އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ދީނީގޮތުން ހައްދުފަހަނަޅާފައިވާ ޖަމާޢަތްތަކުން ހިންގާ ޢަމަލުތައް ހުޓުވުމަށް ބާރުއެޅުމުގެގޮތުން ނެރޭ ޤަރާރު

21 ނޮވެމްބަރ 2019     


ދިވެހިރާއްޖޭގައި ދީނީގޮތުން ހައްދުފަހަނަޅާފައިވާ ޖަމާޢަތްތަކުން ހިންގާ ޢަމަލުތައް ހުޓުވުމަށް ބާރުއެޅުމުގެގޮތުން އައްޑޫ ސިޓީ ކައުންސިލުން ނެރޭ ޤަރާރު

 

بسم  الله الرحمن الرحيم

حمدًا لله وصلاةً وسلاماً على النبيّ المختار والرحمة المهداة والسراج المنير:

               މިޤަރާރު ފެނި ދެކި ކިޔާ ބަލާ ކޮންމެ މީހަކަށް އަޅުގަނޑުމެން ވެދުމާއި ސަލާމް ރައްދުކުރަމެވެ.

 

މި ގަރާރަކީ ދިވެހިރާއްޖޭގައި ދީނީގޮތުން ހައްދު ފަހަނަޅާފައިވާ ޖަމްޢިއްޔާ ޖަމާއަތްތަކުން ރާވާގެން ހިންގާ ޓެރަރިޒަމްގެ ޢަމަލުތައް  ކުށްވެރިކޮށް އެކަން ހުއްޓުވުމަށް ބާރުއެޅުމުގެ ގޮތުން ނެރޭ ޤަރާރެކެވެ.

 

ދިވެހިރާއްޖޭގައި ހިންގާ ދީނީގޮތުން ހައްދު ފަހަނަޅާފައިވާ ޖަމްޢިއްޔާ ޖަމާޢަތްތަކުން ރާއްޖޭގައި މީހުންމެރުމާއި މީހުން ގެއްލުވާލުން ފަދަ ޓެރަރިޒަމްގެ ޢަމަލުތައް ހިންގުމާއި އަދި ރާއްޖެއިން ބޭރުގައި ހިންގާ ހަނގުރާމާތަކުގައި ދިވެހިން ބައިވެރިކުރަމުން ގެންދާކަން ވަނީ ފާހަގަކުރެވިފައެވެ.

 

ފަހަކަށްއައިސް ރާއްޖޭގައި ހިންގި އެންމެ ނުރައްކާތެރި، އެންމެ ރަހުމުކުޑަ އަދި އެންމެ ބިރުވެރި ޓެރަރިޒަމްގެ ޢަމަލަކީ ދީނީ ޢިލްމުވެރިޔާ ޑޮކަޓަރ އަފްރާޝީމް ޢަލީ ޝަހީދުކޮށްލުން ކަމަށް "މަރާލާފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤުކުރާ ކޮމިޝަން" އިން 07 ނޮވެމްބަރު 2019 ގައި ނެރުއްވި ރިޕޯޓުގައި ވެއެވެ. އެ ރިޕޯޓުގައިވާގޮތުން ދުނިޔޭގެ ފެންވަރުގައި އޮޕަރޭޓްކުރާ ޓެރަރިސްޓް ޖަމާޢަތްތަކާއި އެ ޖަމާޢަތްތަކުގެ ގޮފިތަކާއި، އޭޖެންޓުން  ދިވެހިރާއްޖޭގައި ހަރަކާތްތެރިވަމުން ދެއެވެ. މިފަދަ ޖަމާޢަތްތަކުގެ މީހުން ދިވެހިރާއްޖޭގައި ހަރަކާތްތެރިވެ މިފަދަ ނޭއްގާނީ އަމަލުތައް ހިންގަމުން ދިއުމަކީ ޤައުމުގެ ހާލަތު ނުބައި ފަތްތަރަކަށް ވެއްޓިދާނެ ކަމުގެ ބިރުއޮތް ކަމެއްކަމަށްވެސް އެ ރިޕޯޓުގައި ވެއެވެ. އަދި މިފަދަ ޖަމާއަތްތަކަށް ވާގިވެރިވާ ފަރާތްތަކުން ނޫސްވެރިން ކަމުގައިވާ އަޙްމަދު ރިޟްވާން ޢަބްދުﷲ އާއި ޔާމީން ރަޝީދު ވެސް ރަހުމުކުޑަ ގޮތަކަށް މަރާލާފައިވާކަމަށް ތަޙްޤީޤުތަކުން އެގެއެވެ.

 

ވީމާ، މިފަދަ އިންސާނިއްޔަތާއި ޚިލާފު ޢަމަލު ހިންގާ ޖަމާޢަތްތަކާއި ޖަމިއްޔަތަކާއި އަމިއްލަ ފަރުދުންނަށް ދިވެހިރާއްޖޭގައި ހަރަކާތްތެރިވުމުގެ ފުރުޞަތު ބަންދުކޮށް މިފަދަ ފަރާތްތަކަށް ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ދެވެންއޮތް އަދަބު ދިނުމަށާއި، މިފަދަ ހަރަކާތްތަކާއި، އެކަންކަމަށް ހިތްވަރު ލިބޭގޮތަށް މަސައްކަތްކުރާ އެންމެހާ ފަރާތްތައް ހުއްޓުވުމަށް އެޅެންއޮތް ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އެންމެހައި މުއައްސަސާތަކަށް ގޮވާލައި،  

 

މީލާދީ ސަނަތުން ދެހާސް ނަވާރަ ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު އަޅުގަނޑުމެން، މިޤޮތުގެމަތިން އިޤުރާރުވެ، މިލިޔުމުގައި އަޅުގަނޑުމެންގެ ޤާނޫނީ ސިއްކަ އޮބައި ސޮއިކޮށް މިޤަރާރު ފާސްކުރީމެވެ.

 

وَصَلَّى اللهُ وَسَلّمَ عَلَى سّيّدِناَ مٌحَمَدٍ، وَعَلَى آلِهِ وَصَحْبِهِ أَجْمَعِيْن، وَالْحَمْدٌ للهِ رَبِّ الْعَالَمِين.

 




ބާވަތް: ޤަރާރު

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(Garaar)2019/07

ތާރީޚް: 21 ނޮވެމްބަރ 2019