އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ދެކުނުގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އުފެއްދި ޖަމްޢިއްޔާ އެޓާގެ ހިންގާ ކޮމިޓީގެ އިންތިޚާބު ބާއްވައިފި

20 ފެބުރުއަރީ 2018     4 months ago


ދެކުނުގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އުފެއްދި ޖަމްޢިއްޔާ އެޓާގެ ހިންގާ ކޮމިޓީގެ އިންތިޚާބު ބާއްވައިފި

17 ފެބްރުވަރީ

އިކުއެޓޯރިއަލް ޓްރެވަލް އެންޑް ޓޫރިޒަމް އެސޯސިއޭޝަން(އެޓާ) ގެ ހިންގާ ކޮމިޓީ އަށް މެމްބަރުން އިންތިޚާބުކުރުމުގެ ބައްދަލުވުން މިއަދު އީކުއޭޓަރވިލެޖްގައި ބާއްވައިފިއެވެ.

އައްޑުއަށް ނިސްބަތްވާ ބޭފުޅުންކޮޅެއްގެ އިސްނެންގެވުމުގެ މަތިން އުފެއްދި ޖަމްޢިއްޔާ، އެޓާ ގެ ހިންގާ ކޮމިޓީގެ 7 މަގާމަށް މެމްބަރުން މިއަދުގެ ބައްދަލުވުމުގައި ވަނީ އިންތިޚާބުކޮށްފައެވެ.

މިއަހަރުގެ ޖަނަވަރީ މަހު ރަޖީސްޓަރީ ކުރި މި ޖަމްއިއްޔާގެ ފުރަތަމަ ރައީސްގެ މަގާމަށް އިންތިޚާބުކޮށްފައިވަނީ ސ. ފޭދޫ މޫންލައިޓް މުހައްމަދު ވަހީދެވެ. ވަހީދަކީ ޓޫރިޒަމްގެ ދާއިރާގައި ދިގުމުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އަދި މިހާރުވެސް އެ ދާއިރާގެ ޚިދުމަތުގައި ހުންނެވި ބޭފުޅެކެވެ. ވަހީދަކީ މިހާރު އީކުއޭޓަރ ވިލެޖްގެ ރިސޯޓް މެނޭޖަރެވެ.

އެޓާގެ ނާއިބް ރައީސަކަށް ހޮވުނީ، ސ. މަރަދޫ ހަޒާރުގޭ ޢަބްދުﷲ ޠައްޔިބެވެ. ކުރީގެ އައްޑޫސިޓީގެ ޑެޕިއުޓީ މޭޔަރ، ޠައްޔިބަކީ ޓޫރިޒަމް ދާއިރާގެ ތަޖުރިބާ ހުންނެވި އަދި މިހާރު ޑައިވިންގެ މަސައްކަތާއި ގެސްޓްހައުސްގެ ވިޔަފާރި ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަމީންއާއްމުގެ މަގާމަށް ހޮވުނީ ސ. ހިތަދޫ ސައްކެޔޮގަސްދޮށުގެ މިސްބާހު އަހުމަދު ނަޒީރެވެ. މިސްބާހަކީ، އައްޑޫގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ ގޮތުން މިހާރުވެސް އެކިއެކި މަސައްކަތް ކުރައްވަމުން ގެންދަވާ ފަރާތެކެވެ. އަމީންއާއްމުގެ ނާއިބަކަށް ހޮވުނީ ސ. ހިތަދޫ ސޯސަންގޭ މަރިޔަމް ގާސިމެވެ. މަރިޔަމް އަކީ، ތޫރިޒަމްގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. ޓުރިޒަމް މިނިސްޓްރީގެ ޕޮލިސީ ލެވެލްގެ މަސައްކަތް ކުރައްވާފައިވާ މިދާއިރާގެ ހިންގުމުގެ ތަޖުރިބާ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އިންތިޒާމް ސެކްރެޓެރީގެ މަގާމަށް ހޮވުނީ، ސ. ހުޅުދޫ ހިރިމހަމާދިގޭމޫސާހަނީފެވެ. މޫސާއަކީ މި ދާއިރާގެ ވަރަށް ގިނަ ތަޖުރިބާ ހާސިލްކުރައްވާފައިވާ އަދި މިހާރު ގެސްޓްހައުސްގެ ވިޔަފާރިވެސް ފަށްޓަވާފައިވާ ފަރާތެކެވެ. ޚަޒާންދާރުގެ މަގާމަށް ހޮވުނީ ސ. ހިތަދޫ ބިލެރުމާގޭ އަހުމަދު ނަދީމެވެ. ޖަމްއިއްޔާތައް ހިންގުމުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ނަދީމަކީ މިހާރު ދިރާގުގެ ސަދަން އޮޕަރޭޝަންގެ މެނޭޖަރެވެ. އެޑްމިން ސެކްރެޓެރީގެ މަގަމަށް ހޮވުނީ ސ. މީދޫ ރެސިޑެންސް އިބްރާހީމް ޝާޒިމެވެ. ޝާޒިމަކީ ރާއްޖޭގެ މަތީފެންވަރުގެ ރިޒޯތްތަކުގެ އިސްމާގާމުތަކެއް ފުރުއްވާފައިވާ އަދި މިހާރު ކެނަރީފް ރިސޯޓްގެ މާކެޓިންގމެނޭޖަރެވެ.

މިއަދުގެ ބައްދަލުވުމުގައި ޖަމްއިއްޔާގެ ރައީސް އިންތިޚާބު ކުރެވެންދެން ރިޔާސަތު ބެލެހެއްޓެވީ ޖަމްއިއްޔާގެ މުސްތަޝާރުގެ ހައިސިއްޔަތުން އައްޑުސިޓީގެ މޭޔަރ އަބްދުﷲ ސާދިޤެވެ. ބައްދަލުވުން ފަށްޓަވައިދެއްވަމުން މޭޔަރ ދެއްކެވި ވާހަކަފުޅުގައި އެޓާ އުފެއްދި މަގްސަދު ހާސިލް ކުރުމަށް އިންތިޚާބުކުރެވޭ ހިންގާކޮމިޓީން މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގަތެވެ.  

އެޓާގެ ރައީސް މުހައްމަދު ވަހީދު ދެއްކެވި ވާހަކައިގައި ވިދާޅުވީ، މީ ވަރަށް އުފާވެރި ދުވަހެއް ކަމަށާއި، އައްޑޫގެ ޓޫރިޒަމް ތަރައްޤިކުރުމުގެ އާބާބެއް ފެށިގެން ދިޔައީކަމުގައެވެ. އެޓާގެ ހިންގާ ކޮމިޓީއަށް ހޮވުނު މެމްބަރުން ގެ އެހީތެރިކަމާއި އަދި ލިބިފައިވާ ތަޖުރިބާގެ އަލީގައި މި ޖަމްއިއްޔާގެ ހަގިގީ މަގްސަދު ހާސިލްކުރުމަށް މަސައްކަތްކުރައްވާނެ ކަމުގައެވެ.