އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސިޓީ ކައުންސިލްތަކަށް ދެވުނު ބާރުތަކާގުޅޭގޮތުން އައްޑޫސިޓީ ކައުންސިލުން ފާސްކުރާ ޤަރާރު

5 ޑިސެމްބަރ 2018     


ސިޓީ ކައުންސިލްގެ ބާރުތަކާއި ސިޓީ ކައުންސިލުންދޭ ޚިދުމަތްތައް ދިނުމުގެ ބާރު  ޤާނޫނު ނަމްބަރު 2010/7 ގައިވާގޮތުގެމަތިން ސިޓީ ކައުންސިލްތަކަށް ދިނުމާއިގުޅޭގޮތުން އައްޑޫސިޓީ ކައުންސިލުން ފާސްކުރާ ޤަރާރު

 

بسم  الله الرحمن الرحيم

حمدًا لله وصلاةً وسلاماً على النبيّ المختار والرحمة المهداة والسراج المنير:

މިޤަރާރު ފެނި ދެކި ކިޔާ ބަލާ ކޮންމެ މީހަކަށް އަޅުގަނޑުމެން ވެދުމާއި ސަލާމް ރައްދުކުރަމެވެ.

 

  1. “By definition, constitutional supremacy means that the constitution is the highest law of the land. The constitution’s supremacy entails not only that all constituencies and political institutions must abide by it, but also that all other sources of law or legal authority are placed lower than the constitution in a given country’s legal hierarchy. It also means that in principle, all other laws, policies, and practices must conform with, or at least not unjustifiably and disproportionately infringe on, principles enshrined in the constitution.” (RAN HIRSCL:CONSTITUTIONAL THEOCRACY, 2010, The Epistemology of Constitutional Law, p.72, para 2)

 

"ތަޢުރީފުގައި، ކޮންސްޓިޓުއުޝަނަލް ސުޕްރެމަސީ ނުވަތަ ދުސްތޫރީ ސިޔާދަތުގެ މާނައަކީ ޤާނޫނުއަސާސީ އަކީ އެބިމެއްގެ އެންމެމަތީ ޤާނޫނުކަމެވެ. ދުސްތޫރީ ސިޔާދަތުގައި ވާގޮތުން ޤާނޫނުހަދާ މަޖިލީހާއި، އަދި ސިޔާސީ އިދާރާތަކާއި މުއައްސަސާތަކުގެ އިތުރުން ޤާނޫނުގެ އެހެން މަސްދަރުތައް ނުވަތަ ޤާނޫނީ ގޮތުން ބާރެއް ލިބިފައިވާ ފަރާތްތައް ވެސް ޤާނޫނުއަސާސީއަށް ތަބާވާންޖެހޭނެއެވެ. އަދި އެފަރާތްތައް ހިމެނިގެންވާނީ އެޤައުމެއްގެ ޤާނޫނީ އޮނިގަނޑުގައި ޤާނޫނުއަސާސީ އަށްވުރެ ދަށު ދަރަޖަތަކުގައެވެ. މީގެއިތުރުން މި މަބްދައުގައި، ހުރިހާ ޤާނޫނުތަކާއި، ޢަމަލުކުރާ ގޮތްތަކާއި އަދި ސިޔާސަތުތައް ހިންގާންޖެހޭނީ ޤާނޫނުއަސާސީ ގައިވާގޮތަށް، ނުވަތަ ޤާނޫނުއަސާސީ ހިންގާންޖެހޭނީ އެންމެ ކުޑަމިނުން ޤަބޫލުނުކުރެވޭނޭފަދަ އަދި އެކަށީގެންނުވާނޭފަދައަކުން ޤާނޫނުއަސާސިގައި ހިމާޔަތްކޮށް، ރައްކާތެރިކޮށް، ދަމަހައްޓަންޖެހޭ އުޞޫލުތައް މުގުރާލެވިގެންނުވާނޭ ގޮތެއްގެމަތީން" ކަމަށް ރޭން ހާރސްސެލް އޭނާގެ ކޮންސްޓިޓިއުޝަނަލް ތިއޯކްރެސީ ފޮތް 2010 ގެ ދަ އެޕިސްޓެމޮލޮޖީ އޮފް ކޮންސްޓިޓިއުޝަނަލް ލޯ ގެ 72 ވަނަ ޞޮފްޙާގެ 2 ވަނަ ޕެރެގްރާފުގައި ބަޔާންކޮށްފައި ވީހިނދު،

 

  1. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގެ ސިޔާދަތީ ބާރު ލިބިގެންވަނީ ޤާނޫނުއަސާސީ އަށް ކަމެވެ. މާނައަކީ ދިވެހިރާއްޖޭގައި ގާއިމްވެފައިވަނީ ދުސްތޫރީ ސިޔާދަތު ނުވަތަ ކޮންސިޓިޓިއުޝަނަލް

 

ސުޕްރެމަސީ ގެ މަބްދައުތަކާއި އުޞޫލުތަކެވެ. މި މަބްދައުގެ ތަފްޞީލުގައި ޤާނޫނު އަސާސީގެ 8 ވަނަ މާއްދާގައި"ދިވެހިދައުލަތުގެ އެންމެހައި ބާރުތައް ހިންގާންވާނީ ޤާނޫނުއަސާސީގައިވާ ގޮތުގެމަތީން" ކަމަށް ބަޔާންކޮށްފައި ވާކަމާއި، އެގޮތުން ދައުލަތުގެ ބާރުތަކުގެ ތެރޭގައި ހިމެނޭ ވެރިކަންހިންގުމުގެ ބާރުން ވެރިކަންހިންގާންވާނީ ޤާނޫނުއަސާސީގައިވާ ގޮތުގެމަތީން ކަމަށް ޤާނުނުއަސާސީގެ 106 ވަނަ މާއްދާގެ(ހ) އަދި (ރ) ގައި ބަޔާންކޮށްފައިވާ ކަމާއި، ޤާނޫނު ހެދުމުގެބާރު ރައްޔިތުންގެ މަޖިލިސް ހިންގާންވާނީ އަދި ޤާނޫނުތައް ހަދާންވާނީ ޤާނޫނު އަސާސީއާއި އެއްގޮތަށްކަން ޤާނޫނުއަސާސީގެ 88 ވަނަ މާއްދާއާ 143 ވަނަ މާއްދާގެ މަފްހޫމުން އެގޭކަމާއި، އަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރު ޝަރުޢީ ކޯޓުތަކުން ނިންމާ ނިންމުންތައް ނިންމާންވާނީ ޤާނޫނުއަސާއާއި އެއްގޮތަށްކަން ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައި ބަޔާންކޮށްފައި ވާކަމާއި، އަދި "ވެރިކަން ހިންގާ ފަރާތުންނާއި ރައްޔިތުންމަޖިލީހުންނާއި ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ބާރުންނާއި މުސްތަޤިއްލު ކޮމިޝަންތަކުންނާއި މުސްތަޤިއްލު މަޤާމްތަކުގައި ތިބި މީހުންނާއި ދައުލަތުގެ މުއައްސަސާ ތަކުންނާއި ދައުލަތުގެ މަޤާމްތަކާ ޙަވާލުވެ ތިބި މީހުންނާއި އެންމެހައި ރައްޔިތުން މި ޤާނުނުއަސާސީއަށް ޢަމަލުކުރާން ފެށުމާއެކު މި ޤާނޫނުއަސާސީގައިވާ އެންމެހައި ކަންތައްތަކަށް ފުރިހަމައަށް ކިޔަމަންވެ ޢަމަލުކުރަންވާނެ" ކަމަށް ޤާނޫނު އަސާސީގެ 299 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަމުން ދިވެހިރާއްޖޭގައި ޤާއިމްވެފައިވަނީ ކޮންސްޓިޓިއުޝަނަލް ސުޕްރެމެސީގެ ނުވަތަ ދުސްތޫރީ ސިޔާދަތުތަކުގެ މަބްދައުތައްކަން އެގިކަށަވަރު ވާހިނދު،  

 

  1. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 4 ވަނަ މާއްދާގައި "ދިވެހިދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މި ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައި" ކަމަށް ބަޔާންކޮށްފައި ވީހިނދު، އަދި ޤާނޫނު އަސާސީގެ ސިޔާދަތަކީ "ދިވެހިދައުލަތުގެ އެންމެހައި ބާރުތައް ހިންގާންވާނީ މި ޤާނޫނުއަސާސީގައިވާ ގޮތުގެމަތީން ކަމަށް" ޤާނޫނު އަސާސީގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައި ވީހިނދު، އަދި ދިވެހިދައުލަތުގެ ވެރިކަން ހިންގުމުގެ ބާރުގެ ތެރޭގައި ހިމެނޭ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގާންވާނީ ލާމަރުކަޒީ އުޞޫލުންކަމަށް ޤާނޫނު އަސާސީގެ 230 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި ވީހިނދު، މިއީ ޤާނޫނުގެ ވެރިކަމާއި ދިވެހި ދުސްތޫރުގެ ސިޔާދަތު ތަރުތީބުވެ އިސްތިޤްރާރްވެފައިވާ ގޮތްކަމަށް އިސްވެދެންނެވުނު ޤާނޫނީ ދަލީލުތަކުން އެގިކަށަވަރުވާ ހިނދު،

 

  1. މިހެންމިކަން އޮތުމުން، ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އެކައުންސިލް ނިސްބަތްވާ ސަރަޙައްދުގެ ރައްޔިތުން ދީމިޤްރާޠީ އުޞޫލުން ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ހ) ގެ ދަށުން އިންތިޙާބުކޮށްފައިވާ ކައުންސިލަކުން އެކައުންސިލެއް އިންތިޙާބުވެފައިވާ ސަރަޙައްދެއްގެ ރައްޔިތުންނަށް އެކައުންސިލަކުން ދޭންޖެހޭ ޚިދުމަތްތަކާއި އެކައުންސިލެއްގެ ބާރުތައް ގެއްލޭގޮތަށް ޤާނޫނުއަސާސީގެ 230 ވަނަ މާއްދާގެ (ހ) އާއި ޚިލާފަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު އެކުލަވާލެވިގެން ނުވާނޭކަމާއި ނުވަތަ އެފަދަ އިސްލާޙެއް ވެސް އެޤާނޫނަށް ނުގެނެވޭނޭކަން ޤާނޫނުގެ ވެރިކަމާއި ދުސްތޫރުގެ ސިޔާދަތު ތަރުތީބުވެ އިސްތިޤްރާރުވެފައިވާ ގޮތުންނާއި އަދި ކޮންސްޓިޓިއުޝަނަލް ސުޕްރެމަސީގެ މަބްދައުތަކުންނާއި، ޤާނޫނުއަސާސީގެ 88 ވަނަ މާއްދާއާ 143 ވަނަ މާއްދާގެ މަފްހޫމުންނާއި، އަދި 299 ވަނަ މާއްދާގެ (ހ) އިން އެގޭކަމާއި، ކައުންސިލެއްގެ ބާރުތަކާއި ޚިދުމަތްތައް ޤާނޫނުއަސާސީގެ 8 ވަނަ ބާބުގައި ބަޔާންވެގެންވާ ލާމަރުކަޒީ އުޞޫލާއި ކަނޑައެޅިގެން ޚިލާފަށް، ކައުންސިލްގެ އިޙްތިޞާސް ތަކާއި ދުރަށް މިނިސްޓްރީތަކުގެ ދަށަށް އެބާރުތަކާއި ޚިދުމަތްތައް ބަދަލުކުރިކުރުމަކީ ޤާނޫނު އަސާސީގެ 8 ވަނަ މާއްދާގައި ބަޔާންވެގެންވާ ޤާނޫނުއަސާސީގެ ސިޔާދަތު މުގުރާލައި، އެކައުންސިލް ނިސްބަތްވާ ސަރަޙައްދުގެ ރައްޔިތުންގެ ބާރު ކަނޑުވާލައި ރައްޔިތުންނާ ދުރުން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ މިނިސްޓްރީތަކުގެ ދަށަށްކައުންސިލެއްގެ ބާރުތަކާއި ޚިދުމަތްތައްދިނުން ތަރުތީބުކުރި ކުރުމެއް ކަމުގައި ވީހިނދު،

 

  1. މިނިސްޓްރީތަކުގެދަށަށް ކައުންސިލެއްގެބާރުތަކާއި ޚިދުމަތްތައްދިނުން ތަރުތީބުކުރިކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ނަންބަރު 15/2015 ދެންނެވުމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ނަންބަރު 9/2016 ދެންނެވުންތަކުން އެގިކަށަވަރުވާ ހިނދު، ޤާނޫނު އަސާސީގެ 106 ވަނަ މާއްދާގެ (ރ) ގައި "ރައީސުލްޖުމްހޫރިއްޔާ ވެރިކަން ހިންގާންވާނީ ޤާނޫނުއަސާސީ

 

އާއި ޤާނުނުގައިވާ ގޮތުގެމަތީން" ކަމަށް ބަޔާންކޮށްފައި ވީހިނދު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 41 ވަނަ މާއްދާއާ 42 ވަނަ މާއްދާގައި ސިޓީ ކައުންސިލުގެ ބާރުތަކާއި ސިޓީ ކައުންސިލުން ދޭނެ ޚިދުމަތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިޚްތިޔާރުކުރާ ބާރުތަކާއި ޚިދުމަތްތައް ކަނޑައެޅުމުގެ ބާރު އެޤާނޫނަށް ގެނެވުނު 3 ވަނަ އިސްލާހުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވާފައި ވީނަމަވެސް ޤާނޫނު އަސާސީގެ 230 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ލާމަރުކަޒީ އުޞޫލާއި ޚިލާފަށް ރައްޔިތުން އިންތިޙާބުކޮށްފައިވާ ކައުންސިލެއްގެ ބާރުތަކާއި އެކައުންސިލަކުން ދޭނޭ ޚިދުމަތްތައް ޤާނޫނަކުން ކަނޑައަޅައިގެން ޤާނޫނު އަސާސީ އާއި ތަޢާރުޒުވާގޮތައް ނިގުޅައިނުގަނެވޭނޭ ކަމާއި، އެގޮތަށް ނިގުޅައިގަނެވިއްޖެނަމަ އެވާނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ ސިޔާދަތު ނެތިގެންދިއުންކަމުގައި ވީހިނދު،

 

  1. "ލާމަރުކަޒީ" ނުވަތަDecentralize”  ކުރުމުގެ މަފްހޫމަކީ ވެރިކަމުގެބާރު ޖަމާވެފައިވާ ރަށުން ބޭރަށް، ރައްޔިތުންނާ ވީހާވެސްގާތަށް ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތައް ލިބިދިނުމާއި، ރައްޔިތުން ބާރުވެރިކުރުމާއި، ދާއިރާ ހިންގުމުގަ އާއި ދާއިރާގެ ތަޞައްވަރާއި ސިޔާސަތު ބިނާކުރުމުގައި ރައްޔިތުންނަށް ބައިވެރިވެވޭނޭގޮތް ހަދައިދިނުން ކަމުގައި ވީހިނދު،

 

  1. ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގައި "ލާމަރުކަޒީ އުޞޫލުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ކަންކަން، ދީމިޤްރާޠީ އަދި ޖަވާބުދާރީވަނިވި އުޞޫލުން ރައްޔިތުން އަމިއްލައަށް ނިންމުމަށް މަގުފަހިކޮށް، އިޖްތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުންނާއި، ޘަޤާފީ ގޮތުން ދިވެހިރާއްޖޭގެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ރައްޔިތުން ބާރުވެރިކޮށް، ރައްޔިތުންނާ އެންމެ ގާތުން ފުޅާ ދާއިރާއެއްގައި ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދީ، ދިވެހިރާއްޖޭގެ ރަށްރަށުގައި އަމާން ވެއްޓެއް ޤާއިމްކުރުންކަމަށް" ބަޔާންކޮށްފައި ވީހިނދު،

 

  1. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް  2015 ވަނަ އަހަރު ގެނެވުނު 3 ވަނަ އިސްލާޙުގެ ދަށުން އަހަރު ވަޒީރުންގެމަޖިލީހުގެ މަޝްވަރާގެމަތިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރެއްގެދަށުން ޤާނޫނު އަސާސީގެ 230 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ލާމަރުކަޒީ އުޞޫލާއި ޚިލާފަށް، ސިޓީ ކައުންސިލްގެ ބާރުތަކާއި ސިޓީ ކައުންސިލުންދޭ ޚިދުމަތްތައް ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެއްނެވުންތަކުން ކަނޑައެޅުއްވި ކަނޑައެޅުއްވުމާއި ގުޅިގެން، ދައުލަތެއްގެ ހައްޞިއްޔަތުން އައްޑޫ ރައްޔިތުންނަށް ޒަމާނުއްސުރެ ދެމުންގެންގޮސްފައިވާ ޚިދުމަތްތަކަށް ބުރޫއަރައި، އައްޑޫގައި ރައްކާތެރިކޮށް ދަމަހައްޓައި ކުރިއަރުވައި ބަލަހައްޓަންޖެހޭ އާސާރީ ތަންތަނާއި ގަބުރުސްތާނުތަކާއި މިސްކިތްތަކާއި، މަގުތަކާއި، ބަނދަރުތަކާއި އެހެންވެސް އެފަދަތަންތަން ނުބެލެހެއްޓި މަރާމާތުނުކުރެވި ހަލާކުވެ ނެތިފަނާވަމުންދާކަމާއި، އަދި މިކަމުގެ ސަބަބުން އައްޑޫ ރައްޔިތުންގެ އެތަކެއް ޙައްޤުތަކާއި އުއްމީދުތަކެއް ގެއްލިގެންގޮސް އޭގެ ނަތީޖާއެއްގެ ގޮތުން އައްޑޫގެ ބޮޑު އަޣުލަބިއްޔަތަކުން އެސިޔާސަތުތަކަށް ނޫނެކޭބުނެފައިވާކަމީ  ފާޅުކަންބޮޑުގޮތެއްގައި ފެންނާންއޮތް ހަޤީޤަތެއްކަން އެގިކަށަވަރުވާ ހިނދު،

 

  1. އަލަށް އިންތިޚާބް ކޮށްފައިވާ ސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައި ރައްޔިތުން ބާރުވެރި ކުރުވުމަށް ލާމަރުކަޒީ ނިޒާމް އަލުން ހަރުދަނާކޮށް މަޢުނަވީ ގޮތެއްގައި ގޮތް ނިންމުމުގެ ބާރު ކައުންސިލްތަކަށް ލިބިދެވޭނެކަމަށް ބަޔާންކުރައްވާފައިވީހިނދު،

 

ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 41 ވަނަ މާއްދާގައި ކަނޑައަޅުއްވާފައިވާ ސިޓީ ކައުންސިލްތަކުގެ ބާރުތަކާއި ހަމަ އެ ޤާނޫނުގެ 42 ވަނަ މާއްދާގައި ސިޓީ ކައުންސިލުން ދޭންޖެހޭ ޚިދުމަތްތައް ދިނުމުގެ ބާރު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ އިސްވެ ދެންނެވި މާއްދާތަކާއި ޚިލާފަށް ނިގުޅައިގަނެވިފައި އޮތްއޮތުން އެގޮތުގައި ދަމަހައްޓަމުން ދާދިއުމަކީ އައްޑޫގެ ރައްޔިތުންނާއި އެރައްޔިތުންގެ ފަރާތުން ބަސްބުނުމަށް އިންތިޚާބުކޮށްފައިވާ ކައުންސިލުން ނުހަނު ކަންބޮޑުވާ ކަމެއް ކަމުގައިވާކަމެކަމުގައިވާތީ،

 

މަތީގައި ދެންނެވިފައިވާ އެންމެހާ ކަންކަމަށް ޤާނޫނީ އަދި ޝަރުޢީ ނަޒަރަކުން ރިއާޔަތްކުރާއިރު، ޤާނޫނު ނަންބަރު 2010/7 ގެ 41 ވަނަ މާއްދާއިން ސިޓީ ކައުންސިލަށް ލިބެންޖެހޭ ބާރުތައް ނިގުޅައި ގަނެވިފައި އޮތްއޮތުމާއި، އެ ޤާނޫނުގެ 42 ވަނަ މާއްދާއިން ސިޓީ ކައުންސިލުން ދިނުމަށް ލާޒިމްކޮށްފައިވާ ޚިދުމަތްތައް ނުދެވޭގޮތައް އައްޑޫ ސިޓީގެ އިދާރީ ހިންގުން ބައްޓަންވެފައި އޮންނަ އޮތުމަކީ، ޤާނޫނު އަސާސީގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ ބާރާއި، 8 ވަނަ މާއްދާ ގައި ބަޔާންކޮށްފައިވާ ދުސްތޫރުގެ ސިޔާދަތު ތަރުތީބުވެ އިސްތިޤްރާރުވެފައިވާ ގޮތާއި ޤާނޫނުގެ ވެރިކަމާއި ކޮންސްޓިޓިއުޝަނަލް ސުޕްރެމަސީގެ މަބްދައުތަކާއި ޤާނޫނުއަސާސީގެ 299 ވަނަ މާއްދާގެ (ހ) އާއި، ޤާނޫނު އަސާސީގެ 230 ވަނަ މާއްދާގެ (ހ) އާއި، އަދި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައްލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 2 ވަނަ މާއްދާއާއި ޚިލާފަށް ހަމަޖެހިފައިވާ އުޞޫލެއްކަމުގައި ކައުންސިލުން ދެކޭތީ،

 

ޤާނޫނު އަސާސީގެ 230 ވަނަ މާއްދާގެ (ހ) ގައިވާ ލާމަރުކަޒީ އުޞޫލްތަކާއި އެއްގޮތްވާގޮތުގެމަތީން ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 41 ވަނަ މާއްދާއާއި 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ސިޓީ ކައުންސިލްގެ ބާރުތަކާއި ސިޓީ ކައުންސިލުން ދޭންޖެހޭ ޚިދުމަތްތައް ދެވޭނެ ގޮތަކަށް ސަރުކާރުގެ އިދާރީ ހިންގުން ހަމަޖައްސަވައި ދެއްވުމަށް ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާއަށް އައްޑޫ ރައްޔިތުންގެ ފަރާތުން ނުހަނު އިޚްލާޞްތެރި ކަމާއެކު އިލްތިމާސްކޮށް އަދި ޤާނޫނު ނަންބަރު 2010/7 ގެ 56 ވަނަ މާއްދާއަށް ޤާނޫނު އަސާސީގެ 230 ވަނަ މާއްދާގެ (ހ) އާއި ޚިލާފަށް ގެނެސްފައިވާ އިޞްލާޙު ބާޠިލްކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އިލްތިމާސްކޮށް މިގޮތުގެމަތިން މި ޤަރާރު އައްޑޫސިޓީ ކައުންސިލުން ފާސްކުރުމަށް ކައުންސިލްގެ 03 ވަނަ ދައުރުގެ 10 ވަނަ ކުއްލި ޖަލްސާއިން މި ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ނިންމާފައިވާތީ،

 

މީލާދީ ސަނަތުން ދެހާސް އަށާރަ ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަސް (05 ޑިސެމްބަރ 2018) ވަނަ ދުވަހު ބޭއްވުނު އައްޑޫ ސިޓީ ކައުންސިލްގެ 03 ވަނަ ދައުރުގެ 10 ވަނަ ކުއްލި ޖަލްސާގައި(2018 ވަނަ އަހަރުގެ 04 ވަނަ ކުއްލި ޖަލްސާގައި) ބައިވެރިވި އަޅުގަނޑުމެން، މިޤޮތުގެމަތިން އިޤުރާރުވެ، މިލިޔުމުގައި އަޅުގަނޑުމެންގެ ޤާނޫނީ ސިއްކަ އޮބައި ސޮއިކޮށް މިޤަރާރު ފާސްކުރީމެވެ.

 

ފަހެ، މިޤަރާރު އުވާލުމަށް ބޭނުންވެއްޖެ ހިދެއްގައި މިޤަރާރު އުވާލެވޭނީ، މިޤަރާރު ބާތިލުކުރުމަށް ކައުންސިލްގެ ރަސްމީ ޖަލްސާއެއްގައި މުޅި ކައުންސިލްގެ އިއްތިފާޤުން ފާސްވެގެން ކަމުގައި ވެސް އެކަށައަޅައިފީމުއެވެ.

 

وَصَلَّى اللهُ وَسَلّمَ عَلَى سّيّدِناَ مٌحَمَدٍ، وَعَلَى آلِهِ وَصَحْبِهِ أَجْمَعِيْن، وَالْحَمْدٌ للهِ رَبِّ الْعَالَمِين.

 

 
ބާވަތް: ޤަރާރު

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA/(Garaar)2018/04

ތާރީޚް: 5 ޑިސެމްބަރ 2018