ކައުންސިލްގެ ޤަރާރު
ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގައި އައްޑޫ ސިޓީ ކައުންސިލް ތަމްސީލުކުރާނެ ފަރާތްތައް ކަނޑައެޅުން
بسم الله الرحمن الرحيم
حمدًا لله وصلاةً وسلاماً على النبيّ المختار والرحمة المهداة والسراج المنير:
މިޤަރާރު ފެނި ދެކި ކިޔާ ބަލާ ކޮންމެ މީހަކަށް އަޅުގަނޑުމެން ވެދުމާއި ސަލާމް ރައްދުކުރަމެވެ.
މިއީ، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގައި ސިޓީ ކައުންސިލަކީ ވަކި ޤާނޫނީ ޝަޚްޞެއް ކަމަށް ބަޔާންކޮށްފައިވާތީ، އެގޮތުގެމަތީން ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓްތަކުގައި އައްޑޫ ސިޓީ ކައުންސިލް ތަމްސީލުކުރާނީ އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ލީގަލް އޮފިސަރާއި ލީގަލް އެސިސްޓެންޓް ކަމުގައި ކަނޑައެޅުމަށްޓަކައި ކައުންސިލުން ނެރޭ ޤަރާރެކެވެ. ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 40 ވަނަ މާއްދާގައި "މި ޤާނޫނުގެ ދަށުން އިންތިޚާބުކޮށް ޤާއިމްކުރެވޭ ސިޓީ ކައުންސިލަކީ އަމިއްލަ ނަމުގައި ދަޢުވާކުރުމާއި، ދަޢުވާލިބިގަތުމުގެ ބާރުލިބިފައިވާ އަދި އަމިއްލަ ނަމުގައި މުޢާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ ވަކި ސިއްކައެއް އޮންނަ ޤާނޫނީ ޝަޚްޞެއް" ކަމަށް ބަޔާންކޮށްފައި ވީހިނދު،
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއަކީ ލީގަލް ޔުނިޓެއް އެކުލެވިގެންވާ، ޤާނޫނުގެ ދާއިރާއިން ތަޢުލީމާއި ތަޖުރިބާހުރި މުވައްޒަފުންތަކެއް މަސައްކަތްކުރަމުންދާ އިދާރާއެއް ކަމުގައި ވީހިނދު، އައްޑޫ ސިޓީ ކައުންސިލަކީ ވަކި ޤާނޫނީ ޝަޚުސެއް ކަމަށް ޤާނޫނުގައި ކަނޑައެޅި ބަޔާންވެގެންވާތީ، ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓްތަކުގައި އައްޑޫ ސިޓީ ކައުންސިލްގެ ނަމުގައި ދަޢުވާކުރާ މައްސަލަތަކާއި، ދަޢުވާލިބޭ ގޮތަށް ހުށަހެޅޭ މައްސަލަތަކުގައި ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގައި އައްޑޫ ސިޓީ ކައުންސިލް ތަމްސީލުކުރާނީ އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިން ކަމާއި، އެގޮތުގެ މަތީން ސިޓީ ކައުންސިލް ތަމްސީލުކުރާނީ މި އިދާރާގެ ލީގަލް އޮފިސަރ އަލްއުސްތާޛު ޙުސެއިން ޙަބީބު އާއި ލީގަލް އެސިސްޓެންޓް އަލްއުސްތާޛު ޢަބްދުﷲ އިޙްސާން ކަމަށް ކަނޑައަޅައި ޢައްޔަންކޮށް މިގޮތުގެ މަތީން ފާސްކުރުމަށް އައްޑޫސިޓީ ކައުންސިލްގެ ޖަލްސާއިން މެމްބަރުންގެ އިއްތިފާޤުން ނިންމާފައިވާތީ،
މީލާދީ ސަނަތުން ދެހާސް ސަތާރަ ވަނަ އަހަރުގެ ޖޫން މަހުގެ 13 (13 ޖޫން 2017) ވަނަ ދުވަހު ބޭއްވުނު އައްޑޫ ސިޓީ ކައުންސިލްގެ 3 ވަނަ ދައުރުގެ 3 ވަނަ މަޖިލީހުގައި (2017 ވަނަ އަހަރުގެ 37 ވަނަ މަޖިލީސްގައި) ބައިވެރިވި އަޅުގަނޑުމެން، މިޤަރާރު ފާސްކުރުމަށް އައްޑޫސިޓީ ކައުންސިލުން ސޮއިކުރުމަށް އިޤްރާރުވެ، މިލިޔުމުގައި އަޅުގަނޑުމެންގެ ޤާނޫނީ ސިއްކަ އޮބައި ސޮއިކޮށް މިޤަރާރު ފާސްކުރީމެވެ.
މި ޤަރާރު ފާސްވުމުން އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ނަންބަރު 2013/04 (13 މާރޗް 2013) ކައުންސިލްގެ ޤަރާރު އުވުނީއެވެ.
وَصَلَّى اللهُ وَسَلّمَ عَلَى سّيّدِناَ مٌحَمَدٍ، وَعَلَى آلِهِ وَصَحْبِهِ أَجْمَعِيْن، وَالْحَمْدٌ للهِ رَبِّ الْعَالَمِين.
ޤަރާރު ޑައުންލޯޑް ކުރެއްވުމަށް
