އައްޑޫސިޓީ ކައުންސިލްގެ އިދާރާ

"މިޔަންމާގެ ރޮހިންގާ ދަރިކޮޅު" މުސްލިމުންނަށް ދެމުން ގެންދާ ލާއިންސާނީ ޢަމަލު ކުއްވެރިކޮށް، އެބައިމީހުންގެ ޙައްޤުތައް ޙިމާޔަތް ކުރުމަށް ގޮވާލުން

5 ސެޕްޓެމްބަރ 2017     


ކައުންސިލްގެ ޤަރާރު


"މިޔަންމާގެ ރޮހިންގާ ދަރިކޮޅު" މުސްލިމުންގެ އިންސާނީ ޙައްޤުތައް ނަގާލާ،އެ ޤައުމުގައި ދެމުން ގެންދާ ލާއިންސާނީ ޢަމަލުކުއްވެރިކޮށް،އެބައިމީހުންގެ އިންސާނީ ޙައްޤުތައް ޙިމާޔަތް ކުރުމަށް ގޮވާލުން.

بسم  الله الرحمن الرحيم

حمدًا الله وصلاةً وسلاماً على النبيّ المختار والرحمة المهداة والسراج المنير:

މިޤަރާރު ފެނި ދެކި ކިޔާ ބަލާ ކޮންމެ މީހަކަށް އަޅުގަނޑުމެންގެ ވެދުމާއި ސަލާމް ރައްދުކުރަމެވެ.

އިސްލާމީ މުޅި އުއްމަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ހިތްދަތި ކަމަކަށް މިއަދު ވެފައި މި ވަނީ  "މިޔަންމާގެ ރޮހިންގާ ދަރިކޮޅު" މުސްލިމުންގެ ޙައްޤުތައް ނަގާލާ، އެ ޤައުމުގައި ދެމުން ގެންދާ ލާއިންސާނީ ޢަމަލުތަކެވެ. މުސްލިމުން ޤަތުލުކޮށް ގުނަވަންތައް ބުރިކޮށްލާ އަންދާލާ، އެބައިމީހުން އަމިއްލައަށް ވީޑިއޯ ނަގާ މުޅި ދުނިޔެއަށް ދަނީ ފަތުރަމުންނެވެ. އިންސާނީ ޙައްޤުތައް ޙިމާޔަތް ކުރުމަށް ވަކާލާތު ކުރައްވައި، ނޯބަލް ޕީސް ޕްރައިޒް ލިބިވަޑައިގެންފައިވާ ވެރިޔެއްގެ ގޮތުގައި އެ ޤައުމުގެ ލީޑަރ އަން ސަން ސޫޗީ ހުންނަވައި، ރޮހިންގާ މުސްލިމުންނާއި ދޭތެރޭ މިފަދަ ލާއިންސާނީ ޢަމަލުތައް ހިންގުމަކީ އައްޑޫސިޓީ ކައުންސިލުން ނިހާޔަތަށް ހިތާމަ ކުރާ ކަމެކެވެ. މިކަން އައްޑޫސިޓީ ކައުންސިލުން އެންމެ ހަރުކަށި ޢިބާރާތުން ކުއްވެރި ކުރަމެވެ. މިލިއަނަކަށްވުރެ ގިނަ މުސްލިމުން ހިމެނޭ އާބާދީއެއްގައި، މިފަދަ ބޮޑު ޤަތުލު ޢާއްމެއް ހިންގާ އެތައް ހާސް މުސްލިމުން އެކަމުގައި ނެތި ފަނާވެ ދިއުމަކީ، އައްޑޫ ރައްޔިތުން ވަރަށް ކަންބޮޑުވެ ހިތާމަކުރާ ކަމެކެވެ. މިފަދަ ލާއިންސާނީ އަނިޔާވެރި ޢަމަލުތައް މިހާރުން މިހާރަށް ހުއްޓާލުމަށް މިޔަންމާގެ ވެރިންނަށް ހަރު އަޑުން ގޮވާލަމެވެ. އަދި "މިޔަންމާގެ ރޮހިންގާ ދަރިކޮޅު" މުސްލިމުންގެ އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ދިނުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އަޅުއްވައި ދެއްވުމަށް އދ. އަށާއި ދުނިޔޭގެ އެންމެހާ ޤައުމުތަކަށް އިލްތިމާސް ކުރަމެވެ.

މާތް ﷲ "މިޔަންމާގެ ރޮހިންގާ ދަރިކޮޅު" މުސްލިމުންނަށް ދިމާވެފައިވާ މި ނިކަމެތި ޙާލުން އެ ޤައުމުގެ މުސްލިމުން ސަލާމަތް ކުރާއްވާށިއެވެ. އެބައިމީހުންގެ އިންސާނީ ޙައްޤުތައް ސަލާމަތް ކުރައްވާނެ ގޮތްތައް މިންވަރު ކުރައްވާށިއެވެ. ދުޝްމަނުންގެ ހިތްތައް ފިނިކުރައްވައި ހެޔޮ ވިސްނުންދެއްވާށިއެވެ. އާމީން.

އައްޑޫސިޓީ ކައުންސިލްގެ ތިންވަނަ ދައުރުގެ 14 ވަނަ މަޖިލީހުގައި ބައިވެރިވެ، މި ޤަރާރުގައި ޤާނޫނީ ސިއްކަ އޮބައި ސޮއިކޮށް، އަޅުގަނޑުމެން މި ޤަރާރު ނެރެމެވެ. އަޅުގަނޑުމެން މި ގޮވާލަނީ "މިޔަންމާގެ ރޮހިންގާ ދަރިކޮޅު" މުސްލިމުންނަށް ދިމާވެފައިވާ މި ނިކަމެތި ޙާލުން އެ ޤައުމުގެ މުސްލިމުން ސަލާމަތް ކޮށް، "މިޔަންމާގެ ރޮހިންގާ ދަރިކޮޅު" މުސްލިމުންނަށް ޙިމާޔަތް ހޯދައި ދިނުމަށެވެ.

وَصَلَّى اللهُ وَسَلّمَ عَلَى سّيّدِناَ مٌحَمَدٍ، وَعَلَى آلِهِ وَصَحْبِهِ أَجْمَعِيْن، وَالْحَمْدٌ للهِ رَبِّ الْعَالَمِين.
ބާވަތް: ޤަރާރު

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA/(Garaar)2017/013

ތާރީޚް: 5 ސެޕްޓެމްބަރ 2017