އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައިރަނާސްއިން ބާއްވާ 'އައްޑޫ މެރަތަން 2018' ގެ މަޢުލޫމާތު ކައުންސިލާ ހިއްސާކޮށްފި

7 މާރޗް 2018     11 months ago


އައިރަނާސްއިން ބާއްވާ 'އައްޑޫ މެރަތަން 2018' ގެ މަޢުލޫމާތު ކައުންސިލާ ހިއްސާކޮށްފި

އައިރަނާސްގެ ފަރާތުން 'އައްޑޫ މެރަތަން' ގެ ނަމުގައި ކޮންމެ އަހަރަކުވެސް ބާއްވަމުންގެންދާ ދުވުން، މިއަހަރު ބޭއްވުމަށް ރޭވިފައިވާ ގޮތުގެ މަޢުލޫމާތު ކައުންސިލާ ހިއްސާކޮށްފިއެވެ.

މިއަދު ކައުންސިލާއެކު ބޭއްވުނު ބައްދަލުވުމުގައި މަޢުލޫމާތު ދެމުން އައިރަނާސްގެ ފައުޑަރ މެމްބަރ ހުސައިން ޝުޖާއު، ބުނި ގޮތުގައި މިފަހަރުގެ ދުވުން ރޭވިފައިވަނީ ދިވެހިވަންތަ އަދި ދިވެހިންގެ ސަޤާފަތާއި ގުޅޭ ފަދަ ގޮތަކަށް ކަމަށެވެ. އެގޮތުން އާންމުކޮށް ދުވުންތައް އިންތިޒާމު ކުރާއިރު ދުވުންތެރިންނަށް ރެޑްބުލް ފަދަ އެނާރޖީ ޑްރިންކްސް ދިން ކަމުގައިވިޔަސް، މިފަހަރު އެ އާދަ ބަދަލުކޮށް އެނަރޖީ ޑްރިންކްސްގެ ބަދަލުގައި ކުރުނބާ ދިނުމަށް ރާވާފައިވާ ކަމެށެވެ. އަދި ދުވުންތެރިންގެ ބިބުންވެސް ދިވެހި ސަޤާފަތް ރަމްޒުކޮށްދޭފަދަ ގޮތަކަށް ޑިޒައިން ކުރަމުންދާ ކަމަށެވެ.

މެރަތަންއާއި ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަމުން ޝުޖާއު ބުނި ގޮތުގައި މިފަހަރުގެ ދުވުމުގައި ދިވެހިންގެ އިތުރުން ބޭރުންވެސް ބައެއް ދުވުންތެރިން ބައިވެރިކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް އާންމުކޮށް ހުޅުވާލުމުގެ ބަދަލުގައި ބޭރުގެ ދުވުންތެރިން ގެނައުމަށް ހަމަޖެހިފައިވަނީ ވަކި ވަކިން ދަޢުވަތު ދީގެންނެވެ.

އައްޑޫ މެރަތަން 2018، މިއަހަރުގެ ޖޫން މަހުގެ 29 ވަނަ ދުވަހު ބޭއްވުމަށް ރޭވިފައިވާއިރު، އާލީ ބާރޑް ރެޖިސްޓްރޭޝަން މާރޗް މަހުގެ 8 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހާ ހަމަޔަށް ހުޅުވިގެންދާނެއެވެ. އަދި އެމުއްދަތުގެ ފަހުންވެސް އެޕްރީލް 12 ވަނަ ދުވަހާ ހަމަޔަށް ލޭޓް ރެޖިސްޓްރީގެ ގޮތުގައި ރަޖިސްޓަރ ކުރެވޭނެއެވެ.

އައިރަނާސްއިން މަޢުލޫމާތު ދިން ގޮތުގައި، އައްޑޫ މެރަތަން ޖޫން މަހުގައި ބޭއްވުމަށް ހަމަޖެހިފައިވީ ކަމުގައިވިޔަސް، އެޕްރީލް މަހު ރަޖިސްޓްރޭޝަން ބަންދު ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ މިއިވެންޓަށް ތައްޔާރުވުމަށް ދުވުންތެރިންނަށް އެކަށީގެންވާ މުއްދަތެއް ދިނުމާއެކު، އިވެންޓް ފުރިހަމަ ގޮތެއްގައި ރޭވުމަށް އެކަށީގެންވާ ވަގުތު ހޯދުމަށްކަމެށެވެ.

އައްޑޫ މެރެތަން ބޭއްވުމުގެ ކުރިން އެކަމަށް ދުވުންތެރިން ތައްޔާރުވުމަށް އެހީއެއްގެ ގޮތުން އިތުރު ބައެއް ކުދި އިވެންޓްތައްވެސް ކުރިއަށްހުރި ދުވަސްތަކުގައި ބާއްވާނެއެވެ. މިގޮތުން އައްޑޫ 5ކޭ، ހުޅުމީދޫ ރަން، އެކްސްޕްލޯ ކޯއްޓޭ ރަން އަދި ކުޑަކުދިންގެ ހަވީރު ފަދަ އިވެންޓްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ދިރިއުޅުން ބައްޓަން ކުރާނެ ގޮތުގެ މަޢުލޫމާތު ސެޝަންތަކެއްވެސް ވަނީ ކުރިއަށް ރޭވިފައެވެ.

މިފަހަރުގެ މެރެތަންގައި 4 ކެޓަގަރީއަކުން ދުވުންތެރިންނަށް ވާދަކުރެވޭނެއެވެ. އެއީ 5 ކިލޯމީޓަރ، 10 ކިލޯމީޓަރ، 21 ކިލޯމީޓަރ އަދި 42 ކިލޯމީޓަރ ގެ ދުވުމުވެ. މިއިން ކޮންމެ ކެޓަގަރީ އަކުންވެސް އަންހެން އަދި ފިރިހެން ދުވުންތެރިން ވަކިން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވުމަށްވަނީ ހަމަޖެހިފައެވެ. އަދި އެއްވަނައަށްދާ ފަރާތްތަކަށް -/7500 ރުފިޔާ، ދެވަނައަށްދާ ފަރާތްތަކަށް -/3750 ރުފިޔާ އަދި ތިންވަނައަށްދާ ފަރާތްތަކަށް -/2500 ރުފިޔާ އިނާމެއްގެ ގޮތުގައި ދިނުމަށް ވަނީ ކަނޑައެޅިފައެވެ.