އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އެޓާއިން ކޮލޮމްބޯއަށާއި ޗެންނާއީއަށް ފުރައިފި

26 ފެބުރުއަރީ 2018     3 months ago


އައްޑޫގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އެޓާއިން ކޮލޮމްބޯއަށާއި ޗެންނާއީއަށް ފުރައިފި

އައްޑޫގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ކުރިއެރުވުމުގެ މަޤްސަދުގައި މިމަހުގެ 27 ން 28 އަށް ސްރީލަންކާގެ ކޮލޮމްބޯ އަދި އިންޑިއާގެ ޗެންނާއީގައި ބާއްވާ ރޯޑްޝޯއެއްގައި ބައިވެރިވުމަށް، އިކުއިޓޯރިއަލް ޓްރެވެލް އެންޑް ޓޫރިޒަމް އެސޯސިއޭޝަން(އެޓާ)އިން މިއަދު ފުރައިފިއެވެ.

މިދަތުރުގައި އެޓާއާއެކު، އައްޑޫގައި ޤާއިމް ވެފައިވާ ރިސޯޓް އަދި ގެސްޓްހައުސް ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރެއިން 18 ފަރާތަކާއި، ސްރީލަންކަން އެއަރލައިންސް އަދި އައްޑޫސިޓީ ކައުންސިލްގެ ފަރާތުން ބައިވެރިވެލައްވައެވެ.

'ސަދަން މޯލްޑިވްސް ރޯޑްޝޯ' ގެ ނަމުގައި އިންޑިއާ އަދި ސްރީލަންކާގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިރޯޑްޝޯގައި ކޮލޮމްބޯއިން 40 ޓްރެވެލް އެޖެންޓުންނާއި، ޗެންނާއީއިން 100 ޓްރެވެލް އެޖެންޓުން ބައިވެރިވުމަށްވަނީ ހަމަޖެހިފައެވެ.

މިރޯޑްޝޯއަކީ އެޓާގެ ފަރާތުން އައްޑޫގެ ފަތުރުވެރިކަން ކުރިއެރުވުމުގައި އިންޑިއާ އަދި ސްރީލަންކާގެ ފަތުރުވެރިންނަށް އަމާޒުކޮށްގެން ބާއްވާ ރޯޑްޝޯއެކެވެ. މިއީ ރާއްޖޭގެ ދެކުނުގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ކުރިއެރުވުމާއި، ފަތުރުވެރިކަމުގެ މަސައްކަތްކުރާ ފަރާތްތަކަށް އެކަން ކުރެވޭނެ މާޙައުލެއް ޤާއިމްކުރުމަށާއި، ފަތުރުވެރިކަމުގެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް ހުރި ފުރުޞަތުތައް ހޯދައިދީ، ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި މަސައްކަތްތެރިން އުފައްދައި އެކި ދާއިރާތަކުން ބޭނުންވާ ތަޢުލީމާއި ތަމްރީން ހޯދައިދިނުމުގެ ގޮތުން އެޓާއިން ކުރާ މަސައްކަތުގެ ތެރެއިން ހިންގާ ހަރަކާތެކެވެ.

އައްޑޫގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ތެރެއިން މިދިއަ ޖަނަވަރީ މަހުގެ 18 އިން 20 އަށް އިންޑިއާގެ މުމްބާއީގައި ކުރިއަށްދިއަ އޯޓީއެމް ފެއަރ ގައިވެސް އައްޑޫސިޓީން ވަނީ ބައިވެރިވެފައެވެ.

އެޓާއިން އިންޑިއާ އަދި ސްރީލަންކާގައި އައްޑޫގެ ފަތުވެރިކަން އިޝްތިހާރު ކުރުމަށް މިހާރު މަސައްކަތްކުރަމުންދާއިރު، އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ނިސްބަތް ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑުތަން އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. މިގޮތުން 2012 ވަނަ އަހަރު އިންޑިއާއިން ރާއްޖެއަށް 31،721 ފަތުވެރިން ޒިޔާރަތްކުރިއިރު، 2017 ވަނަ އަހަރު މިއަދަދު ވަނީ 153،391 އަށް އަރާފައެވެ. އަދި ވަކިން ހާއްސަކޮށް މިދިއަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖެއައި ފަތުރުވެރިންގެ ނިސްބަތް އާދަޔާ ޚިލާފަށް ބޮޑުކަން ފާހަގަކުރެވެއެވެ.