އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލްގެ އިދާރާގެ މުވައްޒަފުންނަށް 'މޯޓިވޭޝަން" ތަމްރީނު ޕްރޮގްރާމެއް

15 މާރޗް 2018     7 months ago


ކައުންސިލްގެ އިދާރާގެ މުވައްޒަފުންނަށް 'މޯޓިވޭޝަން" ތަމްރީނު ޕްރޮގްރާމެއް

އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ޖީއެސް އަދި އެމްއެސް ލެވެލްގެ 25 މުވައްޒަފުން ބައިވެރިކޮށްގެން ހިންގާ 'މޯޓިވޭޝަން' ތަމްރީނު ޕްރޮގްރާމު ފެށިގެން ކުރިއަށް އެބަދެއެވެ.

6 ގަޑިއިރުގެ މިތަމްރީނު ޕްރޮގްރާމުގައި މުވައްޒަފުންނަށް މަސައްކަތުގެ މާޙައުލުގައި ދިމާވާ ކަންތައްތައް ހައްލުކުރުމުގައި ތިމާގެ ނަފްސަށް ހިތްވަރުލިބިގަންނާނެ ގޮތްތަކާއި، ދިމާވާ ކަންކަމާއި ކުރިމަތިލުމުގައި ގެންގުޅެންވީ ރަނގަޅު ގޮތްތައް ދަސްކޮށްދެވޭނެއެވެ.

މި ތަމްރީން ޕްރޮގްރާމުގައި އުނގަންނައިދެއްވަނީ ނެޝަނަލް ޑްރަގް އެޖެންސީގެ ހިތަދޫ ކޮމިއުނިޓީ ސަރވިސް ސެންޓަރ ގެ އެސިސްޓެންޓް ޑިރެކްޓަރ އާފިޔާ އަބްދުލް ހާދީއެވެ. އާފިޔާ ވަނީ މިދިޔަ އަހަރުވެސް ކައުންސިލްގެ މުވައްޒަފުންނަށް މިފަދަ ތަމްރީނު ޕްރޮގްރާމެއް ނަންގަވައި ދެއްވަވާފައެވެ.

ކައުންސިލްގެ ކޮންމެ މުވައްޒަފަކީވެސް އަހަރުތެރޭގައި މަދުވެގެން 12 ގަޑިއިރުގެ ތަމްރީން ފުރިހަމަކޮށްފައިވާ މުވައްޒަފަކަށް ހެދުމަކީ ކައުންސިލުން ކަނޑައަޅާފައިވާ ލަނޑުދަނޑިއެކެވެ. އެހެންކަމުން މިއަހަރުވެސް ތަފާތު އެކި ދާއިރާތަކަށް އަމާޒުކޮށްގެން މުޅިއެކު 109 ގަޑިއިރުގެ 10 ތަމްރީން ޕްރޮގްރާމެއް ހިންގުމަށް ވަނީ ރޭވިފައެވެ. މީގެއިތުރުން ކައުންސިލް އިދާރާއާއި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް ގުޅިގެން 'ޑިޕްލޮމާ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް' ކޯހަކާއި 'ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން' ކޯހެއް ހިންގުމަށްޓަކައި ފަހުމުނާމާގައި ސޮއި ކުރެވި ސެޓްފިކެޓް 3 ކޯހުގެ ކިޔެވުން މިއަހަރު ވަނީ ފެށިފައެވެ.