 

މެމްބަރުން ވޯޓު ދެއްވާފައިވާގޮތް:

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް
ބާވަތް: ނިންމުން

ދައުރު: ދެވަނަ ދައުރު

ނަންބަރ: 426-AA(N)/2017/96

ތާރީޚް: 18 އެޕްރީލް 2017