އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސ.ހިތަދޫ މެންދޫގޭގެ ގޯތީގެ މައްސަލައާއި ގުޅޭ

4 މޭއި 2017     


ޢަމަލުކުރަންވީ ފަރާތްތައް: ލީގަލް ޔުނިޓް       

ކޮޕީ: ފައިނޭންސް ސެކްޝަން، ކައުންސިލަރުން، ޑިވިޝަންތައް، ސެކްޝަންތައް، އައްޑޫސިޓީ ކައުންސިލް އިދާރާގެ ހުރިހާ އަވަށު އޮފީސްތައް، ކައުންސިލް އިދާރާގެ ދާއިމީ ކޮމިޓީތައް. 

ސ.ހިތަދޫ މެންދޫގޭގެ ގޯތީގެ މައްސަލައާއި ގުޅިގެން ހުށަހަޅާފައިވާ މައްސަލައަށް ކައުންސިލުން ގޮތެއް ނިންމުމަށް ލީގަލް ޔުނިޓުން ހުށަހެޅި މައްސަލަ ކައުންސިލް މަޖިލިސްގައި ނިންމިގޮތް:

 

ސުރުޚީ ގައި ބަޔާން ކުރެވިފައިވާ މައްސަލަ ކައުންސިލްއަށް ބަލައިގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލް މަޖިލިސްގައި މަޝްވަރާ ކުރުމަށް ފަހު،

"މެންދޫގޭގެ ވެރިފަރާތުން ހުށަހަޅާފައިވާ މައްސަލައަކީ، އައްޑޫސިޓީގައި ޤާއިމުކުރެވިފައިވާ ލޭންޑް ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސަސް އަށް، މެންދޫގޭގެ ޢިމާރާތާއި ގޯތީގެރަޖިސްޓްރީ ބާވެ ހަލާކުވަމުން ދާތީ ރަޖިސްޓްރީ އާކުރުމަށް އެދި ހުށަހެޅުމާއި ގުޅިގެން ވެރިފަރާތަށް އެންގުމެއް ނެތި ރަޖިސްޓްރީގެ މިންތަކަށާއި ގޯތީގެ ކުރެހުމަށް ބޮޑެތި ބަދަލު ތަކެއް ގެނަސް އަލުން ރަޖިސްޓްރީ ހަދައި މެންދޫގޭގެ ވެރިފަރާތަށް އޮޅުވާލުމަށް ލޭންޑް ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސަސް އިން މަސައްކަތް ކޮށްފައިވުމާއި ގުޅިގެން އެ މައްސަލައަށް ޙައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތަށް ކުރިއެރުމެއް ނުލިބުމުގެ ސަބަބުން ހުށަހަޅާފައިވާ މައްސަލައެއް ކަމަށާއި،

 

މިމައްސަލައާއިގުޅިގެން މެންދޫގޭގެ ވެރިފަރާތުން ހުށަހަޅާފައިވާ މައްސަލާގައި ފާހަގަކޮށްފައިވާ ނުކުތާތައް ތިރީގައި ބަޔާން ކުރެވިފައި:-

 

  1. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 230 ވަނަ މާއްދާގެ (ހ) ގެ ދަށުން އައްޑޫ ރައްޔިތުން އިންތިޚާބުކޮށްފައިވާ އައްޑޫ ސިޓީ ކައުންސިލަކީ، ރައްޔިތުންނާއި ވީހާވެސް ގާތުން ޚިދުމަތް ދިނުމަށާއި ރައްޔިތުން ބާރުވެރިކުރުމަށް އިންތިހާބުކޮށްފައިވާ ކައުންސިލެއް ކަމަށް ވެފައި،

 

  1.  އައްޑޫ ސިޓީ ކައުންސިލްއަކީ ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައްޔިތުންގެ ސިއްރު ވޯޓަކުން ދީމިޤްރާޠީ އުޞޫލުތަކުގެމަތީން ރައްޔިތުންނާ ވީހާވެސް ގާތުން ރައްޔިތުންނަށް ޚިދުމަތް ދިނުމަށް އިންތިޚާބުކޮށްފައިވާ ކައުންސިލެއް ކަން ފާހަގަކޮށް،

 

  1.  ޤާނޫނު އަސާސީގެ 299 ވަނަ މާއްދާގެ (ހ) ގައި "ވެރިކަން ހިންގާ ފަރާތުންނާއި ރައްޔިތުންގެ މަޖިލީހުންނާއި ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ބާރުންނާއި މުސްތަޤިއްލު ކޮމިޝަންތަކުންނާއި މުސްތަޤިއްލު މަޤާމްތަކުގައި ތިބި މީހުންނާއި ދައުލަތުގެ މުއައްސަސާ ތަކުންނާއި ދައުލަތުގެ މަޤާމްތަކާ ޙަވާލުވެ ތިބި މީހުންނާއި އެންމެހައި ރައްޔިތުން މި ޤާނުނުއަސާސީއަށް ޢަމަލުކުރާން ފެށުމާއެކު މި ޤާނޫނުއަސާސީގައިވާ އެންމެހައި ކަންތައްތަކަށް ފުރިހަމައަށް ކިޔަމަންވެ ޢަމަލުކުރަންވާނެ" ކަމަށް ބަޔާންކޮށްފައި ވުމާއި،

 

  1.  އިސްވެ މިބުނެވުނު މާއްދާތަކުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގައި އައްޑޫ ރައްޔިތުންނަށް ޚިދުމަތް ދޭންޖެހޭ ފަރާތަކީ އިންތިޚާބުކޮށްފައިވާ ސިޓީ ކައުންސިލް ކަން އެއްވެސް ޝައްކެއް ނެތި ޤާނޫނުއަސާސީން އެގެން އޮތް ހިނދު،

 

  1.  އަދި ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވަނީ އައްޑޫސިޓީ ކައުންސިލަކީ ޤާނޫނުއަސާސީ އަށް ޙުރުމަތްތެރިކޮށް ހިތުމަށާއި ރައްޔިތުންގެ ޙައްޤުތައް ރައްކައުތެރިކުރުމަށް މާތްﷲ ގަންދީ ހުވައިކޮށްގެން ތިބި ބައެއްކަމަށާއި،

 

  1.  މިހާރު އައްޑޫގެ ބިންބިމާގުޅޭ އެންމެހާ ކަންތައްތައް ޤާނުނުއަސާސީގެ 230 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ލާމަރުކަޒީ އުޞޫލާއި ޚިލާފަށް، އަދި ޤާނޫނު އަސާސީގެ 299 ވަނަ މާއްދާގެ (ހ) އާވެސް ޚިލާފަށް ޙަވާލުވެފައިވާ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓަކްޗަރގެ ލޭންޑް ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސް އިން ޢަމަލުކުރައްވަމުން ގެންދަވާ ގޮތުން ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ށ) ގެ ދަށުން ހަމަކޮންމެ ރައްޔިތަކަށްމެ ދެއްވާފައިވާ މުދާގެންގުޅުމުގެ ޙައްޤު ނިގުޅައިގަނެވި މުދާ ގެންގުޅުމުން މަޙްރޫމު ވެގެންދާކަން ފާހަނގަ ކުރެވޭތީއާއި،

 

  1.  މިމައްސަލަ އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިގެން އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 95/S2C/2017 ޤަޟިއްޔާގެ ދަށުން މައްސަލަ ކުރިއަށް ގެންދިއުމުގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރ ގެ ލޭންޑް ބިލްޑިންޑްގ އެންޑް މުނިސިޕަލް ސަރވިސްއިން ޢަމަލުކުރައްވަމުން ގެންދަވާގޮތުން އެމިނިސްޓްރީގެ އެއްވެސް އިޚްލާސްތެރިކަމެއް ހުރިކަމަށް ޤަބޫލު ނުކުރެވޭތީ، އަދި ޝަރީޢަތުގެ މަޖިލީހަށް މިމައްސަލާގައި އެފަރާތުން ޖަވާބު ދެއްވުމަށް ޢުޒުރުވެރިވެ މައްސަލަ އޮޅުވާލުމަށް މަސައްކަތް ކުރަމުންދާކަން ދޭހަވާތީ،

 

  1.  ޤާނުނުއަސާސީގެ 230 ވަނަ މާއްދާގެ (ހ) އާއި 299 ވަނަ މާއްދާގެ (ހ) އާއިޚިލާފަށް ލޭންޑް ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސަސް އިން ބާރުތައް ނަންގަވައި، އެފަރާތުން ޢަމަލުކުރައްވަމުން ގެންދަވާގޮތުން މެންދޫގޭގެ ވެރިފަރާތުގެ ޙައްޤު ނިގުޅައިގަނެވި މިމިމައްސަލަ ކޯޓުގައި ކުރިއަށް ނުގެންދެވި ގިނަދުވަސްތަކެއް ފާއިތުވަމުންދާތީ، އައްޑޫ ރައްޔިތުން، އެ ރައްޔިތުންނަށް ލާމަރުޒީ އުޞޫލުން ރައްޔިތުންނާއި ވީހާވެސް ގާތުން ޚިދުމަތް ފޯރުކޮށްދެއްވުމަށް އިންތިޚާބު ކޮށްފައިވާ އައްޑޫސިޓީ ކައުންސިލުން ކޮށްދެވެން ހުރި އެންމެހާ ކަންކަން މިހިނދުން ފެށިގެން ކޮށްދެއްވުމަށް އެދި ހުށަހަޅާފައިވާތީ،

 

މިމައްސަލައާއި ގުޅިގެން ކައުންސިލް އިދާރާއިން ކޮށްދެވެން ހުރި އެންމެހާ ކަންކަން ކޮށްދެއްވުމަށާއި، އިސްވެ ބަޔާން  ކުރެވިފައިވާ ނުކުތާތަކުގައި ވާކަންކަމަށް ރިއާޔަތްކޮށް މިފަދަ މައްސލަތަކަށް ހައްލު ހޯދުމުގެ މަސައްކަތް ކުރުމަށް ކައުންސިލުން ޤަރާރެއް ފާސްކުރުމަށް ފެންނަކަމަށް " ޑެޕިއުޓީ މޭޔަރ ހުށަހެޅި ހުށަހެޅުމަށް ކައުންސިލަރ ޙުސައިން ޙިލްމީ ތާއީދު ކުރެއްވިއެވެ.

 

މިގޮތުން ބަޔާންކުރެވި ކައުންސިލްއަށް ހުށަހެޅި ތާއީދު ލިބިފައިވާ ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ މަޖިލިސްގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެއްވިއެވެ.

 

މެމްބަރުން ވޯޓު ދެއްވާފައިވާގޮތް:

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް


ނިންމުން ޑައުންލޯޑް ކުރެއްވުމަށް

ސ.ހިތަދޫ މެންދޫގޭގެ ގޯތީގެ މައްސަލައާއި ގުޅޭ


ބާވަތް: ނިންމުން

ދައުރު: ދެވަނަ ދައުރު

ނަންބަރ: 426-AA(N)/2017/104

ތާރީޚް: 4 މޭއި 2017