އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ގދ. އަތޮޅަށް ކައުންސިލުން ކުރެއްވި ތަޖުރިބާ ދަތުރުގައި ފާހަގަ ކުރެވުނު ކަންކަން ކުރިއަށް ގެންދިއުން

23 ފެބުރުއަރީ 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

25 ޖަނަވަރީ 2021 އިން 31 ޖަނަވަރީ 2021 އަށް އައްޑޫސިޓީ ކައުންސިލް އިދާރާގެ ޓީމެއް ހުވަދުއަތޮޅު ދެކުނީބުރީގެ ރަށްތަކަށް ކުރެއްވި ތަޖުރިބާ ދަތުރުގައި، ގދ. އަތޮޅުގެ އެކިއެކި މުއައްސަސާތަކާއެކު ބޭއްވުނު މަޝްވަރާ ބައްދަލުވުން ތަކުގައި ފާހަގަ ކުރެވުނު ކަންކަން ކުރިއަށް ގެންދިއުމުގައި ކައުންސިލަށް ފެންނަ ގޮތެއް ނިންމުން.      

މައްސަލަ ހުށަހެޅި ފަރާތް: މޭޔަރ، ޢަބްދުﷲ ޞާދިޤް        

ނިންމުން

މައްސަލަ ނިމުނުގޮތް:

" މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ހުށަހަޅާފައިވާ މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، 24 ޖަނަވަރީ 2021 އިން 31 ޖަނަވަރީ 2021 އަށް އައްޑޫސިޓީ ކައުންސިލް އިދާރާގެ ޓީމެއް ހުވަދުއަތޮޅު ދެކުނީބުރީގެ ރަށްތަކަށް ކުރެއްވި ތަޖުރިބާ ދަތުރުގައި، ގދ. އަތޮޅުގެ އެކިއެކި މުއައްސަސާތަކާއެކު ބޭއްވުނު މަޝްވަރާ ބައްދަލުވުން ތަކުގައި ފާހަގަ ކުރެވުނު ކަންކަން ކުރިއަށް ގެންދިއުމުގައި ކައުންސިލުން ގޮތެއް ނިންމުމުމަކީ މުހިއްމު ކަމެއްކަމުގައި ފެންނާތީ، ތިރީގައި ބަޔާން ކުރެވިފައިވާ ނުކުތާ ތަކުގައި ހިމެނޭ ކަންކަން ކައުންސިލުން ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

  1. "ސުވަދީވް ލޯކަލް ގަވަރނެންސް އެސޯސިއޭޝަން" ރަޖިސްޓްރީ ކުރުމުގެ އަމަލީ މަސައްކަތް ކުރިއަށް ގެންދިއުމާއި،15 މާރިޗް 2021 ގެ ކުރިން ރަޖިސްޓްރޭޝަން ޑޮކިއުމެންޓްސް ތައްޔާރުކޮށް ޑޮކިއުމެންޓްސް ތަކުގެ ޑްރާފްޓްތައް ހުރިހާ ކައުންސިލްތަކާއި ހިއްސާކުރުން.
  2. ކުރިއަށް އޮތް ދެހަފްތާގެ ތެރޭގައި ސުވާދިވް އަތޮޅު ގެސްޓް ހައުސް ހެދުމުގެ ބިންކަނޑައެޅުމަށްޓަކައި ކައުންސިލް އިން ގޮތެއް ނިންމުން.
  3. ހުވަދު އަތޮޅުގެ ސިއްޙީ ދާއިރާގައި މިހާރު ހުރި މައްސަލަތަކާއި ދިމާވަމުން އަންނަ ގޮން ޖެހުންތައް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ ގަވަރނިންގ ބޯޑުގެ ބައްދަލުވުންތަކަށް ހުށަހަޅައި، އެކަންކަމަށް ހައްލު ހޯއްދެވުމަށް މަސައްކަތް ކުރުމާއި، ހުވަދުއަތޮޅުގެ ސިއްހީ ދާއިރާގައި ޚިދުމަތް ދިނުމުގައި ހުރި ދަތިތަކަށް ޙައްލެއް ހޯދުމުގެ ގޮތުން 2 އަތޮޅުގެ ބައިވެރިވުން ޙިއްސާކޮށްގެން އައްޑޫސިޓީގެ ސިއްޙީ ދާއިރާގައި ލިބެން ހުރި ވަޞީލަތްތަކުގެ އެހީތެރިކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދެއްވުމުގެ މަސައްކަތް ހިންގުން.   
  4. ހުވަދު އަތޮޅުގެ ސްކޫލް ތަކުގެ ދަރިވަރުންނާއި މުދައްރިސުންނަށް އަމާޒުކޮށްގެން ސްކޫލް އެކްސްޗޭންޖް ޕްރޮގްރާމެއް އައްޑޫސިޓީގައި ކުރިއަށްގެންދިއުމާއި ގުޅޭގޮތުން 15 މާރިޗް 2021 ވާ ހޯމަ ދުވަހު މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށާއި، ޕްރޮގްރާމްގެ ޢަމަލީ މަސައްކަތް ކުރިއަށް ގެންދާނެ ގޮތެއް ކަނޑައަޅައި އައްޑޫ އަދި ހުވަދޫ އަތޮޅުގެ ސްކޫލް އެކްސްޗޭންގް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް މަސައްކަތް ހިންގުން.
  5. 2 އަތޮޅުގެ ދެމެދުގައި ޤާއިމުކުރެވިފައިވާ ދަތުރު ފަތުރުގެ ނިޒާމުގެ ތެރެއިން ފަތުރުވެރިކަމާއި ދަނޑުވެރިކަމާއި އެހެނިހެން އިޤްތިޞާދީ ހަރަކާތްތައް ކުރިއެރުވުމަށް، ދަތުރުފަތުރުކުރުމުގައި ހުރި ދަތިތައް ހައްލު ކުރުމުގެ ގޮތުން ދައުލަތުގެ ކަމާއި ގުޅޭ އިދާރާތަކާއި އަދި އަމިއްލަ ފަރާތްތަކާއި ބައްދަލުކޮށް މިހާރަށްވުރެ ހަރުދަނާ ކަމާއެކު 2 އަތޮޅުގައި ހުރި ވަޞީލަތްތައް ބޭނުންކޮށްގެން ދަތުރު ފަތުރު ނިޒާމް ކުރިއެރުވުމުގެ ކަންކަން ހިންގުން .
  6. 2 އަތޮޅުގެ މުއައްސަސާތަކުގެ އިދާރީ އަދި ޓެކްނިކަލް ހިންގުން އިތުރަށް ހަރުދަނާކުރުމަކީ މުހިއްމު ބޭނުންތެރިކަމެއް ކަމުގައި ދެކޭތީ، 2 އަތޮޅުގައި ލިބެން ހުރި ވަޞީލަތްތައް ޙިއްސާ ކުރުމުގެ ގޮތުން "ސްޓާފް އެކްސްޗޭންޖް ޕްރޮގްރާމް" ކުރިއަށްގެންދިއުމުގެ ކަންކަން ހިންގުން.
  7. ޒަމާނުއްސުރެ 2 އަތޮޅުގެ ދެމެދުގައި ޤާއިމު ކުރެވިފައިވާ ގުޅުން ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދިއުމުގެ މަޤްޞަދުގައި  "ލޯންގް ޓާމް ސުވާދިވް ޑިވެލޮޕްމަންޓް ޕްލޭން" އެކުލަވާލުމަށް ދެފަރާތުގެ ދެމެދުގައި ކަނަޑައެޅޭ ތަޞައްވުރުގެ ތެރެއިން 4 އަތޮޅުގެ ތަރައްޤީގެ ޕްލޭން އެއް އެކުލަވާލުމުގެ ކަންކަން ހިންގުން.
  8. ދެކުނު 4 އަތޮޅު ހިމެނޭ ގޮތަށް ކުރިއަށްގެންދެވޭ މަހާސިންތާގެ ހަތަރުވަނަ މަހާސިންތާ ގދ.އަތޮޅުގައި ބޭއްވުމަށްޓަކައި އައްޑޫސިޓީ ކައުންސިލްގެ ފުރިހަމަ ބައިވެރިވުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ހިންގުން.

ތާއީދު ކުރެއްވި:  ކައުންސިލަރ، ޙުސައިން ޙިޔާޟް     

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ފައިޞަލް އިބްރާހީމް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2021/39

ތާރީޚް: 23 ފެބުރުއަރީ 2021