އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ކައުންސިލްގެ މުވައްޒަފުންގެ ވެލްފެއަރ ފަންޑް އުފައްދައިފި

29 ނޮވެމްބަރ 2017     6 years ago


އައްޑޫސިޓީ ކައުންސިލްގެ މުވައްޒަފުންގެ ވެލްފެއަރ ފަންޑް އުފައްދައިފި

އައްޑޫސިޓީ ކައުންސިލްގެ ވެލްފެއަރ އެންޑް ރެކްރިއޭޝަން ކްލަބުގެ ފަރާތުން ކައުންސިލް އިދާރާގެ މުވައްޒަފުންނަށް ވެލްފެއަރ ފަންޑެއް މިއަދު ހުޅުވުމާއި ގުޅިގެން އެފަންޑަށް ކައުންސިލުން އެއްލައްކަ ރުފިޔާ ދެއްވައިފިއެވެ.

މި ފަންޑަކީ މުވައްޒަފުންނަށް ދިމާވާ އެކި އެކި ކަންކަމުގައި އެހީވުމުގެ ގޮތުން ފަންޑަށް ޖަމާކުރެވޭ ފައިސާއިން ލޯނުގެ ގޮތުގައި އެހީ ދިނުމަށް ހުޅުވި ފަންޑެކެވެ. މިފަންޑުން ލޯނުގެ ގޮތުގައި މުވައްޒަފުން ނަގާ މިންވަރަށްވުރެ އިތުރަށް ލޯނުގެ ފައިސާ އަނބުރާ ދައްކާކަށް ނުޖެހޭނެއެވެ. އަދި ނަގާ ލޯނު އެއްމަސްދުވަހުގެ ގްރޭސް ޕީރިއަޑް ނުހިމަނައި ދެ އަހަރަށް ވުރެ އިތުރު ނުވާނެހެން ބަހާލައިގެން މުވައްޒަފުގެ މަހު މުސާރައިން ކަނޑާ ގޮތަށް ފައިސާ އަނބުރާ ދައްކަންޖެހެއެވެ.

އައްޑޫސިޓީ ކައުންސިލް ވެލްފައަރ ފަންޑުގައި ބައިވެރިވެވޭނީ ރެކްރިއޭޝަން ކްލަބުގެ މެމްބަރުންނަށެވެ. އަދި ފަންޑުގައި ބައިވެރިވުމަށް އެދޭ ކޮންމެ މުވައްޒަފަކު އެއްހާސް ރުފިޔާ ފަންޑަށް ޖަމާކުރަން ޖެހެއެވެ. މިޖަމާކުރާ ފައިސާ އެއްއަހަރަށް ވުރެ އިތުރުނުވާ ގޮތަށް ބަހާލައިގެން ދައްކިދާނެއެވެ.

މިފަންޑުން މުވައްޒަފުން ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ބޭސް ފަރުވާގެ ކަންކަމަށާއި ކޮންމެހެން ކުރަންޖެހިދާނެ ޒަރޫރީ ބޭނުންތަކަށެވެ. އެއީ، މުވައްޒަފު ނޫނީ އެމުވައްޒަފަކު ޒިންމާ އުފުލަންޖެހޭ ފަރާތެއްގެ ބޭސްފަރުވާއަށް، ނުވަތަ ގުދުރަތީ ގޮތުން ނޫނީ އެނޫންވެސް ގޮތަކުން ގެދޮރަށް ދިމާވާ ގެއްލުމަކަށް ނުވަތަ ތަޢުލީމު ޙާސިލްކުރަމުންދާ ކޯހުގެ ފީ ދެއްކުމުގައި ދަތިތަކާ ކުރިމަތިވުންފަދަ ކަމެއް ދިމާވުމުންނެވެ.

ރެކްރިއޭޝަން ކްލަބުން މިއަދު އުފެއްދި ވެލްފެއަރ ފަންޑުގައި ބައިވެރިވާ މުވައްޒަފުންގެ އަދަދު ސަތޭކައަށްވުރެ އިތުރު ވެއްޖެނަމަ އިތުރަށް ބައިވެރިވާ ކޮންމެ މުވައްޒަފަކާއެކު ކައުންސިލްގެ ފަރާތުން ފަންޑަށް އެއްހާސް ރުފިޔާ ޖަމާކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.